މިދިޔަ ރިޔާސީ ކެމްޕޭނުގެ ފަހު ދުވަސްވަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އަވަސްއަރުވާލައިގެން ހިންގި "ބިންވެރިޔާ" ސްކީމުގެ ދަށުން ހުޅުމާލެއިން ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން ބައެއް ގޯތިތައް، ތަފާތު އެތައް ބަޔަކަށް ކުރީ ސަރުކާރުން ރަޖިސްޓްރީކޮށްދީފައިވާކަން ފަޅާއަރައިފިއެވެ. މިކަން ފަޅާއެރީ އިމާރާތްކުރުމުގެ ހުއްދައަށް އެދެން ފެށުމުންނެވެ.
އެޗް.ޑީ.ސީން މިއަދު ބުނީ "ބިންވެރިޔާ" ސްކީމުގެ ދަށުން ހުޅުމާލެ އިން ދޫކޮށްފައިވާ ބިންތަކުގެ އިމާރާތްކުރުމުގެ ހުއްދައަށް އެދޭ އިރު "އެއް ބިމަކަށް އެއް ފަރާތަށް ވުރެ ގިނަ ފަރާތްތަކުން ޢިމާރާތްކުރުމުގެ ހުއްދައަށް އެދި މި ކޯޕަރޭޝަނަށް ހުށަހަޅަމުންދާ" ކަމަށެވެ. އަދި އެކަން އިތުރަށް ބަލައި އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެ ކޯޕަރޭޝަނުގެ ފަރާތުން އަޅަމުން އަންނަ ކަމަށެވެ.
އެޗް.ޑީ.ސީން އަދި ބުނީ "ބިންވެރިޔާ" ސްކީމްގެ ދަށުން ހުޅުމާލެއިން ދޫކުރި ބިންތަކާ ގުޅޭގޮތުން ޚާއްޞަ އޮޑިޓެއް ކުރިއިރު "ބިންވެރިޔާ" ސްކީމާ ގުޅޭ މިފަދަ އިތުރު މައްސަލަތަކެއް ފާހަގަވެފައިވާތީ، އެ މައްސަލަތައް އިތުރަށް ތަޙްޤީޤު ކުރުމަށްޓަކައި، ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތަފްސީލެއް ނުދެއެވެ.

"އަދި ކުރިއަށް އޮތް ތަނުގައިވެސް، މިފަދަ ކަންކަން ބަލައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް މި ކޯޕަރޭޝަނުގެ ފަރާތުން އަޅަމުން ގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެންމެހާ ފަރާތްތަކަށް އަރުވަމެވެ. މި ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަނީ، ރައްޔިތުންގެ ލާބަ އާއި މަންފާއަށް އަދި ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ނަޒާޙަތްތެރިކަމާއެކު އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމަށެވެ." އެޗް.ޑީ.ސީން ބުންޏެވެ.
ދެ ވަނަ ދައުރެއްގައި މުލީއާގޭގައި މަޑުކުރެއްވުމަށް ރައީސް ސޯލިހު، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ވޯޓާ ހަމައަށް ވަޑައިގެންނެވީ ހުޅުމާލޭގެ މާސްޓަރ ޕްލޭނުގައި ވެސް ނެތީސް، އެތައް ހާސް ބަޔަކަށް ފަޅުންނާއި ކަނޑުން ގޯތި ދެއްވައި، ހުޅުމާލެއިން ބިންކަނޑައި، ކަޑަޖަހައި، ގޯތީގެ ރަޖިސްޓްރީވެސް ދެއްވުމަށްފަހު އެވެ. ނަމަވެސް، މާލޭ މޭޔަރުކަމުގައި ހުންނެވި ޑރ. މުހައްމަދު މުއިއްޒާ ވާދަކުރައްވައި ބަލިވެވަޑައިގަތުމުން ދެވަނަ ދައުރެއްގައި ރިޔާސީ ގަނޑުވަރުގައި މަޑުކުރެއްވުމުގެ ފުރުސަތު އެ މަނިކުފާނަށް ލިބިވަޑައެއްނުގަތެވެ.



advertisment

