އަހަރެމެން ކުޑައިރު "ސްލީޕިން ބިއުޓީ" ނުވަތަ "ނިދިފައިވާ ފަތްމިންޏެ"އްގެ ވާހަކައެއް ކިޔަމުއެވެ. އެ "ފެއަރީ ޓޭލް"ގައި ޕްރިންސަސް އޮރޯރާ ނަމަކަށް ކިޔާ ޝެހެޒާދާއެއް އޭނާގެ އުމުރުން 16 އަހަރުގައި، ސިހުރެއްގެ ސަބަބުން، ރޮދި ހަދާ މެޝިނެއްގެ ކަށި އަތަށް ހެރި، ދާއިމީ ނިންޖަކުން ނިދަން ފަށައެވެ. އޭނާއަށް ހޭލެވެނީ އޭނާ ދެކެ "ހަގީގީ ލޯބިވާ" ޝެހެޒާދަކު އޭނާގެ ތުންފަތަށް ބޮސް ދިނީމައެވެ.
ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާގައި ވެސް މި ފަދަ "ނިދިފައިވާ ޝެހެޒާދެ"އްވެއެވެ. ނަމަވެސް، މި ވީޑިއޯ ހަބަރުގައި ވެސް ބުނާ ގޮތުން، މީގެ ލަފުޒީ މާނައިން ބުނާ "ސްލީޕިން ޕްރިންސް"ގެ ނަމުން މިހާރު މަޝްހޫރުވެފައިވާ ޝެހެޒާދު އަލް-ވަލީދު ބިން ހާލިދު ބިން ތޮލާލު "ނިދުމަށް" ދިމާވީ މުޅިން އެހެން ގޮތެކެވެ. އެއީ 2005 ގައި އިނގިރޭސި ވިލާތުގައި އަސްކަރީ ކޮލެޖެއްގައި ކިޔަވަން އުޅުނުއިރު ކާރު އެކްސިޑެންޓެއްގައި ސިކުނޑިއަށް ލިބުނު ގެއްލުމެއްގެ ސަބަބުން ވޭތުވެދިޔަ 20 އަހަރު ކޯމާއަކަށް ދިޔައީއެވެ.
ސައުދީ އަރަބިއްޔާގެ ބާނީ ކަމަށްވާ ރަސްގެފާނު އަބްދުލްއަޒީޒުގެ މުނިކާފަދަރި ކަމަށްވާ އަލް-ވަލީދު އަދިވެސް އޮތީ ވެންޓިލޭޓަރުގައެވެ. އޭނާއަށް ކާން ދެނީ "ފީޑިން ޓިއުބް" ނުވަތަ ހޮޅި ގުޅައިގެންނެވެ. ނަމަވެސް ވޭތުވެދިޔަ ދެ ދަހަރު އޭނާގެ ސިއްހީ ހާލަތަށް އެއްވެސް ކުރިއެރުމެއް ނުލިބެއެވެ.
މި ދިޔަ އެޕްރިލް މަހުގެ 18 ވަނަ ދުވަހަކީ އަލް-ވަލީދުގެ 36 ވަނަ އުފަންދުވަހެވެ.

އެކްސިޑެންޓަށް ފަހު ރަސްގެފާނު އަބްދުލްއަޒީޒުގެ ނަންފުޅަށް ނިސްބަތްވާ، ވެރިރަށް ރިޔާޒްގައި ހުންނަ މެޑިކަލް ސިޓީގައި އަލް-ވަލީދު ވަނީ "ލައިފް ސަޕޯޓް"ގައި ބާއްވައިފައެވެ. އޭނާއަށް އަދިވެސް އަންނަނީ ކެނޑިނޭޅި 24 ގަޑިއިރު ފަރުވާ ދެމުންނެވެ.
މިހެން އޮއްވައި ވެސް، 2019 ގައި އަލް-ވަލީދުގެ އާއިލާއިން ބުނީ، އޭނާ ކުދިކުދި ހަރަކާތްކުރި ކަމަށެވެ. އެ ގޮތުން އެއް ފަހަރަކު އިނގިއްޔެއް އުފުލައިލިއެވެ. އެހެން ފަހަރަކު ބޯ އަނެއް ކޮޅަށް އަނބުރައިލިއެވެ. ނަމަވެސް އޭގެ ފަހުން އެއްވެސް ހަރަކާތެއް ރެކޯޑު ކުރެވިފައެއް ނުވެއެވެ.

ދާދި ފަހުން އަލް-ވަލީދަށް 36 އަހަރު ފުރުނުތަނާ ވީޑިއޯއެއް ވައިރަލްވިއެވެ. އޭގައި އޭނާގެ ފޮޓޯއެއް ދެއްކިއަސް ހަގީގަތަކީ އޭނާ އަދިވެސް ހޭނާރާ ކަމެވެ. ވީޑިއޯއިން އަސްލުގައި ފެންނަނީ ސައުދީގެ ވިޔަފާރިވެރިއެއް އަދި "ރެލީ ޑްރައިވަރެ"އް ކަމަށްވާ ޔަޒީދު މުހައްމަދު އަލް-ރަޖްހީ މެޑިކަލް ސިޓީއަށް ޒިޔާރަތްކޮށް އަލް-ވަލީދުގެ އާއިލާއާ ބައްދަލުކުރާ މަންޒަރެވެ. އޭގައި އަލް-ވަލީދެއް ނުދައްކައެވެ.
ޔަޒީދު ވަނީ ބާޖާ ޖޯޑަން ރެލީގެ ރޭހެއްގައި އެކްސިޑެންޓްވެފައެވެ. އޭނާގެ މައިބަދައިގައި ރެނދުތަކެއް ލިއެވެ. ނަމަވެސް ފަރުވާ ލިބުމަށް ފަހު މިހާރު ރަނގަޅުވެ، ހިނގާބިނގާވެ އުޅެވެއެވެ.

ލައިފް ސަޕޯޓުން ނަގައި، އަލް-ވަލީދު މި ދުނިޔެއާ ވަކިކޮށްލުމަށް އޭނާގެ ބައްޕަ ހާލިދު ބިން ތޮލާލު ނޭދެއެވެ. އެއީ އެ ގޮތަށް އަމަލުކުރުމަށް ސިއްހީ ދާއިރާގެ ފަރާތްތަކުން އޭނާއަށް މަޝްވަރާ ދެމުން އައި ނަމަވެސް މެއެވެ. ހާލިދު އަދިވެސް ބޭނުން ވަނީ އޭނާގެ ދަރިފުޅު އަލް-ވަލީދުގެ ފުރާނަ ސަލާމަތް ކުރެވޭތޯ މަސައްކަތް ކުރުމަށެވެ.
އާއްމު ކުރި ބަޔާނެއްގައި ހާލިދު ބުންޏެވެ: "ކާރު އެކްސިޑެންޓްގައި އޭނާ މަރުވުމަށް މާތް ﷲ ބޭނުންވެ ވޮޑިގެންވި ނަމަ، އޭނާ މިހާރު ވީހީ އޭނާގެ ކަށްވަޅުގައެވެ."

އަލް-ވަލީދުގެ މަންމަ ރީމާ ވެސް ބުނަނީ "ދަރިފުޅުގެ ރޫހު އަހަރެމެންގެ ގާތުގައިވާހެން އަދިވެސް އިހުސާސް ކުރެވޭ" ކަމަށެވެ.
އަލް-ވަލީދުގެ ކާފަ، ތޮލާލު ބިން އަބްދުލްއަޒީޒު އަލް-ސައުދުއަކީ ރަސްގެފާނު އަބްދުލްއަޒީޒުގެ ފިރިހެން ދަރިންގެ ތެރެއިން ދަރިއެކެވެ. ސައުދީގެ އަދުގެ ރަސްގެފާނު ކަމަށްވާ ސަލްމާންއަކީ އަލް-ވަލީދުގެ މުނިބޮޑުބޭބެއެވެ.

ކޮންމެ އަހަރަކު ވެސް، އަލް-ވަލީދުގެ އުފަންދުވަހުގެ މުނާސަބަތުގައި، އޭނާ "ނިންޖެއްގައި" އޮތަސް، ސޯޝަލް މީޑިއާ ފުރިގެން ބަންޑުންވަނީ އޭނާގެ ހަޔާތަށް އާ އުއްމީދެއް ލިބުމަށް އެދި އާއްމުން ކުރާ ދުއާތަކުންނެވެ.

