Support Us

މަސަހިރޯ ހަރާ- ކިއު.އާރް ކޯޑް އީޖާދުކުރީ "ގޯ" ކުޅެނިކޮށް އައި ހިޔާލަކުން

ޖަޕާންގެ ހޮސައި ޔުނިވާސިޓީން ތައުލީމު ހާސިލުކުރި، މިހާރު އުމުރުން 68 އަހަރުގެ ހިތްތިރި އިންޖިނިއަރު މަސަހިރޯ ހަރާ، 1990ގެ އަހަރުތަކުގައި އުޅުނީ އެތައް ސިނާއަތެއް މާޔޫސްކޮށްލައިފައިވާ މައްސަލައަކަށް ބަލަމުންނެވެ: އެއީ ބާކޯޑްގެ ބޭނުން ފުޅާކުރެވޭނީ ކިހިނެތްތޯއެވެ.

ބާކޯޑަކީ ލަސް އަދި މާ ގިނަ މައުލޫމާތު އެކުލެވޭ އެއްޗެއް ނޫނެވެ. ދުނިޔެ އައީ މާ ހަލުވި ދުވެލީގައި ކުރިއަރަމުންނެވެ. ނަމަވެސް ބާކޯޑަށް އެ ދުވެލީގައި ހިފަހައްޓައެއް ނުލެވުނެވެ.

މަސަހިރޯ މަސައްކަތްކުރީ ޑެންސޯ ވޭވްގައެވެ. އެއީ އެއްގަމު އުޅަނދުފަހަރު އުފައްދާ ކުންފުންޏެކެވެ. ހަލުވިކަމާއި ފޯކަސްއަކީ މި ފަދަ ސިނާއަތެއްގެ ހުރިހާ ވެސް މުހިންމު ކަމެވެ. އޭނާ ބޭނުންވީ ބާކޯޑަށްވުރެ ރަނގަޅު އެއްޗެކެވެ. މާ ވިސްނުންތެރިކަމާއެކު މާ ރަނގަޅަށް މަސައްކަތްކުރާނެ އެއްޗެކެވެ.

އެއް ރެއަކު، 1994 ގައި މަސަހިރޯ އިނީ ބޯޑު ކުޅިވަރެއްކަމަށްވާ "ގޯ" ކުޅޭށެވެ. ގާތްގަނޑަކަށް 2،500 އަހަރު ކުރިން ޗައިނާގައި އުފަންވި މި ކުޅިވަރު ޖަޕާންގައި ވެސް ވަނީ 1،300 އަހަރު ކުރިން ފެށިގެން ވަކިހިއްޕައިލައިފައެވެ.

ޗައިނާގައި 2،500 ކުރިން އުފަންވި އަދި 1،300 އަހަރު ކުރިން ޖަޕާނަށް ފެތުރުނު ބޯޑް ކުޅިވަރު "ގޯ"

ބޯޑުގައި ކަޅާއި ހުދު ކުލައިގެ ފޮތިތަކުގެ އެތުރުންތަކުން ނުކުންނަ މާނަ ހުރި ގޮތުން މަސަހިރޯ ވިސްނަމުން އައީ މައުލޫމާތު ވެސް އެ ގޮތަށް އެއްކުރެވޭނެ ގޮތަކަށެވެ. މިއީ އޭނާއަށް އީޖާދީ ހިޔާލު އައި ގޮތެވެ.

އެއަށް ފަހު އައީ ހިމޭން އިންގިލާބެކެވެ. މަސަހިރޯ އާއި އޭނާގެ ޓީމުން އުފެއްދީ މުޅިން އާ ބާވަތެއްގެ ކޯޑެކެވެ. ހަމައެކަނި ބާކޯޑް އިތުރަށް ފުރިހަމަ ކުރީކީ ނޫނެވެ. ނަމަވެސް ބާކޯޑާމެދު މުޅިން އާ ގޮތަކަށް ވިސްނީއެވެ.

ބާކޯޑާ ހިލާފަށް މި އާ ކޯޑް ކޮންމެ ދިމާއަކުން ވެސް "ކިޔޭނެ"އެވެ. ހަލާކު ވިޔަސް ސްކޭން ކުރެވެއެވެ. އަދި ބާކޯޑަށްވުރެ އެތައް ސަތޭކަ ގުނަ އިތުރު މައުލޫމާތު ރައްކާކުރެވެއެވެ.

މިއަށް ދިން ނަމަކީ "ކިއު.އާރް" ކޯޑެވެ. ދިގު ނަމުން ނަމަ "ކުއިކް ރެސްޕޮންސް" ކޯޑްއެެވެ. ލަފުޒީ މާނައިން ބަލާ ނަމަ "ހަލުވި ދުވެއްޔެއް"ގައި ކިޔައިލެވޭ ކޯޑެކެވެ.

މި ކޯޑު ތައާރަފުވުމަކުން ފަލަ ސުރުހީތަކަކަށް ނާރައެވެ. ތައާރަފުކުރީ ބޮޑެތި ހަފުލާތަކެއް ނުބާއްވައެވެ. ނަމަވެސް އެހެން މުހިންމު އީޖާދުތައް ފަދައިން ކިއު.އާރް ކޯޑް ވެސް ފެތުރިގެން އައީ ހިމޭންކަމާއި ވަރުގަދަކަމާއެކު ދުނިޔޭގެ ހުރިހާ ދިމާއަކަށެވެ.

މިއަދު މަސަހިރޯގެ އީޖާދު އަހަރެމެންގެ ދިރިއުޅުމުގެ ގާތްގަނޑަކަށް ހުރިހާ ދާއިރާއެއްގައިހެން ދައުރެއް އަދާކުރެއެވެ. ކިއު.އާރް ކޯޑް ސްކޭންކޮށްގެން ރެސްޓޯރެންޓެއްގެ މެނޫ ކިޔައިލެވެއެވެ. ފައިސާ ދައްކައިލެވެއެވެ. އަހަރެމެންގެ ސިއްހީ ތާރީހަށް ބަލައިލެވެއެވެ. ވާޗުއަލް ހަރަކާތްތަކުގައި ބައިވެރިވެވެއެވެ. ނުވަތަ ދުނިޔޭގެ ކޮންމެ ދިމާއެއްގައި ހުރި މީހަކަށް ޑިޖިޓަލްކޮށް "ހަގް"އެއް ނުވަތަ ބައްދައިލުމެއް ވެސް ދެވެއެވެ. ކަޅާއި ހުދުގެ ހަތަރެސްކަން ގޮޅިތަކެއް ސްކޭންކޮށްލައިގެންނެވެ.

މަސަހިރޯ މަޝްހޫރުކަން ބޭނުމެއް ނުވިއެވެ. ނަމަވެސް "ގޯ" ކުޅިވަރުން ލިބުނު ހިޔާލަކުން އީޖާދުކުރެވުނު ކިއު.އާރް ކޯޑް މިއަދު އަހަރެމެންގެ ޖީބުތަކާއި ސްކްރީންތަކާއި އަދި ޖުމުލަ ގޮތެއްގައި އެތައް ބަލިއަން މީހުންގެ ދިރިއުޅުމުގައި މުހިންމު ރޯލެއް ކުޅެއެވެ.

ބައެއް ފަހަރަށް، އެންމެ ބޮޑެތި އުފެއްދުންތައް އަންނަނީ ގަދަފަދަކަމަކުން ނޫނެވެ. ނަމަވެސް، "މުސްކުޅި" މައްސަލައަކަށް "އާ" ނަޒަރަކުން ބަލައިލުމުންނެވެ.

  • ތަރުޖަމާއެއް