މި އަހަރުގެ ފިޠުރު ޢީދު ބަންދަށް އެކުގައި ހަ ދުވަސް، ފަހަރުގައި ހަތް ދުވަސް ލިބޭ ގޮތަށް އީދު ބަންދު ޗުއްޓީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސައިފިއެވެ. މި ގޮތަށް ހަމަޖެއްސެވުމުން ރަމަޟާން ފަހު 10ގެ ބަންދާއެކު އެކުގައި 17 ދުވަސް ޗުއްޓީއަށް ލިބޭނެއެވެ.
ރައީސް އޮފީހުން މިއަދު ނެރުނު ދެންނެވުމެއްގައިވާ ގޮތުގައި ފިޠުރު ޢީދު ދުވަހަކީ، މިހާރު ކަލަންޑަރުގައިވާ ގޮތަށް، މި މާރިޗު މަހުގެ 31 ވާ ހޯމަ ދުވަސް ކަމަށް ވެއްޖެ ނަމަ، ފިޠުރު ޢީދުގެ ބަންދު ތިން ދުވަސް (މާރިޗު 31، އެޕްރީލް 1، އަދި 2) އާއެކު، އެޕްރީލް 3 ވާ ބުރާސްފަތި ދުވަހަކީވެސް ސަރުކާރު ބަންދު ދުވަހަކަށް ވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސައިފައެވެ. އޭރުން ހަފުތާ ބަންދާއެކު އީދު ބަންދަން އެކުގައި ހަ ދުވަސް ލިބޭނެ އެވެ.
އަދި މި މާރިޗު މަހުގެ 29 ވާ ހޮނިހިރު ދުވަހުގެ ރޭ ޝައްވާލް މަހުގެ ހަނދު ސާބިތުވެ، މާރިޗު 30 ވާ އާދީއްތަ ދުވަހަކީ، ޝައްވާލު މަހުގެ 1ވަނަ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅުއްވައިފިނަމަ، ފިޠުރު ޢީދުގެ ބަންދު ތިން ދުވަސް (މާރިޗު 30، 31 އަދި އެޕްރީލް 1) އަށްފަހު، އެޕްރީލް ދޭއް ވާ ބުދަ ދުވަހާއި، އެޕްރީލް ތިނެއް ވާ ބުރާސްފަތި ދުވަހަކީވެސް ސަރުކާރު ބަންދު ދުވަހެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވައިފައެވެ.
"މިގޮތަށް މި ހަމަޖެއްސެވީ، ފިޠުރު ޢީދުގެ ބަންދާ ގުޅިގެން، ޢާއިލާއާއެކު ވީހާވެސް ގިނަދުވަސްތަކެއް އެކުގައި ހޭދަކުރުމަށް ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން، މެދުނުކެނޑޭގޮތަށް ބަންދު ދުވަސްތައް މުވައްޒަފުންނަށް ލިބޭގޮތަށް ހަމަޖައްސަވައި ދެއްވުމަށްޓަކައި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ." ރައީސް އޮފީހުގެ ބަޔާނުގައިވެއެވެ.
"މިގޮތަށް ހަމަޖެއްސެވުމުން، ފިޠުރު ޢީދުގެ ބަންދު ދުވަސްތަކަށްފަހު، ސަރުކާރުގެ އޮފީސްތައް ހުޅުވޭނީ، އަންނަ އެޕްރީލް މަހުގެ ހައެއް ވާ އާދީއްތަ ދުވަހު ކަމުގައި ދަންނަވަންވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ."
ރަމަޟާން މަހުގެ ފަހު 10 އެއްކޮށް ސަރުކާރު ބަންދުކުރާ ގޮތަށް ރައީސް މުއިއްޒު ނިންމަވައިފައިވާތީ، މި މަހުގެ 20 ވާ ބުރާސްފަތި ދުވަހުން ފެށިގެން ސަރުކާރު ބަންދުވާނެ އެވެ.
މިއީ ކޮވިޑަށްފަހު ސަރުކާރު ބަންދަށް މިހާ ގިނަ ދުވަސް ލިބޭ ފުރަތަމަ ފަހަރެވެ.