Support Us

"ކެމިކަލް ޢަލީ": މެރުމަށް 8 ފަހަރަށް ޙުކުމްކުރި

ކެމިކަލް ޢަލީގެ ނަމުން މަޝްހޫރުވެފައިވާ ޢަލީ ޙަސަން އަލް މަޖީދު އަލް ތިކްރީތީއަކީ އިރާގުގެ ކުރީގެ ރައީސް ސައްދާމް ޙުސައިންނަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެކެވެ. އޭނާ ވަނީ އަސްކަރީ އިސްމަޤާމުތަކެއް އަދާކުރައްވާފައެވެ. އަދި އެއީ 1991 އިން 1995 އަށް އިރާގުގެ ދިފާޢީ ވަޒީރެވެ.

ޢަލީ ޙަސަން އަލް މަޖީދު، "ކެމިކަލް ޢަލީ"ގެ ނަމުން މަޝްހޫރުވީ އިރާގުގެ ތާރީޚުގައި އޭނާގެ އަމުރަށް ކެމިކަލް ހަތިޔާރު ބޭނުންކޮށްގެން އެތައް ހާސް ބަޔަކު މަރުވެ، އެތައް ޢާއިލާތަކެއްގެ ހިތްތަކުގައި ނުފިލާނެ ޒަޚަމްތަކެއް ލައްވާ ލައްވާފައި ވާތީއެވެ.

އިރާގުގެ ކެމިކަލް ހަތިޔާރުގެ ޕްރޮގްރާމަކީ ރައީސް ސައްދާމް ޙުސައިންގެ ވެރިކަމުގައި 1980 ގެ އަހަރުތަކުގައި ބާރުދުވެލީގައި ކުރިއަށްގެން ދިޔަ ޕްރޮގްރާމެކެވެ. އީރާނާއި އިރާގު ހަނގުރާމަ (1980-1988) ގައި އިރާގުން އިރާނާ ދެކޮޅަށް 30 ފަހަރެއްގެމަތިން ކެމިކަލް ހަތިޔާރު ބޭނުންކޮށްފައިވެއެވެ. މި ހަތިޔާރުތަކުގެ ތެރޭގައި މަސްޓަރޑް ގޭހާއި، ސައިނައިޑް ގޭސް އަދި ނާރު ގޭސް ފަދަ ނުރައްކާތެރި މާއްދާތައް ހިމެނެއެވެ. އޭރު ކެމިކަލް ޢަލީއަކީ އިރާގުގެ އަސްކަރިއްޔާގައި ވަރަށް ބާރުގަދަ ޖެނެރަލެކެވެ.

ކެމިކަލް ޢަލީ މި ނަމުގައި ގިނަ ބަޔަކަށް އެނގިގެން ދިޔައީ 1980 ގެ އަހަރުތަކުގެ ފަހުކޮޅު އިރާޤުގެ ކުރުދީ އާބާދީއާ ދެކޮޅަށް ބޭނުންކުރުމާ ގުޅިގެންނެވެ. ރައީސް ސައްދާމް ޙުސައިނާ ދެކޮޅަށް ތެދުވި ކޮންމެ ބައެއްގެ ކަންތައް ވެސް ނިންމާފައި ވަނީ މިކަހަލަ ގޮތަކަށެވެ. މިގޮތުން 1988 ވަނަ އަހަރުގެ މާރިޗުމަހުގެ 16 ވަނަ ދުވަހު ހަލަބްޖާގައި އިރާގުގެ ސިފައިން "އަލް އަންފާލް"ގެ ނަމުގައި ކުރިއަށް ގެންދިޔަ ބިރުވެރި އަދި އަނިޔާވެރި ކެމްޕޭނުގައި 5000 މީހުންނަށްވުރެ ގިނަ މީހުން ކެމިކަލްގެ ވިހަ ގޭސް ބޭނުންކޮށްގެން މަރާލާފައި ވެއެވެ. އޭގެތެރޭގައި ގިނަ އަދަދަކަށް އަންހެނުންނާއި ކުޑަކުދީން ވެސް ހިމެނެއެވެ. މި ކެމްޕޭނުގައި ކުރުދީންގެ ސަރަހައްދުގެ ގިނަ ރަށްތައް ހަލާކުވެ، އާބާދީގެ ބޮޑު ބައެއް ވަނީ ގެދޮރު ދޫކޮށް ގޮސްފަ އެވެ.

ކެމިކަލް ޢަލީގެ އަނިޔާވެރިކަން ފެނުނީ ހަމައެކަނި ކުރުދީންނާ ދެކޮޅަށެއް ނޫނެވެ. އިރާގުގެ ދެކުނުގެ ޝިޔަޢީންނާ ދެކޮޅަށް ވެސް ކެމިކަލް ބޭނުންކުރިއެވެ. ޚާއްޞަކޮށް 1991 ވަނަ އަހަރުގެ ޚަލީޖު ހަނގުރާމައަށް ފަހު ޝިޔަޢީން ހިންގި ހަރަކާތްތައް ހުއްޓުވުމަށްޓަކައި ވަރަށް ނުރައްކާތެރި ޢަމަލުތަކެއް އިރާގުގެ ސިފައިން ވަނީ ހިންގާފައެވެ.

އިރާގުގެ ރައީސް ސައްދާމް ޙުސައިންގެ ވެރިކަން ދިފާޢުކުރުމަށް ކެމިކަލް ހަތިޔާރުގެ ބޭނުންކުރިއިރު، ރައީސް ސައްދާމް ޙުސައިންގެ ވެރިކަން ވައްޓާލުމުގެ ބަހަނާއަކަށް އެމެރިކާއިން ވެސް ދެއްކީ އިރާގުގައި ނުރައްކާތެރި ކެމިކަލް ހަތިޔާރު ހުރިކަމުގެ ވާހަކައެވެ. އެމެރިކާއިން އިރާގަށް އަރައި އެތައް މުސްލިމުންނެއް ޝަހީދުކޮށް އެ ޤައުމު ސުންނާފަތި ކުރިޔަސް އެމެރިކާއިން އިރާގަށް ހަމަލާދިނުމުގެ ބަހަނާއަކަށް ހެދި ނިޔުކްލިއަރ ހަތިޔާރެއް އެ ޤައިމަކުން ނުފެނުނެވެ.

ރައީސް ސައްދާމް ޙުސައިންގެ ވެރިކަން ވައްޓާލައި އެ ވެރިކަމުގެ ބޮޑުންގެ މައްޗަށް ތަފާތު ދައުވާތައް އުފުލައި ޝަރީޢަތްތައް ކުރިއެވެ. މިގޮތުން ކެމިކަލް ޢަލީގެ މައްޗަށް އުފުލި ދައުވާތަކުގެ ތެރެއިން ގިނަ ދައުވާތަކެއް ސާބިތުވިއެވެ. އޭގެތެރޭގައި ކެމިކަލް ހަތިޔާރު ބޭނުންކޮށްގެން މީހުން މެރުމުގެ ކުށް ވެސް ހިމެނެއެވެ. އެކިއެކި ދައުވާތަކާ ގުޅިގެން ކެމިކަލް ޢަލީއަށް މެރުމަށް އަށް ފަހަރަށް ހުކުމް އިއްވިއެވެ. އޭނާ ދަންޖައްސައި މަރާލީ 25 ޖެނުއަރީ 2010 ގައެވެ.

* ޢަބްދުﷲ ސަޢީދުގެ ލިޔުއްވުމަކުން

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *