Support Us

ހުޅުމާލޭ ހޮޓެލް އިމާރާތުގެ މަސައްކަތް ނިންމަން "ވޯލްޑް އޮފް ބިޒްނަސް"އާ ހަވާލުކޮށްފި

ހުޅުމާލޭގައި އެސްޓީއޯއިން އިމާރާތްކުރަން ފަށައިފައިވާ ހޮޓެލް އިމާރާތުގެ މަސައްކަތް އެއްކޮށް ނިންމައި އެތަނުގެ ހިންގުން، "ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑް" އާ ހަވާލުކުރުމަށް އެޗްޑީސީން މިއަދު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

ސަރުކާރުގެ ބޭނުމަށް ހާއްސަކުރެވޭ އޮފީސް ބައެއް ހިމެނޭގޮތަށް ތަރައްގީކުރާ އެ ހޮޓެލްގެ މަސައްކަތް، އެތަން ހިންގުމަށް ހާއްސަކޮށް އުފައްދައިފައިވާ ކުންފުންޏެއް ކަމުގައިވާ ވޯލްޑް އޮފް ބިޒްނަސްއާ ހަވާލުކޮށް މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ، އެ މަސައްކަތާ ކުރިން ހަވާލުވެފައި އޮތް އެސްޓީއޯއާއެކު ސެޓަލްމަންޓް އެގްރީމަންޓަކަށް ދިއުމަށްފަހުއެވެ.

ހުޅުމާލޭގައި މި ތަރައްގީކުރެވޭ ހޮޓަލުގައި ސަރުކާރުގެ ބޭނުމަށް ހާއްސަކުރެވޭ އޭރިއާ (3.5 ފްލޯރ ސްޕޭސް) ގައި ސަރުކާރުގެ މުހިއްމު ވައުދުތަކުގެ ތެރޭގައި ހިމެނޭ މީޑިއާ ވިލެޖް، ޔޫތް ސެންޓަރު (އީ- ސްޕޯޓްސް) އަދި ހެރިޓޭޖް ކޮލެޖްގެ އިތުރުން މެޑިކަލް ކޮލެޖް ތަރައްގީ ކުރާނެއެވެ. މި ތަންތަން ނިންމައި ހަވާލުކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތް ފަށާތާ ހަތަރު މަސް ދުވަހުގެ ތެރޭގައެވެ.

އަދި ހޮޓެލްގެ ބާކީ އޭރިއާގައި ފަސް ތަރި ސްޓޭންޑަޑްގެ 158 ކޮޓަރި ތަރައްގީކޮށް، މަސައްކަތް ފަށާތާ ނުވަ މަސް ދުވަހުގެ ތެރޭގައި އޮޕަރޭޝަނަށް ގެނައުމަށް ވަނީ ހަމަޖެހިފައެވެ. މިއީ، ރާއްޖެ ޒިޔާރާތްކުރާ ފަތުރުވެރިންނަށް ޓްރާންސިޓް ކުރެވޭނެ ރަނގަޅު ހޮޓަލެއް ހުޅުމާލޭގައި ތަރައްގީކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް، އެންމެ ޒަމާނީ ވަސީލަތްތަކާއެކު ފެންވަރު ރަނގަޅު ހިދުމަތް ދެވޭ ގޮތަށް ތަރައްގީކުރާ އިމާރާތެކެވެ.

"މެންހަޓަން ގްރޭންޑް ހޮޓެލް"ގެ ނަމުގައި ވޯލްޑް އޮފް ބިޒްނަސްއިން އެ ހޮޓެލް ހިންގުމަށް ހަމަޖެހިފައިވަނީ %50 ފޮރިން އިންވެސްޓްމަންޓާއެކުއެވެ. މި މަޝްރޫއަށް އިންވެސްޓްކުރުމަށް ހަމަޖެހިފައިވަނީ ޔޫއޭއީގެ ކުންފުންޏެއް ކަމުގައިވާ "ޑީޕް ސީފުޑް ކޮމްޕެނީ" އިންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *