އީރާނުގެ ދިދައިގެ މެދުގައި ފާޅުކަން ބޮޑުކޮށް އޮންނަނީ މާތްﷲގެ ޒާތުފުޅުގެ އެންމެ މަތިވެރި ނަންފުޅެވެ. ނުވަތަ ލަފުޒުލް ޖަލާލަތި (ﷲ) ގެ މާތް އިސްމުފުޅެވެ. ފެއްސާއި ރަތާއި ހުދުގެ މި ދިދައިގެ މެދުގައި އީރާނަށް 1979 ވަނަ އަހަރު ގެނައި އިސްލާމީ އިންގިލާބުގެ ކުރިން އޮންނަނީ ކަނޑިއެއް ހިފައިންގެން އޮންނަ ސިންގާއެކެވެ. އިރާންގެ ކުރީގެ ރޫޙީ ލީޑަރު އާޔަތުﷲ ހުމޭނީގެ ލީޑަރޝިޕުގައި އީރާނަށް ގެންނެވި އިސްލާމީ އިންގިލާބަށްފަހު އީރާނުގައި ވަނީ ދީނީ ކަންތައްތަކާއި ޤައުމީ ގިނަ ކަންތައްތަކަށް އިސްލާހީ ވަރަށް ބޮޑެތި ބަދަލުތަކެއް ނެގެންނަވާފައެވެ.
އިސްލާމިކް ރިޕަބްލިކް އޮފް އީރާން (جمهوری اسلامی ایران) އަކީ އިސްލާމީ ޖުމްހޫރީ ދައުލަތެކެވެ. އިސްލާމީ އިންޤިލާބަށްފަހު އިސްކާމީ ނިޒާމަށް ދައުލަތުގެ މުޅި ނިޒާމު ވަނީ ބަދަލުކޮށްފައެވެ. ދައުލަތުގެ ނިޝާނަކަށް ވެސް ބޭނުންކުރަނީ ﷲގެ އެންމެ މާތް އިސްމުފުޅެވެ. އީރާނުގެ ދިދައަށް ގެނެސްފައިވާ ބަދަލުތަކާ އެކު އެ ދިދަ ވެފައި ވަނީ ވެސް އެ ޤައުމުގެ އިސްލާމީ ޝަޚުޞިއްޔަތާއި ރައްޔިތުންގެ ރޫޙާއި ތާރީޚާއި ސަގާފަތް ހާމަކޮށްދޭ ދިދައަކަށެވެ.
ފެއްސާއި ރަތާއި ހުދު ކުލައިގެ ތިން ދިގުއަކަ (ރެކްޓޭންގަލް) ހިމެނޭހެން ފަރުމާ ކޮށްފައިވާ އީރާނުގެ ޤައުމީ ދިދައިގައި މައްޗަށް ހުންނަނީ ފެހިކުލައެވެ. މެދުގައި ހުންނަނީ ހުދުކުލައެވެ. ތިރީގައި ހުންނަނީ ރަތް ކުލައެވެ. މެދުގައިވާ ހުދު ދިގު އަކައިގައި ރަތްކުލައިން ލިޔެފައި އޮންނަ ﷲގެ އިސްމުގެ އިތުރުން ފެހިކުލައިގެ ދިގުއަކައާއި ރަތްކުލައިގެ ދިގުއަކައިގައި ވެސް ލިޔުންތަކެއް ލިޔެފައިވެއެވެ. މެދުގައިވާ ހުދުކުލައާ ގުޅޭ ހިސާބުގައި މި ދެކުލައިގެ ތެރޭގައި ހުދުކުލައިން ލިޔެފައި އޮންނަނީ اَللَّٰهُ أَكْبَرُ އެވެ. ﷲ އަކްބަރުގެ މާނައަކީ ﷲގެ ކުޅަދުންވަންތަކަމާއި މާތްކަން އެހެން ހުރިހާ އެއްޗަކާއި ކަމަކަށްވުރެ ބޮޑެވެ. މި ޢިބާރާތް އީރާނުގެ ދިދައިގައި 22 ފަހަރު ތަކުރާރުކޮށްފައި ވެއެވެ.

އީރާނުގެ ދިދައިގައިވާ ތިން ކުލައިގެ ތެރެއިން ފެހި ކުލައިން މާނަކުރަނީ އިސްލާމީ ޝަޚުޞިއްޔަތެވެ. މީގެ އިތުރުން ފާރިސީ ސަގާފަތާއި، އީރާނުގެ ބަހާއި، ގުދުރަތީ މުއްސަނދި ނިޢުމަތްތަކާއި ކުރިއެރުމާއި ދިރުންތެރިކަން ވެސް މި ކުލައިން އެ ޤައުމުން މާނަކުރެއެވެ.
ހުދުކުލައިން މާނަކުރަނީ އީރާނުގެ މުސްލިމް ރައްޔިތުންގެ މެދުގައި އޮތް ސުލުހަވެރިކަމާއި، މިނިވަންކަމާއި އަދި ސާފުކަމެވެ. ޤައުމުގެ އެއްބައިވަންތަކަމާއި މިނިވަން މުޖުތަމަޢުއެއްގެ އުއްމީދު ހުދުކުލައިން މާނަކުރެއެވެ.
ރަތްކުލައިން މާނަކުރަނީ އީރާނުގެ މުސްލިމް ރައްޔިތުންގެ ހިތްވަރުގަދަކަމާއި، ކެރުމާއި ޢަަޒުމާއި ދީނާއި ޤައުމަށް ޓަކައި ޝަހީދުވެފައިވާ ޝަހީދުންގެ ލޭގެ އަގުވަޒަންކުރާކަމެވެ. މިއީ އީރާނުގެ ރައްޔިތުންގެ ޖޯޝާއި ފޯރި އަދި ކެތްތެރިކަމާއި ޤުރުބާނީގެ ތާރީޚު ރަމުޒުކޮށްދޭ ކުލައެކެވެ.
އީރާނުގެ ދިދައަކީ އެ ޤައުމުގެ އެއްބައިވަންތަކަމާއި، މިނިވަންކަމާއި އަދި އިސްލާމީ ޖުމްހޫރިއްޔާގެ ގިޔަމުތައް ރަމުޒުކޮށްދޭ ވަރުގަދަ ނިޝާނެކެވެ. މި ދިދައިގައިވާ ކޮންމެ ކުލައަކުންނާއި ކޮންމެ ނިޝާނަކުން އީރާނުގެ މުހިންމު ތާރީޚީ އަދި ސަގާފީ ކަންކަން ހާމަކޮށްދެއެވެ. މި ދިދައިން އީރާނުގެ ވޭތުވެދިޔަ ތާރީޚާއި، މިހާރުގެ ހާލަތާއި، އަދި މުސްތަޤުބަލަށް ކުރާ އުއްމީދުތައް ވަރަށް ރަނގަޅަށް ހާމަކޮށްދެއެވެ. މި ދިދައިން އެ ޤައުމުގެ މިނިވަންކަމާއި، އިސްތިޤްލާލާއި، އަދި އިސްލާމީ ޝަޚުޞިއްޔަތު ވަރަށް ފުރިހަމައަށް ތަމުސީލުކޮށްދެއެވެ.
* ޢަބްދުﷲ ސަޢީދުގެ ލިޔުއްވުމަކުން



advertisment