Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: ދުނިޔޭގެ ގޮތްނޭނގޭ "ހިތުވިންދު"

ދުނިޔޭގެ ސިއްރުތަކުގެ ތެރޭގައި ގޮތްނޭނގޭ "ހިތުވިންދެ"އްވެއެވެ. މި ވިންދު ޖަހަނީ ކޮންމެ 26 ސިކުންތަކުންނެވެ.

މި ހިތުވިންދުގެ ސިއްރު ހޯދަން ސައިންސްވެރިން މަސައްކަތްކުރާތާ އެތައް ދަހަރެއް ވެއްޖެއެވެ.

ދުނިޔޭގެ މި ގޮތްނޭނގޭ ހިތުވިންދު އެންމެ ފުރަތަމަ ފާހަގަކުރެވުނީ 1960 ގެ އަހަރުތަކުގައެވެ.

މިއީ އިލެކްޓްރޯ މެގްނެޓިކްގެ ދަށް ފްރިކުއެންސީއެއްގެ ސައިސްމިކް "ވިންދެ"ކެވެ. ސައިސްމިކް ހަރަކާތްތަކަކީ ބިންހެލުމާއި ދުނިޔޭގެ ބޭރު ފަށަލަ ނުވަތަ "ތޮށިގަނޑު" ކަމަށްވާ ކްރަސްޓްއަށް އަރާ ގުޑުންތަކާއި ލޮޅުންތަކެވެ. މިއަށް ކިޔަނީ މައިކްރޮސައިސަމްއެވެ. ނުވަތަ އަތްމަތީ ބަހުން ނަމަ، "ދުނިޔޭގެ ހިތުވިންދެ"ވެ.

ހުޅަނގު އެފްރިކާގެ އައްސޭރީގައި އޮންނަ ގަލްފް އޮފް ގިނީ ކަނޑު ދައްކުވައިދޭ ޗާޓެއް

މި ވިންދުގެ މަސްދަރަކީ ހުޅަނގު އެފްރިކާގެ ގައުމެއް ކަމަށްވާ ގިނީގެ އައްސޭރި ފަށުގައި އޮންނަ ގަލްފް އޮފް ގިނީގެ ކަނޑެވެ. ނަމަވެސް ސައިންސްވެރިންނަށް ދުނިޔޭގެ މި ހިތުވިންދުގެ ހަގީގަތް މުޅިއަކުން އަދި ފަހުމެއް ނުވެއެވެ. ދިރާސާކުރާ މީހުން ގަބޫލުކުރަނީ މި ވިންދު ޖަހަނީ ކަނޑުގެ ރާޅުތައް ކަނޑު އަޑިން ކަނޑުގެ "ބިމު"ގައި ޖެހޭތީ ކަމަށެވެ. އަދި މިހެންވެ، ދުނިޔޭގެ ތޮށިގަނޑު ތެރޭގައި ކެނޑިނޭޅި ގުޑުންތަކެއް ހިނގަނީ ކަމަށެވެ.

ސައިސްމޮމީޓަރު މަސައްކަތްކުރާ ގޮތް ދޭހަކޮށްދޭ ކުރެހުމެއް

ދުނިޔޭގެ ހިތުވިންދަކީ އެތައް ދިރާސާތަކުން ސާބިތުވެފައިވާ ގުދުރަތީ ކަމެކެވެ. އަދި ދުނިޔޭގެ ވަށައިގެން ބަހައްޓައިފައިވާ ސައިސްމޮމީޓަރުތަކަށް ވެސް ފާހަގަކުރެވިފައިވާ ކަމެކެވެ. ސައިސްމޮމީޓަރަކީ ބިމަށް އަރާ ލޮޅުންތައް ދެނެގަންނަ އާލާތެކެވެ. އެ ގޮތުން ބިންހެލުމާއި އަލިފާން ފަރުބަދަ ގޮވުމާއި ދުނިޔޭގެ ބޭރު ފަށަލައަށް އަންނަ ގުޑުންތައް ސައިސްމޮމީޓަރުތަކުން ދެނެގަނެއެވެ. ސަބަބަކީ މިއީ ދުނިޔޭގެ ސްޓްރަކްޗަރާއި ދުނިޔޭގެ ހަރަކާތްތެރިކަން ބަލާ އާލާތެކެވެ.

ކަނޑު އަޑީގައި ބަހައްޓައިފައިވާ ސައިސްމޮމީޓަރެއް

ނަމަވެސް ދުނިޔޭގެ ހިތުވިންދަކީ އަދިވެސް ސައިންސްވެރިން ކަންބަލާހިތްވާ، ގޮތްނޭނގޭ ކަމެކެވެ. މިހެންވެ، މި އާދަޔާ ހިލާފު ގުދުރަތީ އަޖައިބު ސައިންސްވެރިން އަދިވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ.

  • ތަރުޖަމާއެއް