ރޭގައި އެމް.ޑީ.ޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ ޒުބައިރު)ގެ ގަޔަށް، މަގުމަތިން ދިޔަ ބަޔަކު ކަޅުތެޔޮ ޖެހުން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރައްވައިފިއެވެ.
މިކަން ކުށްވެރިކުރައްވައި އެ ކަމަނާ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި، އެއްވެސް މީހަކަށް މިފަދައިން ޙަމަލާދީ އަދި އުނދަގޫކުރުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމުގައި ވިދާޅުވިއެވެ. އަދި މިވަގުތުގައި ކަންކަން ހަލަބޮލި ނުކުރައްވައި، އިންސާފު ޤާއިމުކުރުމަށް ޖާގަދެއްވުމަށް އެ ކަމަނާ އިލްތިމާސް ކުރެއްވިއެވެ.
"އެމް.ޑީ.ޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރުގެ ގަޔަށް ރޭ ކަޅުތެޔޮ ޖެހުން އަޅުގަނޑު އެންމެ ހަރުކަށު ޢިބާރާތުން ކުށްވެރިކުރަމެވެ. އެއްވެސް މީހަކަށް މިފަދައިން ޙަމަލާދީ އަދި އުނދަގޫކުރުމަކީ ބަލައިގަނެވޭ ކަމެއް ނޫނެވެ. މި ވަގުތުގައި ކަންކަން ހަލަބޮލި ނުކުރައްވާ، އިންޞާފު ޤާއިމުކުރުމަށް ޖާގަދެއްވުމަށް އަޅުގަނޑު އިލްތިމާސްކުރަމެވެ." މެޑަމް ސާޖިދާ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލިސްގެ އެމް.ޑީ.ޕީ މެމްބަރު މީކާއީލް ނަސީމުގެ މަންމަ، މަންދީ ޒުބެއިރަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލަކަށް ނިސްބަތްކޮށް އެއްވެސް ހަގީގަތެއް ނެތް ވާހަކަ ތަކެއް، އެމް.ޑީ.ޕީގެ މުޒާހަރާއެއްގައި ދެއްކި މީހެކެވެ. އެ މައްސަލައިގައި މަންދީ ޒުބެއިރާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލްގެ އިތުރުން މުޒާހަރާ އިންތިޒާމްކުރި އެމް.ޑީ.ޕީ މައްޗަށް ދައުވާކުރަން ރައީސްގެ އާއިލާއިން ވަނީ ނިންމަވައިފަ އެވެ.




advertisment