އެމް.ޑީ.ޕީގެ މުޒާހަރާއެއްގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލަކަށް ނިސްބަތްކޮށް އެއްވެސް ހަގީގަތެއް ނެތް ވާހަކަ ތަކެއް ދެއްކި މައްސަލައިގައި އެ ޕާޓީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބެއިރު (މަންދީ ޒުބެއިރު) އާއި އެކަމާ ގުޅޭ ޓުވީޓެއް ކޮށްފައިވާތީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލްގެ އިތުރުން މުޒާހަރާ އިންތިޒާމްކުރި އެމް.ޑީ.ޕީ މައްޗަށް ދައުވާކުރަން ރައީސްގެ އާއިލާއިން ނިންމަވައިފި އެވެ.
މަންދީ ޒުބެއިރަކީ ރައްޔިތުންގެ މަޖިލިސްގެ އެމް.ޑީ.ޕީ މެމްބަރު މީކާއީލް ނަސީމުގެ މަންމައެވެ.
މިކަން ހާމަކުރެއްވީ މ. ދިމްޔާތުގައި މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ރައީސްގެ އާއިލާގެ ގާނޫނީ ވަކީލު އަދި ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރެވެ.
މި ބައްދަލުވުން ފެއްޓެވުމުގެ ގޮތުން، އެ މައްސަލައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ނެރުއްވާ ބަޔާނެއް އާޒިމާ އިއްވެވި އެވެ. އެ ބަޔާނުގައި އެ ފިޔަވަޅު އަޅުއްވަން މަޖުބޫރުވި ހާލަތު އެކަމަނާ ވަރަށް ތަފްސީލްކޮށް ވިދާޅުވެފައިވެއެވެ.
މެޑަމް ސާޖިދާގެ ބަޔާން، ތިރީގައި މި ވަނީ އެވެ.
"އަޅުގަނޑުގެ ދަރިފުޅު ޢުމައިރު މުޙަންމަދު މުޢިއްޒުއަށް ނިސްބަތްކޮށް، މިވޭތުވެދިޔަ އަހަރެއްހާ ދުވަހުގެތެރޭގައި، ޚާއްޞަކޮށް މިދިޔަ ދެތިން ދުވަހެއްގެ ތެރޭގައި ވަނީ ޙަޤީޤަތެއްނެތް، ދޮގު ވާހަކަތަކެއް ދައްކައި، މީޑިޔާއާއި ސޯޝަލްމީޑިޔާގެ ޕްލެޓްފޯމްތައް މެދުވެރިކޮށް ފަތުރާފައެވެ. މިގޮތުން ފަތުރާފައިވާ ވާހަކަތަކުގެ ތެރޭގައި، ޢުމައިރަކީ ވޭޕްބޭނުންކުރާ ކުއްޖެއް ކަމުގައިބުނެ ފަތުރާފައިވާ ދޮގުވާހަކަތަކެއް ހިމެނެއެވެ. މިފުރުޞަތުގައި ޢުމައިރަކީ ވޭޕް ނުވަތަ ދުންފަތުގެ އިސްތިޢުމާލުވެސް އެއްވެސް ގޮތަކަށް ކުރާ ނޫނީ ކޮށްފައިވާ ކުއްޖެއްނޫންކަމުގައި، ތިޔަ އެންމެ ބޭފުޅުންގެ މަޢުލޫމާތަށްޓަކައި ވަރަށް ސާބިތުކަމާއެކު ދަންނަވަމެވެ.
"މިކަންކަން މިހެންކުރަމުންދަނީ އަޅުގަނޑުގެ ފިރިމީހާއާއި ސިޔާސީ ގޮތުން ޚިޔާލުތަފާތު އެކި ފަރާތްތަކުން ކަމުގައި ފާހަގަކުރަމެވެ. މިފަދަ ވާހަކަތަކުގެ ތެރޭގައި އަޅުގަނޑުގެ ދަރިފުޅުގެ ތަޢުލީމީ ޙަޔާތަށާއި އިޖްތިމާޢީ ހެދިބޮޑުވުމަށް ނޭދެވޭ އަސަރުތަކެއް ކުރާނޭފަދަ ވާހަކަތައްވެސް ވަނީ ދައްކައި ފަތުރާފައެވެ. އަދި މިކަންތައްތަކުގެ ސަބަބުން އޭނާގެ މުޅި މުސްތަޤްބަލަށް ނޭދެވޭ އަސަރުތަކެއްކޮށް، އޭނާގެ ރައްކާތެރިކަން ކަށަވަރުނުވާވަރުގެ ކަންތަކަކަށް މަގުފަހިވެދާނޭފަދަ ފުރުޞަތުތައް ވަނީ ހުޅުވިގެން ގޮސްފައިކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ."
"ދިވެހިރާއްޖޭގެ ކޮންމެ ކުޑަކުއްޖަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީންނާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ޤާނޫނީ އޮނިގަނޑުތަކުގެ ދަށުން ރައްކާތެރިކަން ލިބިގެންވާ ކުއްޖެކެވެ. މިގޮތުން އަޅުގަނޑުގެ ދަރިފުޅު ޢުމައިރަކީ ޢުމުރުން 16 އަހަރުގެ ކުޑަކުއްޖެކެވެ. ހަމައެއާއެކު އޭނާއަކީ އޭނާގެ މުސްތަޤްބަލު ކުރިމަތީގައި އޮތް، ތަޢުލީމީ ޙަޔާތް އަދި ފުރިހަމަނުވާ ކުއްޖެކެވެ. އެންމެ މުހިންމު ކަމެއްގެ ގޮތުގައި، އޭނާގެ ބައްޕަ އަދި އަޅުގަނޑުގެ ސިޔާސީ ނިންމުންތަކުގައި އެއްވެސް ބައިވެރިވުމެއް ނެތް އެއްވެސް ބާރުވެރިކަމެއްވެސް ނެތް، މަންމައާއި ބައްޕަގެ ބެލެނިވެރިކަމުގެ ދަށުގައި ހެދިބޮޑުވަމުން އަންނަ ކިޔަވާ ކުއްޖެކެވެ. މީގެ އިތުރުން، އަޅުގަނޑުގެ އެންމެ ދޮށީ ދަރިފުޅާއި، 8 އަހަރުގެ ހަގު ދަރިފުޅަށް ގަނާ (bully) ކުރުމާއި ފުރައްސާރަ (harass) ކުރުމުގެ މަސައްކަތްތަކެއް އިސްވެދެންނެވި ފަރާތްތަކުން މިހާރު ފަށާފައިވާކަމީވެސް ބަލައިގަންނަން އުނދަގޫކަމެއްކަމުގައި ދަންނަވަމެވެ.
"ދަންނަވަމެވެ. އަޅުގަނޑުގެ ފިރިމީހާ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުޢިއްޒުގެ ޒިންމާތަކުގެ ތެރެއިން ނިންމަވާ ނިންމެވުންތަކާއި ސިޔާސީ ވިސްނުންފުޅާމެދު، އެއްވެސް ފަރާތަކުން ދައްކާފައިވާ ވާހަކައަކަށް އަދި ފާޑުކިޔުމަކަށް އަޅުގަނޑު އެއްވެސް އެއްޗެއްބުނެ ފިޔަވަޅެއް އަޅާފައިނުވާނެއެވެ. އެއީ އެމަނިކުފާނު ސިޔާސީ މައިދާން ޚިޔާރުކުރެއްވީ އަދި އެމައިދާނުގައި ދެމިހުންނެވީ އަމިއްލަފުޅު އިޚްތިޔާރުގައި ކަމުގައިވާތީއެވެ. ހަމައެއާއެކު، އެމަނިކުފާނު އެ މަޤާމާ ޙަވާލުވެވަޑައިގަތީއްސުރެ މިދެންނެވި ފަދަ ފަރާތްތަކުން ކެނޑިނޭޅި ގެންދަނީ އަޅުގަނޑަށް ފުރައްސާރަކޮށް ގަނާކުރަމުންނެވެ. މިދެންނެވި ކަންކަމަކީ ސިއްރުން ނޫނީ ވަންހަނާގައި ހިނގާ ކަންކަންކަމުގައި ނުވިނަމަވެސް، މިވީހާ ތަނަށް މިފަދަ ކަމަކާ އަޅުގަނޑު އަދި އަޅުގަނޑުގެ ފަރާތުންވެސް އެއްވެސް ރައްދެއްދީ އެއްޗެއް ދަންނަވާފައިނުވާނެއެވެ.
"އެހެނެއްކަމަކު، މިއަދު އަޅުގަނޑުގެ ކުދިންނާ، ޚާއްޞަގޮތެއްގައި އަޅުގަނޑުގެ 18 އަހަރު ނުފުރޭ ކުދިންނާ ދިމާކޮށް، އެކުދިންގެ ނަމާއި ކަރާމަތްނަގާލައި، ކުޑަކުއްޖަކަށް ވީތީ ލިބިފައިވާ ރައްކާތެރިކަން ނަގާލުމުން، އެކުދިންގެ މަންމަގެ ހައިސިއްޔަތުން ފިޔަވަޅުތަކެއް އެޅުމަށް އަޅުގަނޑު ޤަޞްދުކޮށްފީމެވެ. އެއީ ތިޔައިން ކޮންމެ ބޭފުޅަކު ފަދައިން އަޅުގަނޑުގެވެސް އެންމެ ފުރަތަމަ އަދި އެންމެ އިސްވާޖިބަކީ އަޅުގަނޑުގެ ދަރިން ކަމުގައިވީތީއެވެ. އަދި ހަމައެއާއެކު، އަޅުގަނޑުގެ ކުދިންގެ ރައްކާތެރިކަމާއި މުސްތަޤްބަލު ކަށަވަރުކުރުމަކީ އެކުދިންގެ ބައްޕައާއި އަޅުގަނޑުގެ ޒިންމާއަކަށްވީތީއެވެ. އަދި މިފަހަކަށް އައިސް ދިވެހިރާއްޖޭގެ ސިޔާސީ މައިދާނުގައި ޢާއިލާތަކުގެ ނަމާއި އަބުރުނަގާލައި، ކަމާނުބެހޭ މަޢުޞޫމް ޅަދަރިންގެ ކަރާމާތާއި ރައްކާތެރިކަން ނަގާލުމުގެ ޢަމަލުތަކެއް ހިނގަމުންދާ ހިނދު، އަދި ދުވަހެއް ދުވަހަކަށް މިކަން ގޯސްވަމުންދާއިރު، މިއަދު މި ފިޔަވަޅު އެޅުމަކީ މުސްތަޤްބަލުގައި މި ފަދަ މަޤާމެއްގައި ތިބޭނޭ ކުދިންގެ ރައްކާތެރިކަމަށްޓަކައިވެސް ކުރަންޖެހޭ ކަމެއްކަމުގައި އަޅުގަނޑު ޤަބޫލުކުރާތީއެވެ.
"އަޅުގަނޑު މިފިޔަވަޅުތައް މިއަޅަނީ މިކުދިންގެ މަންމަގެ ޙައިޞިއްޔަތުން އަޅުގަނޑު އަމިއްލައަށް ފަރުދީގޮތުންނެވެ. ސަރުކާރުގެ ބައިވެރިވުމެއް އޮވެގެނެއްނޫނެވެ. އަޅުގަނޑުގެ ބޭނުމަކީ އަޅުގަނޑުމެން އެންމެންގެ ކުދިންނަށް ރައްކާތެރިކަމާއެކު ދިރިއުޅެވޭނޭ މާޙައުލެއް ޤާއިމުވުމެވެ.
"މިދެންނެވި ފަދައިން އަޅުގަނޑުގެ ފަރާތުން އަޅަން ޤަޞްދުކުރާ ފިޔަވަޅުތައް އަޅުގަނޑުގެ ޤާނޫނީ ވަކީލުންގެ ފަރާތުން ހާމަކުރައްވާނެއެވެ."



advertisment