މި އަހަރުގެ ޕީކް ހޭންޑްލިންއަށާއި ގްރޭޓާ މާލޭ ޕަވަރ ބެކަޕްގެ ގޮތުގައި ކުރު މުއްދަތެއްގެ ތެރޭގައި ތަރައްގީކުރި ސްޓެލްކޯ ހުޅުމާލެ އެނެކްސް2 އިންޖީނުގެ ރޭ ހުޅުވައިފިއެވެ.
ރޭ ބޭއްވި ރަސްމިއްޔާތުގައި އިންޖީނުގެ ރަސްމީކޮށް ހުޅުވިގެން ދިޔައީ ސްޓެލްކޯއާއި ގައުމީ ދިދަ އިންޖީނުގޭގައި ނެގުމާއެކުއެވެ. ސްޓެލްކޯގެ ދިދަ ނަންގަވައިދެއްވީ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީއެވެ. ގައުމީ ދިދަ ނަންގަވައިދެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އައިޝަތު މުޒްނާއެވެ. މީގެ އިތުރުން އެ އިންޖީނުގޭގައި މިހާރު އިންސްޓޯލްކޮށް ނިމިފައިވާ ޖަނަރޭޓަރުތަކުގެ ތެރެއިން ޖަނަރޭޓަރެއް ފަހުމީ ވަނީ ސްޓާޓްކޮށްދެއްވިއެވެ.
ރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފަހުމީ ވިދާޅުވީ، ދިވެހި ރައްޔިތުންނަށް ހިދުމަތް ދިނުމުގެ މަތިވެރި ރޫހާއެކު، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ސްޓެލްކޯގެ މުވައްޒަފުން މި ނިންމާލީ ގައުމީ ބޮޑު މަސައްކަތެއް ކަމަށެވެ. އެގޮތުން 48،000 އަކަފޫޓުގެ ބިމެއް ސާފުކޮށް 200 އެއްހާ ޓަނުގެ ކުނި އެތަނުން ނަގައި، އެ ބިން އެއްވަރު ކުރުމާއި، ހުޅުމާލޭގެ އެނެކްސް 1 އިންޖީނުގެ (ބައު އިންޖީނުގެ) އިން ކާނުތަކެއް އެ ބިމާހަމަޔަށް ރައްޔާރުކޮށް، އެ ކާނުތައް މެދުވެރިކޮށް ފިއުލް ލައިން އެޅުމާއި، ހުޅުމާލޭ މައި އިންޖީނުގެއާ ހަމަޔަށް މި އިންޖީނުތަކުގެ ކޭބަލްތައް ގެންގޮސް ގްރިޑާ ގުޅާލުމުގެ ބުރަ މަސައްކަތައް ހޭދަވީ ނުވަ ވަރަކަށް ދުވަސް ކަމަށް އޭނާ ވިދާޅުވިއެވެ.
"އަދި މި މަސައްކަތް ފެށި ހިސާބުން، އިންޖީނުތައް ގެނައުމާއި، އެ ހުރިހާ މަސައްކަތެއް ކުރިއަށްދިޔަގޮތް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަރަށް ގާތުން ބެއްލެވިކަމަށާއި، މި މަސައްކަތުގައި ދިމާވެދާނެ ހުރަސްތައް ބައްލަވައި، އެ ހުރަސްތައް ނައްތާލުމަށް ކުރެވިދާނެ ކަންކަމާ މެދު ލަފަޔާއި އިރުޝާދު ދެއްވަމުންގެންދެވުމުގެ އިތުރުން އިންޖީނުގޭގެ ބިން ހޯދުމަށް ބޭއްވި ބައެއް ބައްދަލުވުންތަކުގައި ރައީސް ބައިވެރިވެވަޑައިގެންނެވި ކަމުގެ މައުލޫމާތު ލިބިލެއްވި ކަމަށާއި، އެ ހުރިހާ ކަމަކަށްޓަކައި އެމަނިކުފާނަށް ހާއްސަ ޝުކުރެއް ދަންނަވަން،" ފަހުމީ ވިދާޅުވިއެވެ.
ރޯދަ މަހުގައި ވެސް އަތްވާއި، ވާރެއަށް ބެލުމެއްނެތި، އަދި އެއްވެސް ފަސްޖެހުމެއްނެތި ސްޓެލްކޯގެ މުވައްޒަފުން މަސައްކަތްކޮށްފައިވަނީ ރައްޔިތުންގެ ހައްގުގައި ކަމަށާއި، އެކަމަށްޓަކައި މުވައްޒަފުންނަށްވެސް ވަރަށް ހާއްސަ ޝުކުރެއް ދަންނަވާ ކަމަށް އެމްޑީ ފަހުމީ ވިދާޅުވިއެވެ. މީގެ އިތުރުން ސްޓެލްކޯއިން އަތޮޅުތެރޭގައި ހިދުމަތްދޭ 33 ރަށުގައިވެސް ރޯދަމަހާއި ޕީކް ސީޒަނަށް ތައްޔާރުވުމަށް ވަރަށް ގިނަ މަސައްކަތްތަކެއް މުވައްޒަފުން ކޮށްފައިވާކަން ފާހަގަކޮށް އެ މުވައްޒަފުންނަށްވެސް ފަހުމީ ޝުކުރު އަދާކުރެއްވިއެވެ.
"މި ރޯދަމަހު ސްކޫލްތައް ބަންދުވުމާއި، ފަހު 10 ގައި އޮފީސްތައް ބަންދުވާތީ މި އަހަރުގެ ޕީކް ރޯދަމަހު ނުފެށުނު ކަމުގައިވި ނަމަވެސް، މި ރޯދަމަސް ނިމިގެން ހޫނު މޫސުމާއެކު ޕީކް ސީޒަން ފެށޭނެ ކަމަށް ލަފާ ކުރެވޭ،" ފަހުމީ ވިދާޅުވިއެވެ. "މީގެ އިތުރުން، ރައްޔިތުންނަށް އަބަދުވެސް ދޭން ބޭނުންވާ ޔަގީންކަމަކީ ސްޓެލްކޯ އަބަދުވެސް އޮންނާނީ ދުރު މުސްތަގުބަލަށް ވިސްނައި، ދުރާލާ ތައްޔާރަށް ކަމަށް. އެގޮތުން މި ޕީކް ސީޒަންގައި ޖެނެރޭޝަން ކެޕޭސިޓީ ނެތިގެން ކަރަންޓު ނުކެނޑޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެން. އަދި ސްޓެލްކޯއިން ފޯރުކޮށްދޭ މި ހިދުމަތަކީ ޓެކްނިކަލް ހިދުމަތަކަށްވުމުން، އިންޖީނަކަށް ދިމާވާ މައްސަލައެއްގެ ސަބަބުން ކަރަންޓު ކެނޑުމުގެ ފުރުސަތު އޮންނާނެ. އެހެން ނަމަވެސް އެފަދަ ހާލަތެއްގައިވެސް، ވީއެންމެ އަވަހަކަށް އަލުން ހިދުމަތްދޭން ސްޓެލްކޯގެ މުވައްޒަފުން ތިބޭނީ ތައްޔާރަށް. އެކަމަށްޓަކައި އެ މުވައްޒަފުންނަށްވެސް ޝުކުރު ދަންނަވަން."
ހުޅުމާލޭ އިންޖީނުގެ އެނެކްސް – 2 ގެ ގޮތުގައި މި ހުޅުވިގެންދިޔަ އިންޖީނުގޭގައި 1.6 މެގަވޮޓްގެ ޖުމްލަ 12 ޖަނަރޭޓަރު ސެޓް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. އެތަނުން މި ވަގުތު ހަތް ޖަނަރޭޓަރުސެޓް ވަނީ ކޮމިޝަން ކުރެވިފައެވެ. އަދި އިތުރު ފަސް ޖަނަރޭޓަރު ސެޓް ގެނެވި މި ރޯދަމަސް ނިމުމުގެ ކުރިން ކޮމިޝަންކޮށް ނިންމުމަށް ވަނީ ހަމަޖެހިފައެވެ. އެއާއެކު ހުޅުމާލެ އިންޖީނުގެ އެނެކްސް–2 ގެ އިންސްޓޯލްޑް ކެޕޭސިޓީ 19.2 މެގަވޮޓަށް އަރާނެއެވެ.



advertisment

