Support Us

ކޮލަމް ގަލަން: ސިޔާސީ ލީޑަރެއްގެ ސިފަތައް- 29

ނަވާވީސް ވަނަ ސިފަ: އުއްމީދުކޮށްގެން ހުރުން، އުއްމީދުކަނޑާ ނުލުން

ސިޔާސީ ލީޑަރެއްގެ ކިބައިގައި ހުންނަންޖެހޭ އެއް ސިފައަކީ އެއްމީދު ކަނޑައިނުލުމުގެ ސިފައެވެ. އެއާ ނުލައި އެ މީހަކަށް ސިޔާސީ މައިދާނުގައި ކާމިޔާބު ނުލިބޭ ހުއްޓެވެ.

ބުނެވެއެވެ. ކޮންމެވެސް ހަނގުރާމައެއްގައި ބަލިވާން ފެށުމުން އެ ލަޝްކަރުގެ قائد އުއްމީދު ކަނޑައިލިއެވެ. އަދި ލަޝްކަރު ދޫކޮށް ގޮސް ސަހަރާތެރެއަށް ނިކުމެ އެ ތަނުގައި އޮތް ހިލަގަނޑެއްގެ ނިވަލުގައި އިށީނދެގެންފިއެވެ. އެ ގޮތުގެމަތީ އޭނާ ވަނިކޮށް ފެނުނީ ކާއެތިކޮޅެއް ނަގައިގެން ހިންޏެއް އެ ހިލަގަނޑުގެ މައްޗަށް އަރަން އުޅޭ ތަނެވެ. އަދި އޭނާ ބަލަހައްޓައިގެން އިންދައި އެ ހިންޏަށް ކުޑަ ތަންކޮޅަކަށް އެރޭ އިރަށް އެ އެތިކޮޅު އޭތީގެ އަތުން ވެއްޓިދެއެވެ. ނަމަވެސް ކުރިއަށްވުރެ ހަލުވިކޮށް ދެވަނަ ފަހަރަށް އެ އެތިކޮޅު ހިފައިގެން މައްޗަށް އަރަން މަސައްކަތް ކުރެއެވެ. ނަމަވެސް ކޮންމެ ފަހަރަކު ވެސް ދެ ބައިކުޅަ އެއް ބަޔަށް ނުވަތަ އެއަށްވުރެ މައްޗަށް އެރޭއިރަށް ވެއްޓިދެއެވެ. އަދި ބައެއް ފަހަރު ކިރިޔާ އެރިނޭރި ހުއްޓައި ވެއްޓިދެއެވެ. އެ منظر ބަލަން އެ ހަނގުރާމަވެރިޔާ ޝައުގުވެރިކަމާއެކު އިނެވެ. އަދި ފެނުނީ ކުއްލިއަކަށް އެ ހިންޏަށް އެ އެތިކޮޅު ހިފައިގެން މައްޗަށް އެރިގެންދިޔަ ތަނެވެ. އެ ހިނދު ހިތާހިތާ ބުންޏެވެ. އެ ހިންޏަށް ވެސް އޭތި ގަދަ އަޅާ މަސައްކަތް ކުރުމުން كامياب ލިބިއްޖެއެވެ. އެހެންވީމާ ތިމަންނަ ވެސް އުއްމީދު ކަނޑައެއް ނުލާނަމެވެ. ދެން ލަޝްކަރު ދެވަނަ ފަހަރަށް އެއްކުރިއެވެ. އަދި އައު عزمއަކާއެކު ހަނގުރާމަ ކުރަންފެށިއެވެ. އަދި އެންމެފަހުން ގޮސް ކާމިޔާބު ލިބުނެވެ.

އުންމީދު ކަނޑާ ނުލުމަކީ ކޮބައި ހެއްޔެވެ؟

އެއީ އުނދަގުލާ ކުރިމަތިލާ ހިނދުގައްޔާއި مصيبات މެދުވެރިވާ ހިނދު އެއަށްވުރެ ރަނގަޅުގޮތް މެދުވެރިވާނެ ކަމުގެ މައްޗަށް ހިތްހަމަޖައްސައިގަތުމެވެ.

މަސައްކަތް ކުރުން މަތީ ދެމިތިބުމަކީ ސިޔާސީ ލީޑަރުގެ ކާމިޔާބު

އުއްމީދު ކަނޑައިނުލައި މަސައްކަތް ކުރުން މަތީ ދެމިތިބުމަކީ އެއީ نبي ބޭކަލުންގެ أخلاقي ސިފަފުޅެކެވެ. އަދި ކީރިތި ރަސޫލާ ﷺ ގެ ހަށިކޮޅުން ވެސް އެފަދަ މަތިވެރި ނަމޫނާ ވަނީ ފެނިފައެވެ. އެ ކަލޭގެފާނު އަބަދާއިއަބަދު ވެސް ހުންނެވީ މީސްތަކުންގެ ހިދާޔަތަށް އެދިވަޑައިގެންނެވެ. އެހެންކަމުން މީސްތަކުންނަށް ދީނުގެ ދައުވަތު ދެއްވުމުގައި ދުވަހަކު ވެސް މެދު ނުކަޑުއްވައެވެ. އަދި އުއްމީދުފުޅު ވެސް ކަނޑައެއް ނުލައްވައެވެ.

نوحގެފާނު އެކަލޭގެފާނުގެ ގައުމުގެ މީހުންނަށް 950 އަހަރު ވަންދެން އުއްމީދު ކަނޑައިނުލައްވާ ދީނަށް ގޮވައިލުންމަތީ ދެމިހުންނެވިއެވެ. އަދި ރޭގަނޑަކޭ ދުވާލަކޭ އެއްފަދައިން ދައުވަތު ދެއްވުމުގައި فرقއެއް ނުކުރައްވައެވެ. އަދި ސިއްރިއްޔާތުގަ އާއި ފާޅުގައި ދީނުގެ ދައުވަތު ދެއްވައެވެ. އެންމެފަހުން اللهُ سُبْحَانَهُ وَتَعَالىގެ އަމުރުފުޅަށް ނަވެއް ބެންނަވިއެވެ. އަދި އީމާންވި މީހުންނާއެކު އެއަށް އަރައިވަޑައިގަތެވެ. ދެން އީމާންނުވެ ތިބިމީހުންނަށް الله ކޯފާ ބާވައިލެއްވިއެވެ. އަދި އެ މީހުން غرقވިއެވެ.

يعقوب عليه السلام ގެ ދަރިކަލުން يوسف ގެފާނު ގެއްލުނު ހާދިސާގައި ހިތާމަ ކުރެއްވެވިލެއް ބޮޑުކަމުން އެ ކަލޭގެފާނުގެ ލޮލުގެފެނުން ގެއްލިގެން ދިޔައެވެ. އެ ހިސާބަށް مصيباة ބޮޑުވެގެން ދިޔަ އިރު ވެސް އުންމީދު ކަނޑައެއް ނުލައްވައެވެ. އެ ކަލޭގެފާނު ވިދާޅުވިކަމަށް قرآنގައި ވަޙީކުރެއްވިއެވެ. يَا بَنِيَّ اذْهَبُوا فَتَحَسَّسُوا مِن يُوسُفَ وَأَخِيهِ وَلَا تَيْأَسُوا مِن رَّوْحِ اللَّهِ ۖ إِنَّهُ لَا يَيْأَسُ مِن رَّوْحِ اللَّهِ إِلَّا الْقَوْمُ الْكَافِرُونَ [1]. މާނައީ:- އޭ އަހުރެންގެ ދަރިންނޭވެ! يوسفގެފާނާއި އޭނާގެ أخއާގެ خبرއެއްވޭތޯ ތިޔަބައިމީހުން ދާށެވެ! އަދި اللَّهގެ رحمةން ތިޔަބައިމީހުން أميد ކަނޑައިނުލާށެވެ! (ހަމަކަށަވަރުން كافرވިމީހުން މެނުވީ اللَّه ގެ رحمةން أميد ކަނޑައެއް ނުލާނެތެވެ.)

އުއްމީދުގެ ބޮޑުކަމުން އެންމެފަހުން ގެއްލިފައިވާ ދަރިކަލުން އަނބުރާ ލިބިވަޑައިގަތެވެ. އަދި ލޮލުގެ ފެނުން ދެވަނަ ފަހަރަށް އިއާދަވިއެވެ.

موسى عليه السلامގެ لشكرގެ ފަހަތުން ކާފިރުން އައިސް ހިސޯރުކޮށްގަތް ހިނދު ސަލާމަތްކަން ހޯދައިގަތުމަށް موسىގެފާނާއި އެ ކަލޭގެފާނަށް އީމާންވި މީހުން ސަލާމަތްވުމަށް މަސައްކަތް ކުރައްވަނިކޮށް ގޮސް ކަނޑާ އަރައިހަމަވެ ބެދުނެވެ. ނަމަވެސް موسىގެފާނު އުންމީދު ކަނޑައެއް ނުލައްވައެވެ. اللهގެ حضرةން ސަލާމަތްވާނެކަމުގެ އުންމީދު އިތުރު ކުރެއްވިއެވެ. ކަނޑާ އަރާހަމަވުމުން އަރިހުގައި ތިބި ލަޝްކަރުގެ މީހުން ދެންނެވިއެވެ. މިހާރު މި އޮތީ ބެދިފައެވެ. ދެނެއް ސަލާމަތެއް ނުވެވޭނެއެވެ. ނަމަވެސް موسىގެފާނު ވިދާޅުވި ކަމަށް الله ވަޙީކުރެއްވިއެވެ. قَالَ كَلَّا ۖ إِنَّ مَعِيَ رَبِّي سَيَهْدِينِ [2]. މާނައީ:- އެ ކަލޭގެފާނު ވިދާޅުވިއެވެ. ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން ތިމަންގެ ވެރިރަސްކަލާނގެ ތިމަންނާއާއެކު (نصرދެއްވުމުގައި) ވޮޑިގެންވެއެވެ. އެ ކަލާނގެ ތިމަންނާއަށް މަގުދައްކަވާނެތެވެ.

އެ ހިނދު موسىގެފާނަށް އެ ކަލޭގެފާނުގެ އަސާކޮޅު ކަނޑުގައި ޖައްސަވައިލެއްވުމަށް اللهُ سُبْحَانَهُ وَتَعَالى އަމުރުކުރެއްވިއެވެ. އަދި އެ عصاءކޮޅު ޖައްސަވައިލެއްވުމުން ކަނޑު ދެ ފަޅިއަކަށް ފެޅިގެން މަގެއް ހެދިގެން ދިޔައެވެ. އަދި އެ މަގުން موسىގެފާނާއި އެ ކަލޭގެފާނުގެ ގައުމުގެ މީހުން އަމާންކަމާއެކު ހުރަސް ކުރެއްވެވިއެވެ. އަދި އެ ކަލޭގެފާނަށް މަގު ހުރަސްވެވަޑައިގަނެވުމުން ކުރިއެކޭ އެއްގޮތަށް ކަނޑުގެ ލޮނުގަނޑު އެއްވިއެވެ. އެ ހިނދު ކާފިރުންގެ لشكر އޮތީ މަގުގެ މެދުގައެވެ. އެހެންކަމުން ކާފިރުން އެންމެން غرق ވިއެވެ.

أيوب عليه السلامގެ ހަށިކޮޅަށް ބަލިމަޑުކަމެއް ޖެހުނެވެ. އަދި އެ ބަލިމަޑުކަމުގެ ސަބަބުން މުޅިހަށިގަނޑުގެ މަސްތައްގެރި ފުޅަވެގެންދާވަރު ވިއެވެ. ނަމަވެސް އެ حالގައި އޮންނަވައިގެން ވެސް الله حضرةން اميد ކަނޑައެއް ނުލެއްވިއެވެ. އަދި އެ ކަމަށް شفاء އެދި الله حضرة ގައި ދެންނެވުންމަތީ ދެމި ހުންނެވިއެވެ. ނަތީޖާއަކަށްވީ އެ ކަލޭގެފާނު ކުރެއްވެވި أميد އަށް كامياب ލިބިވަޑައިގަތުމެވެ. އެގޮތުން އެ ބަލިން الله އެ ކަލޭގެފާނަށް شفاء ދެއްވެވިއެވެ. އެ ވާހަކަ ކީރިތި قرآنގައި ވަޙީކުރެއްވިއެވެ. وَأَيُّوبَ إِذْ نَادَىٰ رَبَّهُ أَنِّي مَسَّنِيَ الضُّرُّ وَأَنتَ أَرْحَمُ الرَّاحِمِينَ ([3]. އަދި أيوبގެފާނު، އެކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް دعاءކުރެއްވި ހިނދު، ހަނދުމަކުރާށެވެ! ހަމަކަށަވަރުން މިއަޅާޔަށް ދަތިކަމާއި އުނދަގޫ ޖެހިއްޖެއެވެ. އަދި އިބަރަސްކަލާނގެއީ رحمةލައްވާ އެންމެ رحمةވަންތަ ރަސްކަލާނގެއެވެ.

أميد ކުރުމާ އެކު މަސައްކަތްކުރުން

أميد ކުރުމުގެ ބިންގަލަކީ ނުވަތަ ޝަރުޠަކީ އެ ކަމެއް حاصل ކުރުމަށް މަސައްކަތްކުރުމެވެ. ތިމާ أميدކުރާ ކަމެއް حاصل ކުރުމަށް ޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅައި ކުރަންޖެހޭ އެންމެހައި މަސައްކަތެއް ކުރުމަކީ واجب އެކެވެ. އެބަހީ އެއާ ނުލައި އެ ކަމެއް حاصلނުވާނެއެވެ. ދުނިޔެއިން إنسان ންނަށް كامياب ލިބުން ބިނާވެފައިވަނީ އެބައިމީހުންގެ އަތްފައިން ކުރާ މަސައްކަތުގެ މައްޗަށެވެ.

މަސައްކަތް ނުކޮށް كامياب ލިބޭނޭ ކަމުގެ މައްޗަށް އުއްމީދުކޮއްގެން ހުންނަހުރުމަކީ شيطاني ވަސްވާސް ތެރިކަމެކެވެ. އަދި އެ ކަމުން ثابتވާނެ އެއް ކަމަކީ އެ މީހެއްގެ ކަންނެތްކަމެވެ. އެ ސިފަ مسلم އަކަށް ނިސްބަތްވެއްޖެ ނަމަ ބެލެވޭނީ عيب އެއްގެ ގޮތުގައެވެ. نبي ބޭކަލުންގެ ވާހަކައިގެ ތެރެއިން އިސްވެދިޔަ އެނމެހާ نبيބޭކަލުންގެ أميد ކުރުއްވުން ބިނާވެފައިއޮތީ މެދުކެނޑުމެއް ނެތް މަސައްކަތްޕުޅުގެ މައްޗަށްކަން އެ ހާދިސާތަކުން ވެސް އެނގެއެވެ.

ކީރިތި قرآن ގައި މާތް الله وحي ކުރެއްވިއެވެ. فَمَن كَانَ يَرْجُو لِقَاءَ رَبِّهِ فَلْيَعْمَلْ عَمَلًا صَالِحًا وَلَا يُشْرِكْ بِعِبَادَةِ رَبِّهِ أَحَدًا([4]. މާނައީ :- ފަހެ، އެ މީހެއްގެ ވެރިރަސްކަލާނގެއާ ބައްދަލުވުމަށް އެދޭ މީހާ (ދަންނާށެވެ!) ފަހެ، އެ މީހާ صالح عملން عملކުރާ ހުށިކަމެވެ! އަދި އެ މީހާގެ ވެރިރަސްކަލާނގެއަށް އަޅުކަންކުރުމުގައި އެއްވެސް މީހަކު ބައިވެރިނުކުރާ ހުށިކަމެވެ!

ކީރިތި قرآنގައި މާތް الله وحي ކުރެއްވިއެވެ. إِنَّ الَّذِينَ آمَنُوا وَالَّذِينَ هَاجَرُوا وَجَاهَدُوا فِي سَبِيلِ اللَّهِ أُولَٰئِكَ يَرْجُونَ رَحْمَتَ اللَّهِ ۚ وَاللَّهُ غَفُورٌ رَّحِيمٌ([5]. މާނައީ: ހަމަކަށަވަރުން إيمانވި މީހުންނާއި هجرةކޮށް اللَّهގެ މަގުގައި جهادކުޅަ މީހުން އެ މީސްމީހުން اللَّهގެ رحمةއަށް އެދެތެވެ. اللَّهއީ ގިނަގިނައިން ފާފަފުއްސަވާ رحيمވަންތަ ރަސްކަލާނގެއެވެ.

إنسانނަށް أميد ކުރުމުގެ ސިފަ ދެއްވުމުގެ حكمةތެރިކަން

أميد ކުރުމުގެ ސިފައަކީ اللهُ سُبْحَانَهُ وَتَعَالى إنسانނަށް ދެއްވާފައިވާ ބޮޑު ނިއުމަތެކެވެ. އެ أميد ކުރުމުގެ ސިފަނެތް ނަމަ އެއްވެސް إنسانއަކަށް އެއްވެސް މަސައްކަތެއް ކުރަން ނުފެށުނީހެވެ. ކޮންމެ إنسان އަކުވެސް ކޮންމެ ކަމެއް ވެސް ކުރަން ފަށަނީ އެ މީހަކަށް އެ ކަމަކުން ލިބޭނެ މަންފާތަކެއް އެ މީހެއްގެ ބުއްދިއަށް ވިސްނިގެން އެ ކަމުގައި އެ މީހެއްގެ نفس އެ މީހަކަށް ދޭ أميد އެއްގެ މައްޗަށެވެ. އެ أميد ގެ ސިފަ އިންސާނުންގެ ހަށިގަޑުގައި الله ނުލެއްވެވި ނަމަ ބިންމަތީގައި إنسانންނަށް ދިރިނޫޅެވުނީހެވެ. އެހެނީ ކޮންމެ ކަމެއް إنسان އަކު ކުރަން ފައްޓާއިރަށް އޭނާއަށް ނާ أميد ކުރެވޭ ނަމަ، އެބަހީ އޭނާގެ ހަށިގަނޑުގައި أميدކުރުމުގެ ސިފަނުވާ ނަމަ އެ މީހަކު އެ ކަމެއް ކުރުން ދޫކޮށްލާނެވެ. އެ ގޮތުން ބިންމަތީގައި ދަނޑުގޮވާން ކުރުމަށް ތައްޔާރުވާނެ ބަޔަކު ނުތިބޭނެއެވެ. އަދި ވިޔަފާރިތައް ކުރާނެ ބަޔަކު ނުތިބޭނެއެވެ. އަދި ކިޔަވާނެ ބަޔަކު ނުތިބޭނެއެވެ. އަދި ކިޔަވާދޭނެ ބަޔަކު ނުތިބޭނެއެވެ. އެންމެންވެސް ތިބޭނީ އެއްވެސް މަސައްކަތެއް ނުކޮށް حيران ވެފައެވެ. ނަމަވެސް اللهُ سُبْحَانَهُ وَتَعَالى އެ إله ގެ فضل ވަންތަކަމުން أميد ކުރުމުގެ ސިފަ إنسانގެ نفسގައި ލެއްވެވުމުން އެ ސިފައިގެ ސަބަބުން إنسانން ދުނިޔެމަތީގައި މަސައްކަތްކޮށް އުޅެނީއެވެ. އެ ގޮތުން ގަސް އިންދާ މީހާ ގަސް އިންދަނީ އޭނާއަށް އެއިން ފައިދާ ލިބޭނެ ކަމަށް ކުރެވޭ أميد އެއްގެ މައްޗަށެވެ.

ވިޔަފާރިކުރާ މީހާ ވިޔަފާރިކުރަނީ އެއިން ފައިދާ ލިބޭނެ ކަމަށް އޭނާއަށް ކުރެވޭ أميدއެއްގެ މައްޗަށެވެ. ކިޔަވާ ކުއްޖާ ކިޔަވަނީ އެއިން ފައިދާ ލިބޭނެކަމަށް އޭނާއަށް ކުރެވޭ أميد އެއްގެ މައްޗަށެވެ. މަސްވެރިޔާ މަހަށް ދަނީ އެއިން ފައިދާ ލިބޭނެކަމަށް އޭނާއަށް ކުރެވޭ أميد އެއްގެ މައްޗަށެވެ. ބަލިމީހާ ބޭސް ކުރަނީ އެއިން ފައިދާ ލިބޭނެކަމަށް އޭނާއަށް ކުރެވޭ أميد އެއްގެ މައްޗަށެވެ. ޑޮކުޓަރުން ބޭސް ދެނީ އެއިން ފައިދާ ލިބޭނެކަމަށް އެމީހުންނަށް ކުރެވޭ أميد އެއްގެ މައްޗަށެވެ. އެންމެ ކުޑަވެގެން ފާޚަނާ ވަޅުގަޑު ސާފުކުރުމާއި ކުނިގޮޑު ސާފު ކުރުމާއި ނަޖިސްތަކެތި ނައްތާ މަސައްކަތް ކުރަނީ އެ މީހުންގެ نفس ގައިވާ މި ދެންނެވި أميدގެ މައްޗަށެވެ. އެ ސިފަ ނެތްނަމަ އެންމެންގެ نفسގައި ވަނީ ނާ أميدގެ ސިފައެވެ. އެއިރުން އެއްވެސް ކަމެއްކުރުމަށް އެއްވެސް މީހެއްގެ نفس قبول ނުކުރީހެވެ.

[1] سورة يوسف: 87.

[2] سورة الشعراء: 62.

[3] سورة الأنبياء: 83.

[4] سورة الكهف: 110.

[5] سورة البقرة: 218.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *