Support Us

އެޗްޑީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ހަތަރު ދާއިރާއަކުން

އެޗްޑީސީގެ މި އަހަރުގެ ކޯޕަރޭޓް އެޕްރެންޓިސްޝިޕް ޕްރޮގްރާމް އިޢުލާންކޮށްފިއެވެ. އުމުރުން 18 އާއި 35 އަހަރާ ދެމެދުގެ ދިވެހިންނަށް ބައިވެރިވެވޭ މި ތަމްރީނު ޕްރޮގްރާމްގައި ހިމަނައިފައި ވަނީ ހަތަރު ދާއިރާއެކެވެ.

ހަ މަސްދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ 22 ވަނަ ދުވަހުއެވެ. ޕްރޮގްރާމްގައި ބައިވެރިވާ ކޮންމެ ބައިވެރިއަކަށް މަހަކު 6,000ރ.ގެ އެލަވަންސެއް ލިބޭނެއެވެ. މި އަހަރުގެ ޕްރޮގްރާމްގައި 25 ބައިވެރިންނަށް ފުރުސަތު ދެވޭނެއެވެ.

މި ތަމްރީނު ޕްރޮގްރާމްގައި ހިމަނައިފައިވާ ހަތަރު ދާއިރާއަކީ އެއްގަމު އުޅަނދުފަހަރުގެ މަރާމާތު، ކަނޑު އުޅަނދުފަހަރުގެ އިންޖީނު މަރާމާތު، އަދި ރެފްރިޖަރޭޝަން އެންޑް އެއަރ ކޮންޑިޝަނިންގ މެކޭނިކްގެ ދާއިރާއެވެ. މި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް މި ދާއިރާތަކުން ލެވެލް ތިނެއްގެ ސަނަދެއް ހާސިލުކުރެވޭނެއެވެ.

ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން ޒުވާނުން ކުރިއެރުވުމަށް ހިންގާ މި ޕްރޮގްރާމަކީ ގާބިލު ޒުވާނުން އުފެއްދުމާއި، ޒުވާނުން ވަޒީފާއަށް އަހުލުވެރި ކުރުވުން ކަމަށް އެޗްޑީސީން ބުނެއެވެ.

މި ކޯޕަރޭޝަންގެ ހެޑް އޮޕް މާކެޓިންގް ޑިޕާޓްމަންޓް، ހަސަން ޝަހީދު ވިދާޅުވި ގޮތުގައި 2016 އިން ފެށިގެން މި ޕްރޮގްރާމް ފުރިހަމަކޮށްފައިވާ ފަރާތްތަކުން މިހާރުވެސް އެޗްޑީސީ އާއި އެހެނިހެން ކުންފުނިތަކުގައި އެކި މަގާމުތަކުގައި ހިދުމަތްކުރަމުން ގެންދެއެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައި ވެސް މި ޕްރޮގްރާމްގެ ތެރެއިން ގިނަ ޒުވާނުން ތަމްރީނުކުރެވި، މަސައްކަތުގެ މާހައުލަށް ނުކުތުން،" އޭނާ ވިދާޅުވިއެވެ. "ތަފާތު ދާއިރާތަކުން ހުނަރުވެރި މަސައްކަތްތެރިން ތަމްރީނު ކުރުމަށާއި، ވަޒީފާގެ މާހައުލަށް ގާބިލު ޒުވާނުން އުފެއްދުމަށް މި ކޯޕަރޭޝަނުން އަބަދުވެސް އަންނަނީ މަސައްކަތް ކުރަމުން."