ތަވާޟުޢުވެރިކަން
ސިޔާސީ ލީޑަރެއްގެ ކިބައިގައި ހުންނަންޖެހޭ އެއް ސިފައަކީ ތަވާޟުޢުވެރިކަމުގެ ސިފައެވެ. އެއާއި ނުލައި އެ މީހަކަށް ސިޔާސީ މައިދާނުގައި ކާމިޔާބު ނުލިބޭހުއްޓެވެ.
ސިޔާސީ ލީޑަރެއްގެ ތަވާޟުޢުވެރިކަމުގެ މިސާލެއް
ބުނެވެއެވެ. އެއް ދުވަހަކު الخليفة عمر بن عبد العزيزގެ އަރިހުގައި ބީރަށްޓެއްސަކު މަޑުކުރެއްވިއެވެ. އަދި ވާހަކަދައްކަން ތިއްބާ ބައްތި ނިވޭ ގޮތް ވިއެވެ. އެ ހިނދު عمر بن عبد العزيز އަމިއްލަފުޅަށް ތެދުވެވަޑައިގަތެވެ. އަދި ބައްތި ރަނގަޅު ކުރެއްވިއެވެ. އެ ތަން ދެކެފައި އެ ބީރަށްޓެހި މީހާ ދެންނެވިއެވެ. އޭ މުއުމިނުންގެ އަމީރެވެ! މަނިކުފާނު ތިމަންނަޔަށް އަމުރު ކުރެއްވި ނަމަ ތިމަންނަ ވެސް އެ ބައްތި ރަނގަޅުކޮށް ދިނީމުއެވެ. މަނިކުފާނު އަމިއްލަފުޅަށް އެކަން ކުރުމުގެ ބޭނުމެއް ނުވެއެވެ. އަދި މަނިކުފާނުގެ ކޮންމެ ވެސް ނޯކަރަކަށް އަމުރުކޮށްލެވި ނަމަ ވެސް އެކަން އެ މީހަކު ކޮށްދިނީސްމެއެވެ. އެ ހިނދު ވިދާޅުވިއެވެ. ތިމަންނަ ތެދުވެގެން ދިޔައިރު ވެސް ތިމަންނައަކީ عمر بن عبد العزيز އެވެ. އަދި އެނބުރި އައިއިރު ވެސް ތިމަންނައަކީ عمر بن عبد العزيز އެވެ. އެ ބައްތި ރަނގަޅުކުރުމަކުން ތިމަންނަގެ އަބުރާއި عزة ން އެންމެ ތަންފުކެއް ވެސް މަދުވެގެން ނުދެއެވެ. އަދި ދަންނާށެވެ. الله ގެ حضرةގައި އެންމެ މާތް ވެގެންވާ ބަޔަކީ އެއުރެންގެ ތެރެއިން تواضع ވެރިކަން އެންމެ ބޮޑު މީހުންނެވެ.[1]
ބުނެވެއެވެ. އެއް ފަހަރަކު ފާރިސްކަރައިން ވަފުދެއްގެ ބަޔަކު އެ ކަރައިގެ ރަސްގެފާނު كسرىގެ ސިޓީފުޅެއް ހިފައިގެން عمرގެފާނުގެ އަރިހަށް އައުމަށްޓަކައި مدينة އަށް ދިޔައެވެ. އަދި އެ ވަފުދު مدينة އަށް ވަޑައިގެން މީސް މީހުންކުރެ އެއްސެވިއެވެ. މި ރަށުގެ ރިޔާސީ ގަނޑުވަރު ކޮބައި ހެއްޔެވެ؟ އެ މީހުން ދެންނެވިއެވެ. މި ރަށަކު ރިޔާސީ ގަނޑުވަރެއް ނުހުރެއެވެ. ވެރިކަމުގެ ގަނޑުވަރެއް ނެތް ކަމަށް ބުނުމުން އެ ވަފުދު ހައިރާންވިއެވެ. ދެން އެ ވަފުދު ގޮވައިގެން ބޭކަލަކު عمرގެފާނާ ބައްދަލުކޮށް ދެއްވުމަށް ގެންދެވިއެވެ. އަދި ވަޑައިގެންނެވި މަގުމަތީގައި ގަހެއްގެ ދޮށުގައި عمرގެފާނު އަވަހާރަފުޅު ލައްޕަވަން އޮންނަވަނިކޮށް އެ ވަފުދަށް އެ ބޭކަލަކު ދެއްކެވިއެވެ. ވިދާޅުވިއެވެ. އެ އޮންނެވި ބޭކަލަކީ عمرގެފާނެވެ. އެ ހިނދު އެ ވަފުދުގެ ބޭކަލުން އިތުރަށް ހައިރާންވެވަޑައިގަތެވެ. އެއީ އެ ބޭކަލުންނަށް ފެނިވަޑައިގެންފައި ވަނީ ފާރިސްކަރައާއި ރޫމުކަރައިގައި ރަސްރަސްކަލުން އުޅުއްވަވާ ގޮތުގެ ފަޚުރުވެރި މަންޒަރުތައް ކަމަށް ވީތީއެވެ. އަދި عمرގެފާނުގެ تواضع ވެރިކަން ދެކެވަޑައިގެންފައި އެ ބޭކަލުން ލިބުނު ހައިރާންކަމެއްގެ ބޮޑުކަމުން ބުނެވުމެވެ. "އޭ عمر ގެފާނެވެ! ކަލޭގެފާނު ނިޔާ އިއްވެވިއެވެ. އަދި ޢަދުލުވެރިވެ ވަޑައިގަތެވެ. އެކަމުން ކަލޭގެފާނަށް އަމާންކަން ތިޔަ ވަނީ ލިބިފައެވެ. އެކަމުގެ ސަބަބުން ކަލޭގެފާނު ތިޔަ އޮންނެވީ ބިރުފުޅެއް ނެތި އަވަހާރަފުޅު ލައްޕަވައިފައެވެ." [2]
އެކި އެރީންގެ ހައްގުގައި ތަވާޟުޢުވެރިވުން
ސިޔާސީލީޑަރުންނަށް ކާމިޔާބެއް ލިބުނުކަމުގައި ވިޔަސް އެ ކާމިޔާބީގެ ފަހަތުގައި ތިބި މީހުން ހަނދާން ނައްތައިލައިގެން ނުވާނެއެވެ. އެ ބަޔަކާ އެކު ކުރީގައި އޮތް ހެޔޮކަމެއް ނުވަތަ އެއްވުމެއް ނުވަތަ ކުޅިވަރެއް މެދު ނުކެނޑުން ބުއްދިވެރިއެވެ.
ބުނެވެއެވެ. މާތް الله ރުއްސުންލެއްވި ابو بكر الصديق މަދީނާގެ ބައެއް ނިކަމެތީންނަށް ބަކަރިން ކިރުފެލުއްވައި ދެއްވަމުން ގެންދެވިއެވެ. އަދި އެ ގޮތުގެ މަތީ ހުންނަވަނިކޮށް މުސްލިމުންގެ ޚަލީފާވެރިކަން ލިބިވަޑައިގަތެވެ. އެ ހިނދު އެ މީހުން ބުނަން ފެށިއެވެ. ދެނެއް އަބޫބަކުރުގެފާނު ތިމަންނަމެނަކަށް ބަކަރިން ކިރެއް ނަންގަވާ ނުދެއްވާނެއެވެ. ނަމަވެސް އެކަން ވެގެންދިޔައީ އެހެންނެއް ނޫނެވެ. އަބޫބަކުރުގެފާނު ކުރިއެކަކޭ އެއްގޮތަށް އެމީހުންނައް ޓަކައި ބަކަރިން ކިރު ފެލާދެއްވަމުން ގެންދެވިއެވެ. ޚަލީފާވެރިކަން ލިބިވަޑައިގަތުމަކުން تواضع ވެރިކަމަށް އެއްވެސް ބަދަލެއް ނާދެއެވެ. [3]
އަބޫބަކުރުގެފާނުގެ ޚަލީފާވެރިކަމުގައި أسامة بن زيدގެ ލަޝްކަރު ޝާމުކަރައާ ހަނގުރާމައަށް ފޮނުއްވިއެވެ. އެ ވަގުތު އަބޫބަކުރުގެފާނު ހުންނެވީ ލަޝްކަރާ އެކު މަގުމަތީގައެވެ. އަދި أسامة بن زيد އިންނެވީ ސަވާރީއެއްގެ މަތީގައެވެ. އެ ހިނދު أسامة بن زيد ވިދާޅުވިއެވެ. އޭ الله ގެ رسولގެ خليفة އެވެ. ކަލޭގެފާނު ސަވާރުވެވަޑައިގަންނަވާށެވެ. ނުވަތަ ތިމަންނަ ބިމަށް ފައިބައި ހުށީމެވެ. އެ ހިނދު އަބޫބަކުރުގެފާނު ވިދާޅުވިއެވެ. ތިމަންނަ އެއްޗެއްގެ މައްޗަށް ސަވާރުވާކަށް ބޭނުމެއް ނޫނެވެ. އެހެންނޭ ކިޔާފައި ތިބާ ސަވާރީން ފައިބާނެ ކަމެއް ވެސް ނެތެވެ. ތިމަންނަގެ ފައިތިލާގައި الله ގެ މަގުގައި ހިނގުމުން ހިރަފުސް ނުބީހެންވީ ހެއްޔެވެ؟ [4]
تواضع ވެރިކަމަކީ ކޮބައި ހެއްޔެވެ؟
އެއީ އެންމެހާ މީސްތަކުންނަށް އިހުތިރާމުކުރުމާ އެކު އެއް ވެސް މީހެއްގެ މައްޗަށް ބޮޑާވެނުގަތުމެވެ. އެއީ ތިމާ ފަދަ އަނެއް އިންސާނާ އަކީ ތިމާއަށްވުރެ ދެރަ މީހަކު ކަމުގައި ވިޔަސް ނުވަތަ فقيرއަކު ކަމުގައި ވިޔަސް ނުވަތަ ބަލިކަށި މީހަކު ކަމުގައި ވިޔަސް އެ މީހުންނަށް އިހުތިރާމު ކުރުމާ އެކު ތިމާ އަށް ލިބިފައިވާ ނިއުމަތްތަކާ އަޅުވައިގެން އެހެން މީހެއްގެ މައްޗަށް ބޮޑާވެނުގަތުމެވެ.
تواضع ވެރިވުމުން މާތް الله އަމުރުކުރެއްވިއެވެ. މާތް الله ވަޙީކުރެއްވިއެވެ. وَاخْفِضْ جَنَاحَكَ لِمَنِ اتَّبَعَكَ مِنَ الْمُؤْمِنِينَ [5]. މާނައީ: مؤمنންގެ ތެރެއިން ކަލޭގެފާނަށް تبعވީ މީހުންނަށް، ކަލޭގެފާނުގެ ފިޔަފުޅު ތިރިކުރައްވާށެވެ! (އެބަހީ: މަޑުމައިތިރިވެވަޑައިގަންނަވާށެވެ!)
الفضيل بن عياض ގެ އަރިހުން تواضع ވެރި ކަމަކީ ކޮބައިތޯ ސުވާލުކުރެވުނެވެ. އެ ހިނދު ވިދާޅުވިއެވެ. އެއީ حق އަށް ތަބާވުމެވެ. އަދި ހައްގަށް ފުރިހަމައަށް ކިޔަމަންތެރިކަން އަދާ ކުރުމެވެ. އަދި حق ބަހެއް ޅަކުއްޖެއްގެ ކިބައިން އިވުނުކަމުގައި ވިޔަސް އެ ވާހަކަ އަށް ބޯލެނބުމެވެ. އަދި އެންމެ އާދައިގެ މީހެއްގެ ކިބައިން އަޑުއިވުނު ބަހެއް ކަމުގައިވިޔަސް މެއެވެ.
ހަރު ބަހެއްގައި ވެއެވެ. عزةގެ ރިދާއަކީ تواضع ވެރިކަމެވެ.
ކީރިތި ރަސޫލާ ﷺ ގެ تواضع ވެރިކަން
تواضع ވެރިކަމަކީ ކީރިތި ރަސޫލާ ﷺ ގެ اخلاق ތެރެއިންވާ އެންމެ މާތް އެއް ސިފައެވެ. އެ ކަލޭގެފާނުގެ تواضع ވެރިކަން ثابت ވާ ވަރަށް ގިނަ مثال ތައް ވެއެވެ. މާތް الله ރުއްސުންލެއްވި عائشةގެފާނުގެ އަރިހުން އެ ކަލޭގެފާނުގެ ދިރިއުޅުއްވުމާމެދު ސުވާލު ކުރެވުނެވެ. އެ ކަމަނާ ވިދާޅުވިއެވެ. އެ ކަލޭގެފާނު ގޭގެ އަހުލުވެރީންނަށް އެހީތެރިވުމުގައި އަމަލީގޮތުން ބައިވެރިވެވަޑައިގެން މަސައްކަތް ކުރައްވަމުން ގެންދަވައެވެ. އަދި ނަމާދު ވަގުތު ވުމުން ދެން ނަމާދަށް ވަޑައިގަންނަވައެވެ. އަދި އެ ކަލޭގެފާނު އަމިއްލަފުޅުން ބަކަރި ކިރުފޮދު ނަންގަވައެވެ. އަދި ފައިވާންފުޅު ރަނގަޅު ކުރައްވަވައެވެ.
تواضع ވެރިކަމުގެ ވައްތަރުތައް
1- الله އަށް تواضع ވެރިވުން
الله އަށް تواضع ވެރިވުމަކީ ތިމާ އުޅެންޖެހޭ ދީނެއްގެ ގޮތުގައި އިސްލާންދީން ގަބޫލުކުރުމާއި ދީނުގެ ހުކުންތަކާއި މެދު ތިމާގެ އަމިއްލަ ރައުޔާއި ޚިޔާލުގެ މައްޗައް ބުރަވެ ޖަދަލުނުކުރުމާއި ދީނީ ކަންތައްތަކަށް ފުރިހަމަޔަށް ކިމަން ތެރިކަން އަދާ ކުރުމެވެ.
2- ކީރިތި ރަސޫލާ ﷺ އަށް تواضع ވެރިވުން.
ކީރިތި ރަސޫލާ ﷺ އަށް تواضع ވެރިވުމަކީ އެ ކަލޭގެފާނުގެ سنة އަށް عملކުރުމުގައި އެ ކަލޭގެފާނު ގެންނެވި މަގުން ހިނގުމާއި އަދަބުވެރިކަމާއި އަދި ކިޔަމަން ތެރިކަމާއި އެކު އެކަލޭގެފާނަށް اقتداء ވުމެވެ.
3- مسلمންނަށް تواضع ވެރިވުން
މުސްލިމުންނަށް تواضعވެރިވުމަކީ އެމީހުންގެ މައްޗަށް ބޮޑާވެ ނުގަތުމާއި އެމީހުންގެ حقތަށް ފުރިހަމައަށް އަދާކުރުމާއި އެމީހުންގެ ފަރާތުން އަޑު އިވޭ حقބަސްތައް قبول ކުރުމެވެ.
ސިޔާސީ ލީޑަރުންނަށް تواضع ވެރިކަމުގެ މުހިންމުކަން
ސިޔާސީ ލީޑަރުންނަށް تواضع ވެރިކަމުގެ ސިފައަކީ މުހިންމެވެ. ސަބަބަކީ ތަވާޟުޢުވެރިަކމުގެ ސަބަބުން މީސްތަކުންގެ ކުރިމަތީގައި އެ މީހެއްގެ ގަދަރު އުފުލިގެންދާތީއެވެ. އަދި އެއީ أخلاقي މާތް ސިފައެކެވެ. އެއެއީ މީސްތަކުންގެ މެދުގައި އިންސާނީ ހަމަހަމަކަން ދައްކައިދޭ ކަމެކެވެ. އަދި މީސްތަކުންގެ މެދުން حسد ވެރިކަމާއި ރުޅިވެރިކަމާއި ނުރުހުންތެރިކަން ފިލައިގެންދާ ކަމެކެވެ. މި ހުރިހާ ކަމަކަށް ވުރެން ވެސް ބޮޑު ފައިދާ އަކީ އެ ކަމުން اللهގެ ރުއްސެވުން ލިބުމެވެ.
ކީރިތި ރަސޫލާ ﷺ ހަދީސުކުރެއްވިއެވެ. وَعَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «مَا نَقَصَتْ صَدَقَةٌ مِنْ مَالٍ، وَمَا زَادَ اللَّهُ عَبْداً بِعَفْوٍ إِلاَّ عِزّاً، وَمَا تَوَاضَعَ أَحَدٌ للَّهِ إِلاَّ رَفَعَهُ اللَّهُ عَزَّ وجلَّ»[6]، މާނައީ: މާތްالله ރުއްސުންލެއްވި أبوهُريرةގެ ކިބައިން ރިވާވެގެންވެއެވެ. ހަމަކަށަވަރުން رَسُولُ اللَّهِ صَلّى اللهُ عَلَيْهِ وسَلَّم ހަދީސުކުރެއްވެވިއެވެ. صدقة ދިނުމަކުން މުދަލަކަށް އުނިކަމެއް ނުލިބެއެވެ. އަދި މަޢާފުކުރުމުން އަޅާއަށް الله ގެ حضرة ން عزة އިތުރުވެގެން ދެއެވެ. އަދި އެއްވެސް މީހަކު الله އަށްޓަކައި تَوَاضَع ވެރިކަން اختيارކޮށްފި ނަމަ އެ ކަމުގެ މައްޗަށް اللهُ سُبْحَانَهُ وَتَعَالى އެ މީހެއްގެ ދަރަޖަ މަތިކުރައްވަވައެވެ.
تكبر ވެރިކަން
تكبرވެރިވުމަކީ تواضعވެރިކަމުގެ އިދިކޮޅު ސިފައެވެ. އެއީ މުސްލިމުންނަށް މަނާކުރެވިފައިވާ ސިފައެކެވެ. އެހެންކަމުން ސިޔާސީ ލީޑަރުން ވެސް އެ ކަމުން ދުރުހެލިވެގަންނަން ޖެހެއެވެ. عَنْ حَارِثَةَ بْنِ وَهْبٍ رَضِيَ اللَّهُ عَنْهُ قَالَ: سَمِعْتُ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ: «أَلَا أُخْبِرُكُمْ بِأَهْلِ الْجَنَّةِ؟ كُلُّ ضَعِيفٍ مُتَضَعِّفٍ، لَوْ أَقْسَمَ عَلَى اللَّهِ لَأَبَرَّهُ، أَلَا أُخْبِرُكُمْ بَأَهْلِ النَّارِ؟ كُلُّ عُتُلٍّ جَوَّاظٍ مُسْتَكْبِرٍ»[7]، މާނައީ: މާތް الله ރުއްސުންލެއްވި حَارِثَة بْنِ وهْبގެ ކިބައިން ރިވާވެގެންވެއެވެ. ވިދާޅުވިއެވެ. ކީރިތި ރަސޫލާ ﷺ ހަދީސު ކުރައްވަނިކޮށް ތިމަން އަޑުއެހީމެވެ. އެ ކަލޭގެފާނު ހަދީސުކުރެއްވެވިއެވެ. ތިމަން ރަސޫލާ ތިޔަބައިމީހުންނަށް ސުވަރުގެވަންތަ ވެރީންގެ ސިފައެއް ވިދާޅުވެދެއްވަން ހެއްޔެވެ؟ އެއީ ދުނިޔެ މަތީގައި الله އަށްޓަކައި تواضع ވެރިވެ އުޅޭތީވެ މީސްތަކުން އެ މީހެއްގެ ނަފުސަށް ދެރަކަމާއި ނިކަމެތިކަމުގެ ލޮލުން ދެކޭ މީހާއެވެ. (ނަމަވެސް حقيقةތަކީ އެ މީހާއަކީ މާތް މީހެކެވެ.) އެ މީހާއަށް މާތްالله ގަންދެއްވާ އެއްޗެއް ބުނެވިއްޖެ ނަމަ މާތް اللهُ سُبْحَانَهُ وَتَعَالى އެ ކަމެއް އެ ގޮތަކަށް މިންވަރު ކޮށްދެއްވައެވެ. އަދި ތިމަން ރަސޫލާ ތިޔަބައިމީހުންނަށް ނަރަކަވެރީންގެ ސިފައެއް ވިދާޅުވެދެއްވަން ހެއްޔެވެ؟ އެއީ خلقނުބައި ހަރުކަށި މިޒާޖު ގެންގުޅޭ މީހާއާއި މުދާ އެއްކޮށް جمعކޮށް އެއިން ހޭދަ ނުކުރާ މީހާއާއި ތަކައްބުރު ވެރިވާމީހާއެވެ.
ޚުލާޞާއަކީ: ސިޔާސީ ލީޑަރެއްގެ ކިބައިގައި ހުންނަންޖެހޭ އެއް ސިފައަކީ ތަވާޟުޢުވެރިކަމުގެ ސިފައެވެ. އެއީ އެންމެހާ މީސްތަކުންނަށް އިހުތިރާމުކުރުމާއި އެކު އެއް ވެސް މީހެއްގެ މައްޗަށް ބޮޑާވެނުގަތުމެވެ. އަދި އެ މީހުންގެ حقތަށް ފުރިހަމައަށް އަދާކުރުމާއި އެ މީހުންގެ ފަރާތުން އަޑު އިވޭ حقބަސްތައް قبول ކުރުމެވެ. تواضعވެރިވުމުން މާތް الله އަމުރުކުރެއްވިއެވެ. تواضعވެރިކަމަކީ ކީރިތި ރަސޫލާ ﷺ ގެ أخلاق ތެރެއިންވާ ސިފައެވެ. تواضعވެރިކަމަކީ أخلاقي މާތް ސިފައެކެވެ. އެކަމުގެ ސަބަބުން މީސްތަކުންގެ ކުރިމަތީގައި އެ މީހެއްގެ ގަދަރު އުފުލިގެންދެއެވެ. تواضعވެރިކަމުގެ އިދިކޮޅު ސިފައަކީ ތަކައްބުރުވެރިކަމެވެ. އެއީ މުސްލިމުންނަށް މަނާކުރެވިފައިވާ ސިފައެކެވެ.
[1]"سيرة عمر بن عبد العزيز على ما رواه الإمام مالك بن أنس وأصحابه"، عبد الله بن عبد الحكم المصري، (ص: 137)، تحقيق: أحمد عبيد، عالم الكتب، بيروت- لبنان، ط: السادسة، 1404هـ – 1984م،"تاريخ دمشق"، علي بن الحسن بن عساكر، (19/249)، تحقيق: عمرو بن غرامة العمروي، دار الفكر، بيروت- لبنان، ط: 1415هـ- 1995م، "سير أعلام النبلاء"، محمد بن أحمد الذهبي، (5/136)، تحقيق: شعيب الأرناؤوط، مؤسسة الرسالة، بيروت- لبنان، ط: الثالثة ، 1405 هـ- 1985م.
[2] روى الواقدي – بلاغا – في فتوح الشام (1/ 54 / ط. دار العلم للجميع) ما يشبه تلك القصة
[3] ينظر: "الطبقات الكبرى (طبقات ابن سعد)"، محمد بن سعد، (3/139)، تحقيق: محمد عبد القادر عطا، دار الكتب العلمية، بيروت- لبنان، ط: الأولى، 1410هـ- 1990م، "تاريخ دمشق"، (30/324)، "أسد الغابة في معرفة الصحابة"، علي بن أبي الكرم بن الأثير الجزري، (3/224)، دار الفكر، بيروت- لبنان، ط: 1409هـ – 1989م.
[4] انظر: "الرياض النضرة في مناقب العشرة"، أحمد بن عبد الله الطبري، (1/149)، دار الكتب العلمية، بيروت- لبنان، ط: الثانية، [د.ت]، "تاريخ الإسلام وَوَفيات المشاهير وَالأعلام"، محمد بن أحمد الذهبي، (2/15)، تحقيق: بشار عوّاد معروف، دار الغرب الإسلامي، ط: الأولى، 2003م.
[5] سورة الشعراء: 215.
[6] رواه مسلم، كتاب البر والصلة والآداب، باب استحباب العفو والتواضع، (2588).
[7] رواه البخاري، كتاب تفسير القرآن، باب {عتل بعد ذلك زنيم} ، (4918)، ومسلم، كتاب صفة القيامة والجنة والنار، باب النار يدخلها الجبارون والجنة يدخلها الضعفاء، (2853).