Support Us

ކުޑަކުދިންގެ ދުވަހުގެ ހަރަކާތްތައް ރައީސްގެ ދެކަނބަލުން ބައްލަވައިލައްވައިފި

ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށް ދިޔަ ކުޑަކުދިންގެ ހަވީރަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ދެ ކަނބަލުން ޒިޔާރަތް ކުރައްވައިފިއެވެ.

ތައުލީމީ ވުޒާރާއިން އިސްނަގައިގެން ފުރަތަމަ ފަހަރަށް ޤައުމީ ފެންވަރުގައި ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް މިއަދު ހަވީރު ކުރިއަށް ދިޔަ މި ހަރަކާތް އޮތް ސަރަޙައްދަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަޑައިގެންނެވުމުން މަރުޙަބާ ވިދާޅުވީ، ތައުލީމީ ވުޒާރާގެ އިސްވެރިންނާއި ސްކޫލުތަކުގެ އިސްވެރިންނެވެ. މިއަދު ކުރިއަށްދިޔަ ހަވީރުގައި، ދަރިވަރުންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ޚާއްޞަ ހަދިޔާއެއްވެސް އަރުވައިފައެވެ.

ކުޑަކުދިންގެ ހަވީރަށް ޒިޔާރަތްކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެތަނުގައި ހުރި ސްޓޯލްތައް ބައްލަވައިލައްވައިފައެވެ. އަދި މި ހަވީރުގައި ދަރިވަރުންގެ ފަރާތުން ހުށަހަޅައިދިން ސްޓޭޖް ހަރަކާތްތައްވެސް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައްލަވައިލެއްވިއެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ހަވީރުގައި ބައިވެރިވި ބައެއް ކުދިންނާއި، އެ ކުދިންގެ ޢާއިލާތަކާ، ބައްދަލުކުރައްވައިފައެވެ.

ހުރިހާ ސްކޫލަކަށް އެހީތެރިކަން ފޯރުކޮށްދެއްވައިގެން މި އަހަރުގެ ކުޑަކުދީންގެ ދުވަސް މިފަދަ ގޮތަކަށް ފާހަގަކުރީ ދުވަހުގެ ހަރަކާތްތަކުގައި ކުދީންނާއެކު އެކުދީންގެ އާއިލާތަކަށްވެސް ބައިވެރިވެވޭ ގޮތަށް ދުވަހުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމެވެ. މި ހަވީރު އިންތިޒާމު ކޮށްފައި ވަނީ، ކުޑަކުދިންނާ ގުޅޭ ޝައުގުވެރި، ތަޢުލީމީ ހަރަކާތްތަކާއި، މަޖާ ކުޅިވަރުތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ހަރަކާތްތަކާވެސް އެކުގައެވެ.

ކޮންމެ އަހަރެއްގެވެސް މެއި މަހުގެ 10ވަނަ ދުވަސް، ދިވެހިރާއްޖޭގައި ފާހަގަކުރަނީ ކުޑަކުދިންގެ ދުވަހުގެ ގޮތުގައެވެ. ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ރަސްމީ 'އެކްސް' އެކައުންޓުގައިވެސް ޕޯސްޓެއް ޙިއްޞާކުރައްވައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *