ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑެބިޓް ކާޑުން ރާއްޖޭން ބޭރުގެ މުދަލާއި ޚިދުމަތަށް ފައިސާ ދެއްކޭ ލިމިޓް އަންނަ މަހުން ފެށިގެން މަހަކަށް 500 ޑޮލަރަށް ބޮޑުކޮށްފިއެވެ.
ކުރިން ބޭނުން ކުރެވެނީ 250 ޑޮލަރެވެ.
"ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާ އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެއެވެ." ބީއެމްއެލްގެ ބަޔާނެއްގައި ވެއެވެ.
"ރާއްޖޭން ބޭރަށް ދަތުރުނުކުރާ ފަރާތްތަކުގެ ކާޑުތައް ވެސް ރާއްޖޭން ބޭރަށް ގެންގޮސްގެން އޭޓީއެމްތަކުން ފައިސާ ނަގަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. އެހެންކަމުން މުދަލާއި ޚިދުމަތުން ފައިސާ ދެއްކޭ އަދަދު އިތުރުކޮށްދިނުމާއެކު އޭޓީއެމްއިން ރާއްޖޭން ބޭރުގައި ނަގުދު ފައިސާ ނެގޭނެ އަދަދަކީ މަހަކު 125 ޔޫއެސް ޑޮލަރެވެ. އަދި އޭޓީއެމްއިން ފައިސާ ނެގުމުން ޗާޖްކުރެވޭ އަދަދަކީ 10 ޔޫއެސްޑޮލަރެވެ."
ބީއެމްއެލް އިން ބުނީ ޑެބިޓް ކާޑުތަކުން ރާއްޖޭން ޑޮލަރު އެންމެ ގިނައިން ބޭރުކުރެވޭ އެއްކަމަކީ އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދެއްކުން ކަމަށެވެ.
"އެހެންކަމުން މިގޮތަށް ފާހަގަކުރެވޭ ބައެއް މަދު ސައިޓްތަކުން (މިވަގުތު ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ އިން އެކަނި) ފައިސާ ދައްކާއިރު %30 އާ ހަމައަށް ފީއެއް ނެގޭނެއެވެ. މީގެ ތެރޭގައި ޓިކެޓް ނެގުމަށާއި ހޮޓާ ބުކް ކުރުމާއި ސަބްސްކްރިޕްޝަން ފަދަ އާންމު ބޭނުންތަކަށް ފައިސާގެ މުއާމަލާތްކުރާ ސައިޓްތައް ނުހިމެނެއެވެ. އަދި ޑޮލަރު އެކައުންޓްތަކަށް ދޫކުރެވިފައިވާ ޑެބިޓް ކާޑުތަކާއި ކްރެޑިޓް ކާޑުތައް ނުހިމެނެއެވެ. ރާއްޖޭން ބޭރުން މުދަލާއި ޚިދުމަތަށް ފައިސާ ދެއްކޭ އަދަދު 500 ޑޮލަރަށް ބޮޑުކޮށްފައިވަނީ މިހާރު ނަގާ ފީ އިތުރުކުރުމަކާ ނުލައެވެ."
"ބޭންކުން އިސްކަންދެނީ ރާއްޖޭން ބޭރުން ޑެބިޓް ކާޑުން ކުރެވޭ މުއާމަލާތްތަކުގައި އާންމު ފަރުދުންގެ ޒަރޫރީ ބޭނުންތަކަށް ރަނގަޅު ހައްލެއް ހޯދާ ދިނުމަށެވެ. ޑެބިޓް ކާޑުތަކާއި ކްރެޑިޓް ކާޑުތަކަށް މަހަކަށް ކަނޑައެޅޭ ލިމިޓް ބެލުމުގައި މީގެ ފަހުން ބަލާނީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މަހުގެ ފަހު ދުވަހާ ހަމައަށެވެ."



advertisment

