Support Us

މާދަމާ އިން ފެށިގެން ކަރަންޓުގެ އަގު ބޮޑުތަނުން ހެޔޮކޮށްފި

މާދަމާއިން ފެށިގެން ސަރުކާރުގެ ހުރިހާ ކުންފުނިތަކަކުންވެސް ކަރަންޓު ފޯރުކޮށްދޭ އަގު ސަރުކާރުން ވަރަށް ބޮޑަށް ހެޔޮކޮށްފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވީ މާދަމާއިން ފެށިގެން ޑޮމެސްޓިކް ކެޓެގަރީގެ ކަރަންޓު ޓެރިފް ރޭޓް ކުޑަކޮށް، އެ ކަން ތަންފީޒުކުރުމުގައި ދެމެހެޢްޓެނިވި ގޮތެއްގައި މެނޭޖްކުރުމަށް ކަމާބެހޭ ފަރާތްތަކުން ކުރައްވަންޖެހޭ އެންމެހާ ކަންކަން ކުރެއްވުމަށް އަންގަވައިފައިވާނެ ކަމަށެވެ.

ޕީއެސްއެމް ނިއުސްއަށް އިތުރު ތަފްސީލް ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަތޮޅުތަކުގައި ކަރަންޓުގެ ހިދުމަތް ދޭ ފެނަކަ ކޯޕަރޭޝަންގެ %19.3 ކަސްޓަމަރުންނަކީ 100 ބޭންޑަށްވުރެ ދަށުން ކަރަންޓު ބޭނުންކުރާ ފަރާތްތައް ކަމަށާއި އެ ބޭންޑުތަކުގެ އަގު 1.50ރ. އިން 1.25ރ. އަށް ކުޑަކުރައްވަން ނިންމަވާފައިވާ ކަމަށެވެ. އަދި އާންމު ރައްޔިތުންގެ ބޮޑު އިންސައްތައެއް ބޭނުންކުރަނީ 101 އިން 400 އާ ދެމެދުގެ ބޭންޑު ކަމަށާއި އެ ބޭންޑުތަކުގެ އަގު އެއް ހަމަކޮށް 1.50ރ. އަށް ބަދަލުކުރައްވަން ނިންމަވާފައިވާ ކަމަށެވެ.

މިއީ ރާއްޖޭގެ ތާރީޚުގައިވެސް ސަރުކާރަކުން މިފަދަ ނިންމެވުމެއް ނިންމެވި ފުރަތަމަ ފަހަރުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ކަރަންޓުގެ އަގުހެޔޮ ކުރުމަށް ނިންމެވީ ސަރުކާރުން ހަކަތައިގެ ޕޮލިސީ މެނޭޖްކުރުމުގައި ހުރި މައްސަލަތަކުގެ ބުރަ ރައްޔިތުން ނަގަން ބޭނުންފުޅު ނުވާތީ ކަމަށެވެ. އަދި ރައްޔިތުން އެ ބުރަ އުފުލަންޖެހޭ ގޮތަށް ކުރީ ސަރުކާރުތަކުން ކުރި ކަންކަމަކީ މި ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށާއި ފާއިތުވި ދޮޅު އަހަރު ބެއްލެވީ ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި އެކަމުގައި ލުއި ހޯދައިދެވޭނެ ގޮތެއް ހޯދަން ކަމަށް ރައީސް ވިދާޅުވިއެވެ.

"ސަރުކާރެއްގެ ބޭނުމަކީ ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުން. އަޅުގަނޑު މި ނިންމީ ރައްޔިތުންގެ އާމްދަނީ ހުރި މިންވަރުން އަތްފޯރާފަށުގައި ލުއިފަސޭހަކޮށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭން. އެކަން މެނޭޖްކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ސަރުކާރުގެ ސިޔާސަތުގެ ތެރެއިން ކުރާނެ. ސްޓޭލްކޯގެ އެފިޝަންސީ ރަނގަޅު ކުރަންޖެހުނަސް، ފެނަކައިގައި ހުރި މާލީ މައްސަލަތަކަށްވިޔަސް، ރަނގަޅު ކުރަންޖެހޭ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިއާދަކުރަނިވި ހަކަތައަށް ސަރުކާރުން ވަރަށް ބޮޑު އިންވެސްޓެއް ކުރައްވާނެ ކަމަށެވެ. އެގޮތުން، 2028އާ ހަމައަށްދާއިރު ޓާގެޓަކީ ރާއްޖޭގެ ހަކަތައިގެ %30 އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރެއްވުން ކަމަށާއި ސްޓެލްކޯއާ ފެނަކަ ހަރުދަނާކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ އަގަށް ގެންނަވާ ބަދަލުތަކުގެ އަގުތައް ތަންފީޒުކުރަން ކުރަންޖެހުނު ހުރިހާ ކަމެއް ސަރުކާރުން ކުރައްވާނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ޖޫން އެކަކުން ފެށިގެން ހުރިހާ ކުންފުނިތަކަކުންވެސް ކަރަންޓު ފޯރުކޮށްދޭނީ އައު އަގުތަކުގައި ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *