މި އަހަރުގެ އޭޕްރީލު 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅުމަތީގައި ދިވެހި ޒުވާނަކު ވެއްޓިފައި އޮއްވައި ފެނުނު މައްސަލަ ބަލައި ތަޙުޤީޤުކުރުމަށް އުފެއްދެވި ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ކޮމިޝަނުގެ ރިޕޯޓް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުގައި ޢާންމު ކުރައްވައިފިއެވެ.
މި ކޮމިޝަނާ މަތިކުރެއްވި މަސައްކަތް ފުރިހަމަކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ރިޕޯޓު ހުށަހެޅުއްވީ ކޮމިޝަން އުފެއްދެވިތާ 52 ދުވަހުގެ ތެރޭގައެވެ. މިހާ ކުރު މުއްދަތެއްގެ ތެރޭގައި މިފަދަ ކޮމިޝަނެއްގެ މަސައްކަތް ނިންމަވައި، ރިޕޯޓް ހުށަހެޅުއްވި މިއީ ފުރަތަމަ ފަހަރެވެ.
މި ރިޕޯޓް ޢާންމުކުރެއްވީ، ކޮމިޝަނުގެ ރިޕޯޓް ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގެންނެވި ގޮތަށް ޢާންމު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވުމާ ގުޅިގެންނެވެ.
އެޕްރީލު 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅުމަތީގައި ދިވެހި ޒުވާނަކު ވެއްޓިފައި އޮއްވައި ފެނުނު މައްސަލަ ބަލައި، އެ މައްސަލައާ ގުޅިގެން މިނިވަން، މުސްތަޤިއްލު އަދި އިތުބާރު ހިފޭ ތަޙުޤީޤެއްކޮށް، އެ ހާދިސާގެ ޙަޤީޤަތް ހޯދައި، އެ ހާދިސާއާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން މިހައިތަނަށް ކޮށްފައިވާ މަސައްކަތްތަކަކީ ކޮބައިކަން ބެލުމަށާއި، އެ މައްސަލައާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އެ މައްސަލައިގައި ކަންހިނގައިފައިވާގޮތް އިންސާފުވެރިކަމާއި ޢަދުލުވެރިކަމާއެކީ ތަޙުޤީޤުކޮށް، ލަފާ ދިނުމަށްޓަކައި ޚާއްޞަ ކޮމިޝަނެއް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވީ އެޕްރީލް 27 ގައެވެ.



advertisment