Support Us

ސަވާބާއި ދަރުމަ ލިބޭ ކަންކަމަށް މަގުފަހިކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެއް: ރައީސުލްޖުމްހޫރިއްޔާ

ރަމަޟާން މަހުގެ ފަހު ދިހައެއް ސަރުކާރުން ބަންދުކުރެއްވީ، އިސްލާމްދީނުގައި ސަވާބާއި، ދަރުމަ ހޯދުމަށް ހުންނަ ކަންކަމަށް، ރައްޔިތުންނަށް މަގުފަހިކޮށްދެއްވުމަށްކަމުގައި ފާހަގަކުރައްވައި އެކަންކަން ކޮށްދެއްވުމަކީ ޒިންމާއެއް އަދި ފަޚުރެއްކަމުގައި ދެކިވަޑައިގަންނަވާ ކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ "ރައްޔިތުންނާ އެކު" މި ނަމުގައި ރައީސުލްޖުމްހުރިއްޔާގެ އޮފީހުން މިއަދު ކުރިއަށްގެންދިޔަ ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިމޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ 100 ޕަސެންޓް އިސްލާމުން އުޅޭ ޤައުމެއްގައި ޚާއްޞަކޮށް، ރަމަޟާންމަހު ސަރުކާރުން ރައްޔިތުންނަށް، ވީހާވެސް ބޮޑަށް ކަންކަން ފަހިކޮށްދީ ލުއިކޮށްދެއްވުމަށް ވަރަށް އިސްކަންދޭންޖެހޭނެ ކަމަށް ޤަބޫލުފުޅުކުރައްވާ ކަމަށެވެ.

ރަމަޟާން މަހަށް ޚާއްޞަކޮށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިދިޔަ ރޯދަމަހު ފުރަތަމަ ފަހަރަށް ކަރަންޓު ބިލާ ފެން ބިލުން ޚާއްޞަ ލުއިތަކެއް ދެއްވާފައިވާކަމަށެވެ. އަދި މިއަހަރުވެސް މިކަން ކުރެއްވިކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިދިޔަ އަހަރު ކޮންމެ ގޭބިސީއަކަށް ހަނޑޫ ބަސްތާއެއް ދެއްވުމަށް މަސައްކަތް ކުރައްވާފައިވާ ކަމަށާއި މިއަހަރު މަސްދަޅު ކޭސް ދެއްވުމަށް މަސައްކަތް ކުރެއްވި ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރަމަޟާން މަހަށްފަހު އަންނަ އީދު ބަންދާ ގުޅިގެން، ސަރުކާރުން އިސްނަގައިގެން މުސްލިމުން އުފާފާޅުކުރުމަށް މަގުފަހިކޮށްދޭން ޖެހޭނެކަން ޤަބޫލުފުޅުކުރައްވާ ކަމަށެވެ. އަދި އީދުގެ ދިއްލުންތައް ދިއްލުމުގެ ސަބަބުން ކުޑަކުދިންނަށް ޚާއްޞަކޮށް، އިސްލާމް ދީނަށް ލޯބިކުރުމަށް ބާރުއެޅިގެންދާނެ ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހަމަ އެއާއެކު އިސްލާމް ދީނުގައި އަންގަވާފައިވާ ކަންކަން ފާހަގަކުރުމުން ދީނަށް ލޯބިޖެހި ދީނުގެ ކަންކަން އުނގެނުމަށްވެސް ބާރުއެޅިގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުންވެސް މި ސަރުކާރުން ދަނީ ދީނީ ކަންކަމަށް މުޅި ރާއްޖޭގެ އެންމެހާ ރައްޔިތުން މިހާރަށް ވުރެ ބޮޑަށް ލޯބިޖައްސައި އަހުލުވެރިކުރުވުމަށް، ފުޅާ ދާއިރާއެއްގައި ގިނަ މަސައްކަތްތަކެއް ކުރައްވަމުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދުގެ ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން، ސްކޫލްތައް ރަމަޟާންމަހު ބަންދު ކުރެއްވުމަށާއި، ބާޒާރުގެ ތަކެތީގެ އަގު މާ މަތިވިޔަ ނުދީ އެއް ހަމައެއްގައި ހިފެހެއްޓުމަށް ގިނަ މަސައްކަތްތަކެއް މި ސަރުކާރުން ކުރައްވަމުންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *