ކ. ތުލުސްދޫގައި އަލަށް ޤާއިމްކުރާ އިންޖީނުގެއާއި ކަސްޓަމަރ ސަރވިސް ބިލްޑިން އަދި އިންޖީނުގޭގެ ވަށާފާރު އިމާރާތްކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފިއެވެ. ގިނަވެގެން 175 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 11.9 މިލިއަން ރުފިޔާ އަށް މި މަސައްކަތް ހަވާލުކޮށްފައި ވަނީ ސަން ވިލް ޕްރައިވެޓް ލިމިޓެޑާއެވެ.
އިއްޔެ މެންދުރު ސްޓެލްކޯ ހެޑްއޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީއެވެ. ސަންވިލްގެ ފަރާތުން، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަބުދުﷲ ރާފިއުއެވެ.
މި ރަސްމީޔާތުގައި ސްޓެލްކޯގެ އިސް ވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަޞީމާއި ތުލުސްދޫ ކައުންސިލްގެ ރައީސް އަސްލަމް މޫސާ ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ފަހުމީ ވިދާޅުވީ ތުލުސްދޫއަކީ ސްޓެލްކޯއަށް ވަރަށް މުހިއްމު ރަށެއް ކަމަށެވެ.
"މިހެން މި ދަންނަވާލީ ސްޓެލްކޯ ކުންފުންޏަކަށް ވުމަށް ފަހުގައި މާލޭ ރީޖަންގެ ޚިދުމަތް ފިޔަވާ އަޅުގަނޑުމެންނަށް ޚިދުމަތަށް ނެގުނު ފުރަތަމަ ރަށް ތުލުސްދޫއަކީ. ތުލުސްދޫގައި މިހާރުވެސް ހިނގަމުން އެދާ ޕަވަރހައުސްއަކީ ވަރަށް ފެންވަރު ރަނގަޅު ޕަވަރހައުސްއެއް. އެހެން ނަމަވެސް މީހުން ދިރިއުޅޭ ސަރަޙައްދުގައި ހުރި ޕަވަރ ހައުސްއަކަށް ވާތީ، މީހުންނަށް އެންމެ ފަސޭހަކޮށް، އަރބަން ސެންޓަރސްތަކާ ދުރުގައި ޕަވަރހައުސްތައް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، އަޅުގަނޑުމެން ތުލުސްދޫ ޕަވަރހައުސް މި ބަދަލުކުރަނީ އަލަށް ހިއްކިފައިވާ ސަރަޙައްދަށް. އެހެންވީމަ އެކަމަށްޓަކާ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާއަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން،" ފަހުމީ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު ނަޞީމް ވިދާޅުވީ، ތުލުސްދޫގެ އާ އިންޖީނުގޭގެ އަމަލީ މަސައްކަތް ފެށުމަށްޓަކާ ސޮއިކުރެވިގެންދިއުމަކީ އަޅުގަނޑުމެން ދާއިރާއަށް އަދި ތުލުސްދޫގެ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
ކ. ތުލުސްދޫގައި އަލަށް ޤާއިމްކުރަން ނިންމާފައިވާ އިންޖީނުގެއާއި ކަސްޓަމަރ ސަރވިސް ބިލްޑިންގ އަދި އިންޖީނުގޭގެ ވަށާފާރު އިމާރާތްކުރުމުގެ އެއްބަސްވުމުގައި އާދިއްތަ ދުވަހު ވަނީ ސޮއިކޮށްފައި. މި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއެކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ.… pic.twitter.com/8piaSICdnE
— STELCO (@STELCOMALDIVES) March 24, 2025



advertisment

