އުމުރުން މިހާރު 25 އަހަރުގެ އަންހެނެއް ކަމަށްވާ މަރާޔާ ވެސްޓަން ކޫންގެ ހަށިގަނޑުގައި ފާރުތަކެއްވެއެވެ. މީގެން އޭނާ ކިޔައިދެނީ އޭނާއަށް މަގުމަތީ އެކްސިޑެންޓެއް ކުރިމަތިވި ވާހަކައެކެވެ. ނަމަވެސް މިއީ އެމެރިކާގެ ދައުލަތުގެ "ސިސްޓަމެޓިކް ނިގްލެކްޓް" ނުވަތަ ނިޒާމީ އިހުމާލުވުމެއްގެ ނިޝާންތަކެއް ކަމަށް ބުންޏެވެ.
މަރާޔާ ވަނީ އަޔަލެންޑްގައި ހޭދަކުރި ޗުއްޓީއެއްގައި ހިނގި މަގުމަތީ ހާދިސާއަކުން ކިރިޔަކިރިޔާ ސަލާމަތްވެފައެވެ. އޭނާގެ ކާރު އެހެން އުޅަނދަކާ މުޑިއެރީ ސީދާސީދާކޮށެވެ. ފުރާނައަށް ނުރައްކާވާރުގެ ޒަހަމްތަކެއް ލިބުމުން އޭނާއަށް "ބްރޫޓަލް ޓްރުތް"އެއް ނުވަތަ "އަނިޔާވެރި ހަގީގަތެ"އެއް ފަޅައިއެރި ކަމަށް ބުންޏެވެ: އެމެރިކާގައި އުޅަނދުފަހަރުގެ ސަލާމަތްތެރިކަން ޓެސްޓް ކުރަން އަދިވެސް ބޭނުން ކުރަނީ 1970 ގެ އަހަރުތަކުގައި އުޅުނު ފިރިހެނުންގެ ހަށިގަނޑުގެ ފަރުމާއަށް ބަލައިގެން ހަދައިފައިވާ "ޑަމީ" ނުވަތަ ބުދުތަކެއް ކަމެވެ.
މަރާޔާ ފަދަ އަންހެނުންނަކީ، ސީދާސީދަލަށް ދެ އުޅަނދެއް މުޑިއަރައިފި ނަމަ މަރުވެދާނެ ކަމަށް ތަފާސްހިސާބުތަކުން ދައްކާ 73 ޕަސެންޓް އަންހެނުންގެ ތެރެއިން އެކަކެވެ. މިއީ އަންހެނުންގެ ލޫޅާފަތި ނުވަތަ ހިމަހޯއްދުންކަމުން ކުރިމަތިވާ ކަމެއް ނޫން ކަމަށް ދިރާސާތަކުން ދެއްކިއެވެ. ނަމަވެސް މިއީ އަންހެނުންގެ ހަށިގަނޑުގެ "އެނަޓޮމީ" ނުވަތަ ގުނަންތައް އެތުރިފައިވާ ގޮތަށް ބިނާކޮށްފައި ހަދައިފައިވާ ބުދު އެމެރިކާގެ ސަލާމަތީ މުއައްސަސާތަކުން އަދިވެސް ބޭނުން ނުކުރާތީ ފެންމަތިވެގެން އުޅޭ ނާމާން ތަފާސްހިސާބެކެވެ.
އެނަޓޮމީއަކީ ގުދުރަތީ ގޮތުން ދިރޭ މަހުލޫގުންގެ ހަށިގަނޑު ރޭވިފައިވާ ގޮތްތަކެވެ. އޭގެ ތެރޭގައި މަހުލޫގުންގެ އެންމެ ކުދި ގުނަންތަކުން ފެށިގެން ބޮޑެތި ގުނަންތައް އެތުރިފައިވާ ގޮތްތަކާއި އެ ތަކެތި މަސައްކަތްކުރާ ނިޒާމުތައް ހިމެނެއެވެ. އެ ގޮތުން މަހުލޫގުންގެ އެންމެ ކުދި ގުނަންތަކުގެ ތެރޭގައިވާ ސެލްތަކާއި ޓިޝޫތަކާއި އަދި އެހެނިހެން ކުދި ގުނަންތަކާއި އެ ތަކެތި މަސައްކަތްކުރާ ނިޒާމްތައް ވެސް ހިމެނެއެވެ.
"ޒަމާނީ މައްސަލަތައް ހައްލުކުރަން އަހަރެމެން މިހާރު މި ބޭނުން ކުރަނީ ބޯދާ އާލާތްތައް،" މިހާރު ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލު ކުރަމުން އަންނަ މަރާޔާ ބުންޏެވެ.
އޭނާ މިހާރު ވަނީ މި ފަދަ މައްސަލަތަކަށް ސަމާލުކަން ގެނައުމަށާއި އެ ކަންތައްތައް ސަރުކާރުން ހައްލުކުރުމަށް ބާރުއެޅުމުގެ ގޮތުން އަމިއްލަ ޖަމިއްޔާއެއް އުފައްދައިފައެވެ؛ ނަމަކީ "ޑްރައިވް ޔޫ.އެސް ފޯވާޑް" ނުވަތަ ލަފުޒީ މާނައިން ނަމަ "އެމެރިކާ ކުރިއަށް ދުއްވާ"ށެވެ.
އެމެރިކާގެ ގާނޫނެއް ކަމަށްވާ "ޝީ ޑްރައިވްސް އެކްޓް" ނުވަތަ ލަފުޒީ މާނައިން ނަމަ "އަންހެނުން ވެސް ދުއްވާ ގާނޫނަ"ށް ގައުމުގެ ބޮޑު ދެ ސިޔާސީ ޕާޓީ ކަމަށްވާ ޑިމޮކްރެޓުންނާއި ރިޕަބްލިކަނުން ތާއީދު ކުރި ނަމަވެސް، ގައުމުގެ ރެގިއުލޭޓަރުންގެ ދުވެލި އަދިވެސް އުޅެނީ ނެގިމަޑުކަމެއްގައެވެ.
މިއާ ހިލާފަށް ދުނިޔޭގެ ބޮޑެތި އެހެން ބާރުތައް ކަމަށްވާ ޖަޕާނާއި ޖަރުމަނީން ވަނީ އުޅަނދުފަހަރުގެ ސަލާމަތީ މިންގަނޑުތައް މިނަން މި ޒަމާނަށް ފެތޭ "އަންހެން" ބުދު ބޭނުން ކުރަން ފަށައިފައެވެ. އޭގެ ތެރޭގައި ހަގީގީ އަންހެނުންގެ ހަށިގަނޑުގެ އެނަޓޮމީއަށް ބިނާކޮށްގެން ފަރުމާކޮށްފައިވާ "ތޯ 5-އެފް" މަރުކާގެ ބުދު ހިމެނެއެވެ.
މި ފަދަ މައްސަލަތަކާމެދު ހޭލުންތެރިކަން އިތުރު ކުރަން މަރާޔާ ފަދަ އެތައް އަންހެނުން ކިތައްމެ ވަރަކަށް މަސައްކަތް ކުރި ނަމަވެސް ކާރު ފަދަ އުޅަނދުފަހަރު އުފައްދާ ކުންފުނިތަކުން މަރާޔާމެން ކަހަލަ އެކްޓިވިސްޓުންނާ ދެކޮޅަށް އަޑުއުފުލައެވެ. އެ ކުންފުނިތަކުން ބުނަނީ އަލަށް އުފައްދައިގެން އުޅޭ ޒަމާނީ "އަންހެން" ބުދުތަކަކީ އެކްސިޑެންޓް ފަދަ ހާދިސާތައް ދިރާސާ ކުރުމަށް އެކަށީގެންވާ ބުދުތަކެއްކަން އަދި ކަށަވަރު ކުރެވިފައި ނުވާ ކަމަށެވެ.
ނަމަވެސް މަރާޔާމެންގެ ވާހަކައަކީ މިއެވެ: ދައުލަތުގެ ބަލިފައެއްގެ ފޭލިވުމަކުން އެތައް އަންހެނުންގެ ފުރާނަ އަދިވެސް ވަނީ ނުރައްކަލަށް ހުށަހެޅިފައެވެ. އެހެންކަމުން މިއީ ކަމެއް ނިންމައިލައިފައި އަންނަ "އާފްޓާ-ތޯޓް"އެއް ކަމަށް ބެލެވެން ނެތް ކަމަށް މަރާޔާ ބުންޏެވެ. ޔައުނީ މުހިންމު ކަމެއް އެއްކޮށް ހައްލުކޮށް ނިންމައިލައިފައި، އެ ކަން އަދި އިތުރަށް "ޕާފެކްޓް" ނުވަތަ ފުރިހަމަ ކޮށްލަން "ހިނގާ ދެން މި ތަންކޮޅު ވެސް އަދި އިތުރުކޮށްލަން" މިހެން ބުނެވޭކަށް ނެތް ކަމަށެވެ.
"އާބާދީގެ ދެބައިކުޅަ އެއް ބަޔަކީ 'އާފްޓާ-ތޯޓެ’އް ކަމަށް ބެލެވިގެން ނުވާނެ،" މަރާޔާ ބުންޏެވެ. އަދި އިތުރުކޮށްލިއެވެ: "އެ މީހުންނަށް އަދި ވިސްނޭނެ. އެ ނޫން ގޮތެއް ނެތް. އެތައް ފުރާނައާ ގުޅުން ހުރި މައްސަލައެއް މިއީ."
