ކަނޑުފޭރޭ އެ ކަރައިގެ ފަރަންޖީން
އަޑު ގަދަކޮށް ހަދަމުން އަންނާނޭ
ސަޑު ލައި، ބޮލުގައި ތެޔޮ އުނގުޅައިގެން
މަޑު ނުވެ ނަށަމުންވެސް އަންނާނޭ
ކަނޑުފޭރޭ އެ ކަރައިގެ ފަރަންޖީން
ތަނޑި ދޮން ބަނބުކެޔޮ، ގިތި ސައްކޭލާ
ހަޑިކެއު، ސަންފާ، އޮޅުވައިލާނޭ
ހަނޑުލެއް، ކަނޑުލެއް، ވަކިނުވެ އުޅުނަސް
ރަނޑު ހެދިގެން ހީނލައި އުޅެފާނޭ
ކަނޑުފޭރޭ އެ ކަރައިގެ ފަރަންޖީން
ބަނޑުހައި ވީމައި ފުޅަ، މުޅަ، ކައިގެން
ދަނޑިއަލުވިން ބަތްޕެން ކައްކާނޭ
ކަނޑުރޯދި ނެތަސް "އޯކޭ" ގޮވަމުން
ގަޑުބަޑު ކުރުވަން ނިކުމެ އުޅޭނޭ
ކަނޑުފޭރޭ އެ ކަރައިގެ ފަރަންޖީން
ކެނޑި ސަޅި، ތެދު ބަސް، މަސްހުނި ކުރަމުން
އަޑި ނުބަޔަސް، ފަތިފުށް ފޮރުވާނޭ
ލަނޑު ދޭން ބަލަމުން ކެހިވެރި އެއުރެން
ވެޑުވެން ދާނެއް ހަމަ ހޯދާނޭ
ކަނޑުފޭރޭ އެ ކަރައިގެ ފަރަންޖީން
މަޑު ތަންމައްޗަށް ފަރިތަ ލުޓޭރުން
ދަނޑުވެރިކަން އަތަކުން ނުކުރާނޭ
ކަނޑިބަޑި ހެދުމަށް އެވެރިން މޮޅަކަސް
ހަޑިޔެއް، ހުތުރެއް، ނުމެ ދައްކާނޭ
ކަނޑުފޭރޭ އެ ކަރައިގެ ފަރަންޖީން
