އެމް.ޑީ.ޕީގެ މުޒާހަރާއެއްގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލަކަށް ނިސްބަތްކޮށް އެއްވެސް ހަގީގަތެއް ނެތް ވާހަކަ ތަކެއް ދެއްކި މައްސަލައިގައި އެ ޕާޓީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބެއިރު (މަންދި ޒުބެއިރު)ގެ މައްޗަށް ދައުވާކުރަން ސިވިލް ކޯޓަށް މިއަދު ހުށަހަޅައިފިއެވެ.
މި މައްސަލައިގައި އިސްކޮށް އުޅުއްވާ ރައީސްގެ އާއިލާގެ ގާނޫނީ ވަކީލު އަދި ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދުގެ ފަރާތްޕުޅުން ކަމަށެވެ.
"އެމް.ޑީ.ޕީން މާލޭގައި ބާއްވަމުންގެންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރޭގައި، އެ ޕާޓީގެ އެކްޓިވިސްޓެއް ކަމުގައިވާ މަރިޔަމް ޒުބައިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުޢިއްޒުގެ ދަރިކަލުން ޢުމައިރު މުޙަންމަދު މުޢިއްޒަށް ނިސްބަތްކޮށް ދައްކާފައިވާ ވާހަކަތަކުގެ ސަބަބުން، ޢުމައިރުގެ ނަފްސަށާއި ފުރާނައަށް ނުރައްކާވާނޭ ޙާލަތެއް މެދުވެރިކުރުވައި، ޢުމައިރުގެ ކިޔެވުމާއި މުސްތަޤްބަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނޭ ޙާލަތެއް މެދުވެރިކޮށްފައިވީ ހިނދު؛ މި ވާހަކަތަކުގެ ސަބަބުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި، ޤާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) އާއި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާ ބެހޭ ބައިނަލްއަޤްވާމީ މުޢާހަދާ (Convention on the Rights of the Child) އިން ކަށަވަރުކޮށްދީފައިވާ ރައްކާތެރިކަމާއި ކަރާމާތް ނަގާލާފައިވާތިއްޔާއި، ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ނަމާއި އަބުރު ރައްކާތެރިކުރުމުގެ ޙައްޤު ނިގުޅައިގެންފައިވާތީ، ޢުމައިރުގެ މަންމަ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ ފަރާތްޕުޅުން މިއަދު، 19 މާރިޗު 2025ގައި މަރިޔަމް ޒުބައިރުގެ މައްޗަށް ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވާ ކަމުގަ" އެވެ.
މި މަންދި ޒުބެއިރަކީ ރައްޔިތުންގެ މަޖިލިސްގެ އެމް.ޑީ.ޕީ މެމްބަރު މީކާއީލް ނަސީމުގެ މަންމައެވެ.



advertisment