ކެންސަރާ ގުޅޭގޮތުން ނަރުހުންނަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް އެސްޓީއޯ އިން ފަށައިފިއެވެ.
ބޭސް އުފައްދާ ކުންފުންޏެއް ކަމަށްވާ އެސްޓްރަޒެނެކާ އަދި ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްއާ ގުޅިގެން އެސްޓީއޯ އިން ކުރިއަށްގެންދާ "އޮންކޮލޮޖީ ނަރސަސް އެކްސެލެންސް" ޕްރޮގްރާމްގެ ދަށުން ކެންސަރު ބައްޔަށް ފަރުވާދިނުމުގައި މަސައްކަތްކުރާ ތަޖުރިބާކާރުން އެއްވެ، ރާއްޖޭގެ އޮންކޮލޮޖީ ނަރުހުންނަށް ވޯކްޝޮޕްތައް ބާއްވައި ތަމްރީން ދިނުމެވެ.
"މި ޕްރޮގްރާމްގެ މަޤުޞަދަކީ ކެންސަރު ބައްޔަށް ފަރުވާދިނުމުގައި އޮންކޮލޮޖީ ނަރުހުން އަދާކުރައްވާ މުހިއްމު ރޯލު ފާހަގަކޮށް، އެކި އިދާރާތަކުގެ އެއްބާރުލުމާއެކު އޮންކޮލޮޖީ ދާއިރާއަށް އަންނަމުންދާ ޒަމާނީ ކުރިއެރުންތަކާ އެއްވަރަށް ދިވެހިރާއްޖެ ތައްޔާރުކުރުމެވެ. މި ޕްރޮގްރާމް ވަނީ ދިވެހިރާއްޖޭގައި ކެންސަރު ބައްޔަށް ފަރުވާދޭ ހުރިހާ މައިގަނޑު ހޮސްޕިޓަލުތަކެއްގެ ނަރުހުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދެވިފައެވެ." އެސް.ޓީ.އޯ އިން ބުނެއެވެ.
"މި ޕްރޮގްރާމް އެކުލެވިގެންވަނީ މައިގަނޑު ހަތަރު ސެޝަނެއްގެ މައްޗަށެވެ. މިހާތަނަށް ނިމިފައިވާ ދެ ސެޝަނުގެ ތެރެއިން، އެންމެ ފުރަތަމަ ބޭއްވުނު ސެޝަންގައި 55 ނަރުހުން ބައިވެރިވެފައިވާއިރު، ދެވަނައަށް ބޭއްވުނު ސެޝަންގައި މީގެ ކުރީ ސެޝަނަށްވުރެ އިތުރު ހަތަރު ނަރުހުންނާއެކު، ޖުމްލަ 59 ނަރުހުން ވަނީ ބައިވެރިވެފައެވެ."
މި ޕްރޮގްރާމް ފައްޓައިފައިވަނީ ހުސްވި އެޕްރީލް 17 ގައެވެ.
"އޮންކޮލޮޖީ ނަރުހުންނަކީ ބަލިމީހާއާއި އެމީހާއަށް ދޭ ފަރުވާއާ ދެމެދު އޮތް ގުޅުމެވެ. ބޭސްފަރުވާގެ އިތުރުން ކެންސަރު ބައްޔާ ބެހޭގޮތުން މަޢުލޫމާތު ފޯރުކޮށްދީ، ބަލިމީހުންނަށް ނަފްސާނީ ގޮތުންވެސް އެހީތެރިކަން ފޯރުކޮށްދޭ ބައެކެވެ. މި ޕްރޮގްރާމަކީ މި ފަރާތްތަކުގެ މުހިއްމުކަން ވަޒަންކޮށް، އޮންކޮލޮޖީ ނަރުހުން ތަރައްގީކުރުމަށްޓަކައި ކުރިއަށް ގެންދެވޭ ޕްރޮގްރާމެކެވެ." ޕްރޮގްރާމާ ގުޅޭގޮތުން ކެންސަރ ސޮސައިޓީގެ ރިޕްރެޒެންޓޭޓިވެއް ވިދާޅުވިއެވެ.
"އެސްޓީއޯގެ އަމާޒަކީ ކެންސަރު ބައްޔާ ގުޅޭގޮތުން މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކޮށް، މި ބަލީގެ ފަރުވާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްޞަ އިސްކަމެއް ދީގެން މަސައްކަތްތަކެއް ކުރުމެވެ."



advertisment

