އެންމެ ފަހު ސޯޝަލް މީޑިއާ ޕޯސްޓްގައި، ކައިވެނި ކުރި ދުވަހަކީ "ހަނދާނުން ނުފިލާނެ ދުވަހެއް" ކަމަށް ބުނެފައި އިނގިރޭސި ޕްރިމިއަ ލީގު އަދި ޕޯޗުގަލްގެ ސްޓްރައިކަރު، އުމުރުން 28 އަހަރުގެ ޑިއޯގޫ ޖާތާ އާއި އޭނާގެ ފިރިހެން ކޮއްކޮ، އުމުރުން 25 އަހަރުގެ އެފް.ސީ ޕީނާފީލްގެ އެޓެކިން މިޑްފީލްޑަރު އަންދްރޭ ފިލީޕް ޓެއިޝޭރާ ޑަ ސިލްވާ، އިއްޔެ ހެނދުނު ކާރު އެކްސިޑެންޓެއްގައި ސްޕެއިންގައި ވަނީ މަރުވެފައެވެ.
ޑިއޯގޫގެ އަސަރު ގަދަ ސޯޝަލް މީޑިއާ ޕޯސްޓްކޮށްފައިވަނީ މީގެ 11 ދުވަސް ކުރިން، އޭނާގެ ޒަމާންވީ ލޯބިވެރިޔާ ރޫޓް ކާޑޯޒޯއާ ކައިވެނި ކުރި ހަފުލާގައި ނަގައިފައިވާ ހިތްގައިމު ފޮޓޯތައް އާއްމުންނާ ހިއްސާކުރަމުންނެވެ. ޑިއޯގޫ އާއި ރޫޓްގެ ވަރަށް ހަގު ތިން ދަރިން ވެސް އެބަތިއްބެވެ.
ޑިއޯގޫ އާއި އަންދްރޭ މަރުވީ ޒަމޮއާ ސަހަރު ކައިރިން ހަމައެކަނި އުޅަނދުފަހަރު ދުއްވަން ހާއްސަ އޭ-52 މޮޓޯވޭ މަގުން ދަމުން އެހެން ކާރަކުން ނައްޓައިލައިފައި ދާން އުޅެނިކޮށް އެ މީހުން ދުއްވަން ތިބި ލޭމްބޮގިނީ ކާރުގެ ފުރޮޅެއް ފަޅައިގެން ގޮސް، މުޅި ކާރުގައި އަލިފާން ހިފައި، މަގުން ކަހައިލައިގެން ކަމަށް ސްޕެއިންގެ މަދަނީ ސިފައިން ބުންޏެވެ.
"ކާރު މަގުން ކައްސައިލައިގެން ގޮސް އަލިފާން ހިފައި އުރުނީ،" އެ އިދާރާއިން ބުންޏެވެ.

ކްލަބާއި ބައިނަލްއަގުވާމީ ފެންވަރުގައި ބޭބެ ޑިއޯގޫގެ މަޝްހޫރުކަން މާ ބޮޑުކަމުން އަންދްރޭ އާއްމު ގޮތެއްގައި އުޅުނީ ޑިއޯގޫގެ ހިޔަނީގައެވެ. ނަމަވެސް އާއްމުންގެ ސަމާލުކަން ދެބެއިންނަށް ތަފާތު ގޮތެއްގައި ލިބުނަސް ދެބެއިންގެ ގުޅުން ވަރުގަދައެވެ. އެ ގޮތުން އަންދްރޭއާއެކު ނަގާ ފޮޓޯތައް ޑިއޯގޫ ގިނަގިނައިން ސޯޝަލް މީޑިއާއަށް ލައެވެ. ޗުއްޓީތަކާއި ތަމްރީންތަކުގައި ވެސް ނަގައިފައިވާ ފޮޓޯތަކެވެ.
"އެންމެ ކުޅޭ ތަން އަހަރެން ބަލާހިތްވާ ކުޅުންތެރިޔަކީ އަންދްރޭ. އެއީ މަގޭ ކޮއްކޮ. މަގޭ ކޮއްކޮ ކުޅެނީ ޕޯޗުގަލްގެ ދެވަނަ ޑިވިޝަންގައި. އޭނާ ކުޅޭ ތަން ފެނުމުން މިހާތަނަށް އަހަރެންނަށް އެންމެ ބޮޑު އުފަލެއް ލިބެނީ،" ޑިއޯގޫ އެއް ފަހަރަކު ބުނެފައިވެއެވެ.
ދުނިޔޭގެ އެންމެ ބޮޑެތި ފުޓުބޯޅަ ތަރިންނާއެކު ކުޅުނު އަދި އެ ތަރިންނާ ދެކޮޅަށް ވެސް ކުޅުނު ޑިއޯގޫ ބޭނުންވި ނަމަ އޭނާގެ "ފޭވަރިޓް" ނުވަތަ އޭނާއަށް އެންމެ "ކަމުދާ" ކިތައް ކުޅުންތެރިންގެ ނަން ގަނެވުނީހެވެ.
"ނަމަވެސް އަންދްރޭއަށް އޮތް ފުން ލޯތްބަކާއި އިހުތިރާމެއްގެ ސަބަބުން ޑިއޯގޫ ނެގީ އަންދްރޭގެ ފަޅި. މިހާރު މި ކަމުގެ ފުން އަސަރު އަދި ވަކިން ބޮޑު،" ދެބެއިންގެ މަރުގެ ހަބަރު ގެނެސްދެމުން އިންޑިއާގެ އިގުތިސާދީ ހަބަރުތައް ގެނެސްދޭ ދި އިކޮނޮމިކް ޓައިމްސް ނޫހުގައި ބުނެފައިވެއެވެ.

ލިވަޕޫލް ފުޓުބޯޅަ ކްލަބާއި ޕޯޗުގަލްގެ ފުޓުބޯޅަ އިދާރާއިން ބުނީ މި ހަބަރު ލިބުމުން "ހިތް ހަލާކުވި" ކަމަށެވެ.
ޔޫރަޕް އިއްތިހާދުގެ ފުޓުބޯޅަ އިދާރާ ކަމަށްވާ ޔޫއެފާ އާއި އެހެނިހެން ލީގުތަކުން ވަނީ ކުރިއަށް އޮތް މެޗުތަކުގައި ސުކޫތެއް ގެންނަން ނިންމައިފައެވެ.
"މިއީ ވިސްނަން ދަތި ކަމެއް. ދާދި ދެންމެއަކު ކަހަލަ ގޮތަކަށް ޑިއޯގޫ ކައިވެނި ކުރީ،" ޑިއޯގޫގެ ރަހްމަތްތެރިޔަކު ބުންޏެވެ.
ޑިއޯގޫގެ ފުޓުބޯޅައިގެ ހަޔާތް:

ޑިއޯގޫއަކީ މަޑުޖެހުމެއް ނެތި، ހަރަކާތްތެރި ސްޓައިލަކަށް ކުޅުނު، ޔަގީންކަމާއެކު ލަނޑު ޖެހި ކުޅުންތެރިއެކެވެ. އިނގިރޭސި ޕްރިމިއަ ލީގުގައި 123 މެޗު ކުޅެ، 47 ގޯލު ޖަހައިފައިވެއެވެ. އަދި މުޅި ފުޓުބޯޅަ ހަޔާތުގައި ކުޅުނު ހުރިހާ މުބާރާތްތަކުގައި 182 މެޗު ކުޅެ، 65 ގޯލު ޖަހައިފައިވެއެވެ.
ޑިއޯގޫގެ ފުޓުބޯޅަ ކެރިއަރު ފާހަގަ ކުރެވިފައިވަނީ މުޅި ހަޔާތުގައި ވެސް އެއް މިނެއްގައި ފުޓުބޯޅައިގައި ވިދަމުން އައި ކަމެވެ. ގޯލަށް ހަމަލާ ދިނުމުގައި ވެސް އެ ދަނޑިވަޅަކަށް އެކަށޭނަ ގޮތަށް އުކުޅު ބަދަލުކޮށްލައި ލަނޑު ޖަހަން ހުށިޔާރެވެ. ރެކޯޑުތައް ވެސް މުގުރަމުން، ކްލަބަށާއި ގައުމަށް ތަށިތައް ހޯދައިދެމުން އައެވެ. ފުޓުބޯޅައަށް ގެނައި އަސަރުން، އޭނާ ދަންނަ މީހުންނާއި އާއްމުންގެ ހިތުގައި ވެސް ހާއްސަ މަގާމެއް ދެވިފައިވާ ކުޅުންތެރިއެކެވެ.
ކްލަބް ފެންވަރުގައި ވުލްވަހެމްޕްޓަން ވޮންޑަރާސްގައި އީ.އެފް.އެލް ޗެމްޕިއަންޝިޕްގެ 2017-2018 ސީޒަން ކާމިޔާބު ކޮށްގެން އެ ޓީމު ޕްރިމިއަ ލީގަށް ޕްރޮމޯޓުވިއެވެ. އަދި 45 މިލިއަން ޕައުންޑް (946 މިލިއަން ރުފިޔާ) އަށް ލިވަޕޫލަށް ކުޅެން ފަށައި، 2024-2025 ގެ ޕްރިމިއަ ލީގް ޗެމްޕިއަންކަމާއި 2021-2022 ސީޒަންގެ އެފް.އޭ ކަޕް ކާމިޔާބުކުރުމާއި 2021-2022 އާއި 2023-2024 ސީޒަންގައި އީ.އެފް.އެލް ލީގް ކަޕް ލިބުމާއި 2021-2022 ސީޒަންގައި ޗެމްޕިއަންސް ލީގް ފައިނަލަށް ދިޔަ އިރު ވެސް ޑިއޯގޫ އެ ޓީމުން ފާހަގަ ކޮށްލެވުނެވެ.
އޭނާގެ ބައިނަލްއަގުވާމީ ކެރިއަރަށް ބަލާއިރު 2018-2019 އާއި 2024-2025 ސީޒަންގައި ޔޫއެފާ ނޭޝަންސް ލީގު ޗެމްޕިއަންކަން ހޯދައިފައިވެއެވެ. މި ދިޔަ އަހަރު ޖަނަވަރީ މަހު ޕްރިމިއަ ލީގުގެ މަހުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބިފައިވެއެވެ. އަދި 2020 ގައި ޔޫއެފާ ޗެމްޕިއަންސް ލީގް ބްރޭކްތްރޫ އެގާރައިގައި ހިމެނުމާއި ޕްރިމިއަ ލީގްގައި 21 ސިކުންތު ތެރޭގައި ލަނޑު ޖަހައިގެން ލިވަޕޫލްގެ ބަދަލު ކުޅުންތެރިއެއްގެ އެންމެ އަވަސް ގޯލު ޖެހިކަމުގެ ރެކޯޑު ވެސް ހޯދިއެވެ.
ޑިއޯގޫއަކީ ހޯމް ލީގްގައި ޖެހިޖެހިގެން ހަތަރު މެޗުގައި ލަނޑު ޖެހި ލިވަޕޫލްގެ ފުރަތަމަ ކުޅުންތެރިޔާއެވެ. ލިވަޕޫލްގެ 10،000 ވަނަ ގޯލު ޖެހި ކަމުގެ ރެކޯޑު ހޯދައިފައިވާއިރު އެންމެ ގިނަ ލަނޑު ޖެހި ބަދަލު ކުޅުންތެރިއަކަށް ވެފައިވަނީ ވެސް އޭނާއެވެ.
ޑިއޯގޫ ފާހަގަ ކުރެވިފައިވާ އަނެއް ކަމަކީ ބޮލުންނާއި ކަނާތު އަދި ވައަތު ފައިން 10 އަށްވުރެ ގިނަ ގޯލު ޖެހިކަމެވެ. ޕްރިމިއަ ލީގުގައި ލިވަޕޫލްގެ ގޭމް ނިންމައިލައި އެންމެ މޮޅު ކުޅުންތެރިއަކީ ވެސް ޑިއޯގޫއެވެ. އޭނާއަށް ލިބުނު ފުރުސަތުތަކުގެ ތެރެއިން 19.3 ޕަސެންޓް ވަނީ ކާމިޔާބު ނަތީޖާތަކަށް ބަދަލުކޮށްފައެވެ.
އަންދްރޭގެ ފުޓުބޯޅައިގެ ހަޔާތް:

ޑިއޯގޫގެ ކޮއްކޮ އަންދްރޭގެ ފުޓުބޯޅަ ކެރިއަރު ކުރިއަރަމުން އައީ މަތީ ޑިވިޝަންތަކުން ބޭރުގައި ކަމަށް ވިޔަސް، އަންދްރޭ ފާހަގަ ކުރެވިފައިވަނީ އަބަދުވެސް ކުރިއަރަމުން އައި ކުޅުންތެރިއެއްގެ ގޮތުގައެވެ. އެ ގޮތުން ޕޯޗުގަލް ލީގުގައި އުއްމީދީ ކެރިއަރެއް ގާއިމު ކުރަމުން އައި އަންދްރޭ ތައުލީމަށް ދިން އިސްކަމުގެ ސަބަބުން އޭނާ ވަނީ މެނޭޖްމަންޓް ދާއިރާއިން ޑިގްރީއެއް ހާސިލުކޮށްފައެވެ.
ޕީނާފީލްގެ ކޯޗު ހެލްޑާ ކްރީސްޓޮވާ، އަންދްރޭއަށް ތައުރީފު ކުރަމުން ބުނީ އަންދްރޭއަކީ "ވަރަށް ރަނގަޅަށް ތައުލީމު ލިބިފައިވާ ކުއްޖެއް" ކަމަށެވެ.
"ހަލުވި ދުވެއްޔެއް ލިބިފައިވާ އަންދްރޭއަކީ އަހަރެމެންގެ ކުޅިވަރަށް ތަފާތު ހަރަކާތްތެރިކަމެއް ގެނެސްދިން ކުޅުންތެރިއެއް،" ހެލްޑާ ބުންޏެވެ.
އަންދްރޭ ޕީނާފީލްއާ ގުޅުނީ 2023-2024 ގެ ސީޒަން ފެށުމުގެ ކުރިންނެވެ. އެއަށް ފަހު 2024-2025 ސީޒަންގައި 32 މެޗު ކުޅެ، ދެ ގޯލު ޖަހައި އަދި ދެ ގޯލު ޖެހުމަށް އެހީތެރިވިއެވެ.
މުޅި ފުޓުބޯޅަ ހަޔާތުގައި އޭނާ ވަނީ 143 ރަސްމީ މެޗު ކުޅެ، 21 ގޯލު ހިއްސާކޮށް، ހަތަރު ގޯލު ޖެހުމަށް އެހީތެރިވެދީފައެވެ.
އަންދްރޭއަކީ ގޮންޑޮމާރު، އެފް.ސީ ޕޯޓޯ، ބޮއެވިޝްޓާ އަދި ފެމެލިކައުގެ ޒުވާން އެކަޑެމީތަކުން އުފެދުނު ހުނަރުވެރިއެކެވެ. ޕީނާފީލަށް ބަދަލުވުމުގެ ކުރިން އަންދްރޭ ގޮންޑޮމާރުގެ ސީނިއަ ޓީމަށް ވެސް ކުޅުނެވެ. އަދި ބޭބެ ޑިއޯގޫއާއެކު ޕޯޓޯގައި ވެސް އުޅުނެވެ.
