Support Us

ހަޤީޤީ ވިސްނުން ބަހައްޓަންވީ ކަންކަން ކުރާއިރު ޤުރްއާނުގެ ބޭނުން ހިފުމަށް: ރައީސުލްޖުމްހޫރިއްޔާ 

އަޅުގަނޑުމެންގެ ހަޤީޤީ ވިސްނުން ބަހައްޓަންވީ، ކޮންމެ ދުވަހެއްގެ އަދި ކޮންމެ ވަގުތެއްގެ އަމަލީ މަސައްކަތްތަކާއި، އުޅުމާއި ގުޅުންތައް ބައްޓަންކުރާއިރު، ކީރިތި ޤުރްއާނުގެ ބޭނުން ހިފުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރޭ އިސްލާމީ މަރުކަޒުގައި ކުރިއަށްގެންދިޔަ ޙާފިޡުން ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިމޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން، ކޮންމެ މީހެއްގެވެސް "ގައިޑުބުކް" ނުވަތަ އަމަލީ ގޮތުން ކަންކަން ކުރަންވީގޮތް ބަލައި، ކަންކަން ކުރަންވީގޮތް ދަސްކުރާ ފޮތަކަށް ކީރިތި ޤުރްއާން ހެދުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ. އަދި ކީރިތި ޤުރްއާނަކީ ހަމަ އެކަނި ޖަލްސާތަކުގައި ކިޔަވާލަން އޮންނަ ފޮތަކަށް ނުހަދައި، އަމަލީ ފޮތެއްކަމުގައި ހެދުމަށް އެމަނިކުފާނު ގޮވައިލެއްވިއެވެ. ހަމަ އެއާއެކު މި މުޖުތަމަޢުގައި ގެއްލެމުންދާ އިންސާނީ ކަރާމާތް، އަނބުރާ ގެނެވޭނީވެސް ކީރިތި ޤުރްއާނަކީ ކޮންމެ ދުވަހެއްގެވެސް އަމަލުތައް ބައްޓަންކުރާ ފޮތްކަމުގައި ހަދައިގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކީރިތި ޤުރްއާނުގައި މަނާކުރައްވާފައިވާ ކަންކަމުން ދުރުހެލިވުމަށްވެސް ބާރުއަޅުއްވާފައެވެ. އެގޮތުން އަބުރަށް އަރައިގަތުމުންނާއި، ދެބައޮޑުވުމާއި، ދޮގުވާހަކަ ފެތުރުމުން ދުރުހެލިވުމަށް، އެމަނިކުފާނު ނަސޭހަތްތެރިވެ ވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މުޅި މުޖުތަމަޢުގެ ކުރިއެރުމަށްޓަކައި އެއް މުސްލިމަކު އަނެއް މުސްލިމަކަށް އިހްތިރާމް ކުރުމަށް ބާރުއަޅުއްވައިފައެވެ. އަދި ފުރިހަމަ މުސްލިމަކީ އޭނާގެ އަތާއި ދުލުގެ ނުބައިކަމުން އެހެން މުސްލިމުން ސަލާމަތްވެގެންވާ މީހާކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އެ ސުވާލު އަމިއްލަ ނަފުސާމެދު ހެޔޮނިޔަތުގައި ކޮށްފިނަމަ މުޅި މުޖުތަމަޢު ރަނގަޅުވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި މުޖުތަމަޢު ރަނގަޅު ވާނީ އަނެކާއަކީވެސް ތިމާ ފަދައިން ކަރާމާތެއް އޮތް މީހެއްކަމުގައި ޤަބޫލުކުރުމުންކަމުގައި ވިދާޅުވެ، އެމަނިކުފާނު ވަނީ އެކަމަށް ބާރުއަޅުއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވައިލައްވަމުންވެސް އެމަނިކުފާނު ވަނީ، ކިތަންމެ ގިނަ ބިނާރުތަކެއްގެ މަސައްކަތްކުރެވުނު ނަމަވެސް، ހަޤީޤީ ތަރައްޤީ ހާސިލްވާނީ ކީރިތި ޤުރްއާނާ އެއްގޮތަށް އަމަލުތައް ބައްޓަންކުރެވިގެންކަން ފާހަގަކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *