އަލަށް ދިއްލާ 36 ރަށާއެކު ޖުމްލަ 65 ރަށެއް މި އަހަރު ފިޠުރުޢީދުގައި ދިއްލައިލާނެ ކަމަށް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވާކްސްއިން ބުނެފިއެވެ.
އެ މިނިސްޓްރީން ބުނީ އަލަށް ދިއްލާ 36 ރަށަށް ފޮނުވާ ލައިޓްތަކާއި، ސްޕީކަރުތައް މި މަހުގެ 24 ވަނަ ދުވަހު ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.
ފިޠުރުޢީދަށް ރާއްޖެ ދިއްލައިލުމަށް ތައްޔާރުވުގެ މަސައްކަތް ކުރިއަށް ގެންދަނީ ސަރުކާރުގެ ބައެއް ކުންފުނިތަކާއި، ކައުންސިލްތަކުގެ އެހީތެރިކަމާއެކު ސިޓީސް މިނިސްޓްރީންނެވެ.
އެ މިނިސްޓްރީން ބުނީ މި މަހުގެ 29 ވަނަ ދުވަހުގެ ރޭ ޢީދު ލައިޓްތައް ދިއްލިގެންދާނެ ކަމަށެވެ. އަދި ސަރުކާރުގެ ކުންފުނިތަކާ ގުޅިގެން މި ޢީދުގައި ވަރަށް ޚާއްޞަ ޙަރަކާތެއް މާލޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި އަހަރު "ޢީދު އަލި" ދިއްލުމުގެ ބޮޑު އިވެންޓް ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 29 ވަނަ ދުވަހުގެ ރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. މި އިވެންޓްގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވައި ގޮތަށް ވަނީ ހަމަޖެހިފައެވެ.
އީދަށް މާލެތެރެ ދިއްލައި ޒީނަތްތެރި ކުރުމަކީ ރައީސް މުޢިއްޒު މާލޭ މޭޔަރ ކަމުގައި ހުންނެވި އިރު 2023ގައި ފެއްޓެވި ޙަރަކާތެކެވެ. މުޅި ރާއްޖެ ދިއްލުމުގެ ޙަރަކާތް ފެށުނީ އެ މަނިކުފާނުގެ ވެރިކަމުގެ ޒަޢާމަތުގައި މިދިޔަ އަހަރެވެ.
މާލެ ސިޓީގައި ޢީދު ލައިޓްތައް ޖެހުމުގެ މަސައްކަތް ވަރަށް ފޯރީގައި މިހާރު ފެށިގެން ކުރިއަށްދާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. މި ކަމުގައި ސްޓެލްކޯއާއި ސަރުކާރުގެ ބައެއް ކުންފުނިތަކާއި އެޗްޑީސީއާއި މާލޭސިޓީ ކައުންސިލުން ބައިވެރިވާ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.



advertisment