ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓާލާ ރަށްރަށަށް ފައިސާގެ އިނާމެއް ނުވަތަ އިނާޔަތެއް ދިނުމާ ގުޅޭ ގޮތުން ދިރާސާކުރައްވައި، އެކަމާ ގުޅޭ ކަރުދާހެއް ހުށަހެޅުއްވުމަށް ކަމާބެހޭ ވަޒީރުންނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަންގަވައިފިއެވެ.
އެކްސްގައި މިއަދު ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، މި އެންގެވުން އެންގެވީ މި ހަފުތާގައި ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ކަމަށެވެ.
"ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުހެލިވެފައިވާ ދުޅަހެޔޮ މުޖުތަމަޢަކަށް ހެދުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓާލާ ރަށްރަށުގެ އާބާދީގެ ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް ޖަމާކޮށްދޭ ފައިސާގެ އިނާމެއް ނުވަތަ އިނާޔަތެއް ދިނުމާ ގުޅޭ ގޮތުން ދިރާސާއެއް ހެއްދެވުމަށްފަހު، އެކަމާ ގުޅޭ ކަރުދާހެއް ތައްޔާރުކުރައްވައި ހުށަހެޅުއްވުމަށް، މި ހަފްތާގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ކަމާބެހޭ ވަޒީރުންނަށް ވާނީ ދަންނަވާފައި،" ރައީސް ވިދާޅުވިއެވެ.
ދުންފަތުގެ ޖެނެރޭޝަނަލް ބޭން ކަނޑައަޅުއްވައި ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ރައީސް ވަނީ ހުސްވި މޭ މަހުގެ 21ގައި ތަޞްދީޤުކުރައްވައިފައެވެ. މިއާއެކު އަންނަ ނޮވެންބަރު މަހު މި ބިލަށް ޢަމަލުކުރަން ފެށުމާއެކު، ދުންފަތުގެ ޖެނެރޭޝަނަލް ބޭން ރާއްޖޭގައި ތަންފީޒުކުރަން ފަށާނެއެވެ.
މީގެ އިތުރުންވެސް، ދުންފަތުގެ ބާވަތްތަކަށް ވާޞިލުވެވޭނެ މަގުތައް ހަނިކުރުމުގެ ގޮތުން ސަރުކާރުން އެތައް މަސައްކަތްތަކެއް ގެންދަވަނީ ކުރައްވަމުންނެވެ. އެގޮތުން، ދުންފަތުގެ އިސްތިއުމާލު ނުކުރެވޭ ސަރަހައްދުތައް އިތުރުކުރުމާއި، އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕާއި އެފަދަ ތަކެތި އުފެއްދުމަށް ބޭނުންކުރާ ހުރިހާ މެޝިނަރީ އާއި އާލާތްތަކެއް ރާއްޖެ އެތެރެކުރުމާއި ގެންގުޅުން މަނާކުރުން ހިމެނެއެވެ. އަދި ދުންފަތުގެ ބާވަތްތައް ގަނެވިއްކުމުގެ ޤާނޫނީ އުމުރުފުރާ، 21 އަހަރަށް އިތުރުކުރެއްވުމާއި، ދުންފަތުގެ ބާވަތްތައް އިޝްތިހާރުކުރުމާއި ސްޕޮންސަރކުރުން، މަނާކުރުމާއި ދުންފަތުގެ ބާވަތްތަކުން ނަގާ ޓެކްސް ބޮޑުކުރުމަކީވެސް މި މަޤްޞަދުގައި ޤާނޫނީ ބާރު ލިބިދީގެން އަޅުއްވާފައިވާ މުހިންމު ފިޔަވަޅުތަކެވެ.
މި ކަންކަމުގެ އަގުވަޒަންކުރައްވައި، މި އަހަރުގެ ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހު، ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިއު.އެޗް.އޯ) އިން ވަނީ ރައީސުލްޖުމްހޫރިއްޔާ އަށް ޚާއްޞަ އެވޯޑެއްވެސް ދެއްވައިފައެވެ.



advertisment