Support Us

ކޮލަމް ތަޖޫގެ ދުލުން

މަ ދިރި އުޅޭނަމެވެ. ލައިފަކަށް ނުދާނަމެވެ.

މަމީ ދިވެއްސެކެވެ. ދިވެހިބަހުން ވާހަކަ ދައްކަން މަށެއް ލަދެއް ނުގަނެއެވެ. މަށަށް މަގޭ ބަސް ރީއްޗެވެ. އިނގިރޭސި ދެ ބަސް އެއްކޮށްލައިގެން ރަނގަޅަށް އިނގިރޭސިބަހުން މޮށެން ނޭނގޭ ހާލުގައި ވެސް އިނގިރޭސި ބަހުން ނޫނީ ކަލެއަށް ވާހަކަ ނުދެއްކޭތީ މަ މިހުރީ ހައިރާންވެ އަންތަރީސްވެ ތަލިން ކުޅުހިކިފައެވެ. ދިވެހިބަހުން މޮށެއުޅުމަކީ ކަލެއަށް ހުތުރުކަމެއް ދޯއެވެ؟ އެކަމަކު މަ މި އަޖައިބުވީ ދިވެހީންގެ ތެރޭގައި ދިވެހިބަހުން ވާހަކަނުދެއްކޭ މީހާ އެންމެ ފަހަރަކު އިނގިރޭސިވިލާތަށް ދެވުނީތީ އެ ތަނުގައި އެކުޅުނު ޗަރުކޭސް ފެނިފައެވެ. ހީތުރޯ އެއަރޕޯޓުގައި ކަލޭ ހުރެފައި އެތަނުގެ އިމިގްރޭޝަން އޮފިސަރެއްގެ ގާތުގައި ބުނެލި ޖުމްލައަކުން މަ އިދިފުށަށް ނުވެއްޓުނީ ކިރިޔާއެވެ.

"dhivehi is my mother tongue" ހަމަގައިމުވެސް ކަލޭ އެހެންބުނީ ކަލޭ ދިވެހިބަސްދެކެ ފަޚުރުވެރިވާތީ ނޫންކަން މަށަށް އެނގެއެވެ. ކަލޭ އެހެންބުނީ ކަންދައްކާށެވެ. މާ ގައުމިއްޔަތު ބޮޑު މީހެއްކަމާއި އަމިއްލަ ފަޚުރުވެރި ބަހެއް އޮންނަކަން ދައްކައިގެން އެ މީހުންގެ އިޙްތިރާމާއި ލޯބި ހޯދާށެވެ.

ކަލޭ އެ ދުވަހު ކަންކުރީ ކަންދައްކާށޭ ބުނީމާ ރުޅި އިސްކުރާކަށް ނުވޭ ދޯއެވެ؟ ދަރިއަކު ހުރެގެން އެހެރަ ބޮޑުވަނީއެވެ. ދަރިފުޅު ނިދަން ބާއްވައިގެން ޝަހާދަތް ކިޔައިދިނީ ކިތައް ރޭ ހެއްޔެވެ؟ ދިވެހި ޢިބްރަތްތެރި ވާހަކައެއް، ބަންޖެއް، ރައިވަރެއް ދުވަހަކު ވެސް ކިޔައިދިނިން ހެއްޔެވެ؟ ރޭގަނޑު ކަލޭގެ ކޮޓަރިން މަ އަހަނީ ދަރިފުޅަށް "ލަލަބައި" ކިޔައިދޭ އަޑާއި "ޝީޕް ކައުންޓް" ކުރުވާ އަޑެވެ. ދުވަހަކު ވެސް ދަރިފުޅާއޭ ދެން އަވަހަށް ދެ ލޯމަރާށޭ އަވަހަށް ނިދައިލާށޭ" މި ކަހަލަ އޯގާތެރި ބުނުމެއް ބުނާއަޑެއް މަށެއް ނާހަމެވެ. އެހެނެއް ނޫނެވެ. "Go to sleep" ބުނާ އަޑު އިވެއެވެ.

އެކުވެރިޔާއެވެ. ކުއްޖާގެ ޢުމުރުން 5 އަހަރަށް އެޅީއެވެ. އަޅެ ވިސްނައިލައިފައި ބުނެބަލާށެވެ. އެ ކުއްޖާފުޅަށް ހެނދުނު ސައިފޮދެއް ދުވަހަކު ވެސް ދިނިން ހެއްޔެވެ؟ ނުދޭނެއެވެ. ބޯޖަހާނެ ކަމެއްނެތެވެ. ކަލޭ އެ ސޮރު ބޮޑު ތިކުރަނީ ބްރެކްފާސްޓާއި ލަންޗާއި ޑިނަރ ކާންދީގެންކަން މަށަށް އެނގެއެވެ. އެ ސޮރު ދަތް އުނގުޅުވައި ފެންވަރުވައި ހެދުމަކީ ވެސް ކަލޭމެން ކުރުވާ ކަމެއް ނޫނެވެ. ހައްތާ ވެސް މަށަށް ތިގޭތެރެއިން އިވެނީ ޓީތު އުނގުޅަން ދާން ގޮވާއަޑާއި ބާތުކުރަން ޓޮއިލެޓަށް ދާން ގޮވާއަޑެވެ. 'ބޮޑު ހަގެއް މޮމް' އަށް ދޭން ގޮވާއަޑާއި 'ޑަޑާއަށް ކިސް' އެއް ދޭން ގޮވާއަޑާއި، 'ގްރޭންޕާގެ ޗިން' ގައި ހިފާލަން ގޮވާއަޑެވެ. 'ގްރޭނީގެ ޗީކް’ގައި ކޮށްޓައިލަން ބުނި އަޑުވެސް އެއް ދުވަހަކު އެހީމެވެ. މަ މިހެން ބުނީމާ ކަލޭ ބުނާނެއެވެ. އަހަރެންވެސް އަހަރެންގެ ދަރިއަކަށް ދެރަގޮތެއް ވާކަށް ނޭދޭނެއެވެ.

އެކަމަކު ކަލެއަށް ތި ކުރެވޭ ކަމަކުން އެ ސޮރު އެހުރީ ވާހަކަ ދެއްކުމުގެ ކުޅަދާނަކަން ހުރެމެ މާދަރީބަހަށް 'މަންމަންވެ' ނުކުޅެދުންތެރި ކުއްޖެއްގެ ގޮތުގައެވެ. އަދި އެއަށްވުރެ މާ ބޮޑު ގޯހެއް ކަލޭ ތިހުރީ ހަދައިފައެވެ. އެއީ އެ ދަރިފުޅަކީ ބައްޕައެއް ނެތް ކުއްޖެއް ކަމުގައި ކަނޑައަޅައިފައިވުމެވެ. މަ މިހެން ބުނީމާ ރުޅިއައިސް މޫނު އުސްކޮށް ބޯހޫރާނެ ކަމެއްނެތެވެ. ކަލޭތީ އެ ދަރިފުޅުގެ ބައްޕަނަމަ އެ ސޮރު ކަލެއަށް ގޮވާނީ 'ބައްޕަ' ކިޔައިފަ ދޯއެވެ. "ޑަޑާ" އަކާއި "ޑެޑީ" އަކާއި "ލޭޑީ" އެއް ނުކިޔާނެ ދޯއެވެ؟ އެ ދަރިފުޅު ބަނޑުއަޅައި ވިހެއި މައިމީހާއަށް "މަންމާ" އޭ ކިޔާފައި ގޮވައިލުމުގެ ފުރުސަތު ވެސް ކަލޭމެން ތިޔަ ތިބީ އެ ސޮރަށް ގެއްލުވައިލައިގެންނެވެ. ކޮން "މަމީ" އެއްހެއްޔެވެ؟ މަ ދަންނަ "މަމީ" އަކީ ނޫޑުލެހެކެވެ. ދެން މަ ދަންނަ މަމީތައް ތިބީ މިސުރުގެ ދާރުލްއާސާރުގައެވެ. "މަންމަ" ވާނީ މަންމައަށެވެ. އެއީކީ "މަމީ" އެއް ނޫނެވެ. މަ މިހެން ބުނީމާ ކަލޭ ބުނާނެއެވެ. ދިވެހިން ބުންޏަސް އިނގިރޭސިން ބުންޏަސް އެ ކިޔަނީ ހަމަ އެކައްޗެކެވެ. ވާނީ ހަމަ އެއްގޮތެވެ.

ކޮއްކޯއެވެ. އެއް ގޮތެއް ނުވާނެއެވެ. ކަލެއަށް އަންހެން ކުއްޖަކު ފެނުމުން އެންމެ ފަހަރަކުވެސް "This is a girl" އޭ ހިތަށް އަރާ ހެއްޔެވެ؟ ނާރާނެއެވެ. "އެއީ އަންހެން ކުއްޖެކޭ" ހިތަށް އަރާފާނެއެވެ. ހިތަށްއަރާ އެއްޗަކާއި ފައިބާ ކޮންމެ އެއްޗެއް އޮންނާނީ އެ މީހެއްގެ މާދަރީބަހުގެ ފޭރާމެއްގައެވެ. ވިހެއުމުގެ ވޭންވަރު ތަޙައްމަލުކޮށްފައިވާ ދިވެހި މަޔަކަށް ދަރިއަކު ލޯބިން މަންމާ އޭ ގޮވައިލީމާ އެ ކުރެވޭ އުފާވެރި އިހުސާސް ބުނެދޭން އެނގޭނީ އެ ފަދަ މަންމަ އަކަށެވެ.

އެކުވެރިޔާއެވެ. ގޭތެރޭގެ ވާހަކަ ބާއްވާށެވެ. ކަލޭ އިހަށް ރޭ ޓީވީއަށް އަރައި އިނދެގެން އެ ޖެއްސީކޮން ވައްތަރެއް ހެއްޔެވެ؟ ކޮންމެ ދެ ބަހެއްގެ ދެމެދަށް ދެ ލަފުޒެއްގެ ދެމެދަށް އާ!އާ! އާހް! ތަކެއް ލައިގެން ކަލޭ އުޅުނީ ކަލެއަކީ ހަން ކަޅުކޮށް ހުއްޓަސް އިނގިރޭސިއެއްކަން ސާބިތުކޮށް ދޭންދޯއެވެ؟ ހަމަގައިމު ވެސް ކަލެއަކީ އާ ގަންނަ މީހެއް ނޫނެވެ. އެ ވައްތަރެއް ޖައްސަމުން ދިޔައިރު މަށަށް ބޮޑަށް ސިފަވީ ކަލޭ ސަރަގަމަޕާ ކިޔަން އުޅޭ ކަހަލަ ގޮތަކަށެވެ. މަ މިހެން ބުނީމާ ކަލޭ ބުނާނެއެވެ. އެއީ މޮޅެތި ސިޔާސީ ލީޑަރުންގެ ހުނަރެވެ. ކަލޭ އެރޭ ކީއެއްޗެއް މަގޭ މައިންބަފައިންނަކަށް ހަމަ އެއްގޮތަކަށް ވެސް ނޭނގުނެވެ. ޑެމަކްރަސީއަކާއި ގަވަރނިންގ ލެޖިސްލޭޝަނަކާއި އޮތޯރިޓީއަކާއި ޑިވެލޮޕްމްނަޓް ކޮންސްޓިޓިއުޝަންއަކާ މި ކަހަލަ އެތައް އެއްޗެއް ކިޔާ ނިމުނީމާ ބައްޕަ ބިރުން ޓީވީ ނިވައިލިކަން ކަލޭ ދެނަހުރިން ހެއްޔެވެ؟ "ރަނގަޅަށް ވިއްޔާ އެ ބަވަނީ އަހަރުމެންނަށޭ އައުގުރާނަ ގޮވިޔަސް އެ ބަހުން ކީމަކާ އަހަރުމެންނަކަށް ނޭނގޭނެ ދޯއެވެ؟" މިއީ ސީދާ ބައްޕަ ބުނި ބަހެވެ. ޓީއަކަށް އަދި އަމުދުން ދައުލަތުގެ ޓީވީއަކަށް އަރާ އިނދެ ކިޔާއެއްޗެއް ކިޔާންވާނީ އެންމެންނަށް އެނގޭނޭހެން ދިވެހިބަހުން ދޯއެވެ؟

ކޮއްކޯއެވެ. މަގޭ ބަސް މަށަށް ރީއްޗެވެ. މަ ވާހަކަ ދައްކާނީ މަގޭ އުފަން ބަހުންނެވެ. "ޑޫޑާއި ޕާރޓާއި ބަޑީއާއި ބްރޯއާއި ޗިކް" ގޮވައިގެން ކަލޭމެން "އެޑިޔުކޭޓެޑް ޖެނެރޭޝަން" އުޅޭށެވެ. އަހަރެން އެކުވެރިޔާއާއި ލޯބިވެރިޔާއާއި ބައިވެރިޔާއާއި އެހީތެރިޔާ ގޮވައިގެން ދިރިއުޅޭނަމެވެ. ކަލޭ ރުހުނަސް ނުރުހުނަސް "ލައިފަކަށް" މަށެއް ނުދާނަމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
473

5 Responses

  1. ވަރަށް އަގުހުރި ލިޔުމެއް.. މި ފަދަ ލިއުންވުން ތަކަކީ ދިވެހި ބަހަށް ކުރެވޭ ޚިދުމަތެއް. މާދަރީ ބަސް ދިރުވާ އާލާކުރުމަކީ ޤައުމު ދެމި އޮތުމަށް ކުރަންޖެހޭ ކަމެއް.
    ޝުކުރިއްޔާ ޝާޒް.

  2. ވަރަށް ވެސް ރަގަޅު ވާހަކަކޮޅެއް މިހާރު މިޒަމާނުގައި ދިވެހި ބަހުން ކުއްޖަކު ކައިރީގަ ފެންފޮދެއް ބޯން ބުންޏަސް ނޭގެއެވެ މިހާރު މަންމައަކީ މަން.. ،ނޫނީ ،މަމީ ބައްޕަ، އަކީ ޑޭޑްު ނޫނީ ޑަޑާ، މި ފެން ބޮޑުވަރު ދޯ މަންމަ،ބައްޕަ ކިއުވަން ލަދުގަންނަނީ ތޯޗެއް ވަރަށް ވެސް ހިތާމަ ހުރި ކަމެށްމީ.. .. ތަޖުރިބާ ތަޖޫބެ👏

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *