ޢިއްފަތްތެރިކަން
ސިޔާސީލީޑަރެއްގެ ކިބައިގައި ހުންނަންޖެހޭ އަނެއް ސިފައަކީ ޢިއްފަތްތެރިކަމުގެ ސިފައެވެ. އެއާ ނުލައި އެ މީހަކަށް ސިޔާސީ މައިދާނުގައި ކާމިޔާބު ނުލިބޭހުއްޓެވެ.
عفة ތެރިކަމަކީ ކޮބައި؟
އެއީ حرام ކަންތަކުން ދުރުހެލިވެގެން ހުރުމާއި އަދި މީސްތަކުންގެ ފުށުން ފުދިގެން ހުރުމެވެ.
މާތް الله ވޮޑިގެންވަނީ حرام ކަންތަކުން ދުރުހެލިވެތިބޭ މީހުންނަށް ސަނާ ކިޔުއްވާފައެވެ.
މާތް الله ވަޙީކުރެއްވިއެވެ. وَالَّذِينَ هُمْ لِفُرُوجِهِمْ * حَافِظُونَ إِلَّا عَلَىٰ أَزْوَاجِهِمْ أَوْ مَا مَلَكَتْ أَيْمَانُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ * فَمَنِ ابْتَغَىٰ وَرَاءَ ذَٰلِكَ فَأُولَٰئِكَ هُمُ الْعَادُونَ. މާނައީ:- އަދި އެއުރެންނީ، އެއުރެންގެ فرجތަކަށް ރައްކާތެރިވާ މީހުންނެވެ. އެއުރެންގެ އަނބިންގެމައްޗަށާއި، އެއުރެންނަށް މިލްކުވެގެންވާ އަޅުންގެމައްޗަށް މެނުވީއެވެ. ފަހެ، ހަމަކަށަވަރުން، އެއުރެންނީ (އެ ކަމުގައި) މަލާމާތް ލިބިގެންނުވާ މީހުންނެވެ. ފަހެ، އެއިން ބޭރުގައިވާ ކަމަކަށް އެދިއްޖެމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ (ހުއްދަވެގެންވާ سرحد) ފަހަނަޅައިދާ މީހުންނެވެ.
عفة ތެރިކަމުގެ ވައްތަރުތައް
1- އެހެން މީހުންގެ މުދަލަށް ނަހަމަ ގޮތުގައި އަރައިގަތުމަށް عفة ތެރިވުން.
ސިޔާސީލީޑަރުން ކާމިޔާބު ހާސިލުކޮށްގަތުމަށް ޓަކައި ރައްޔަތުންގެ މުދަލަށް އިއްފަތްތެރިވާން ޖެހެއެވެ. ސިޔާސީ ލީޑަރެއްގެ މިސާލެއް އަޑުއައްސަވާށެވެ.
އެއް ފަހަރަކު عمر بن عبد العزيز ބައެއް ކަންތަކާ މެދު ވަޒީރަކާ އެކު ވާހަކަ ދައްކަން އިންނެވިއެވެ. އަދި دولة ގެ ވާހަކަ ނިމުމުން އެ ވަޒީރު އިތުރު އަމިއްލަ ވާހަކައެއް ކުރިޔަށް ގެންދާން ފެށްޓިއެވެ. އަދި އެ ވާހަކަ ވެގެންދިޔައީ عمر بن عبد العزيز ވެސް ދައްކަވަން ވަރަށް ގަޔާވެލެއްވި ވާހަކައަކަށެވެ. އެހެންކަމުން އެވާހަކަ ފެށްޓެވުމުން ވިދާޅުވިއެވެ. ކުޑަކޮށް މަޑުކޮށްލަދެއްވާށެވެ. އެހެން ވިދާޅުވަމަށްފަހު ތެދުވެ ވަޑައިގަތެވެ. އަދި ދިއްލާފައި އޮތް ވޮށް ނިއްވައިލެއްވިއެވެ. އަދި އެހެން ވޮށެއް ދިއްލެވިއެވެ. އެ ހިނދު އެ ވަޒީރު ހައިރާންވެގެން ވިދާޅުވިއެވެ. އޭ أمير المؤمنين އެވެ. ތިޔަ ނިއްވާލެއްވި ވޮށުގައި އެއްވެސް މައްސަލައެއް ނެތެވެ. އެ ވެސް އެހާމެ ރަނގަޅެވެ. އެހެން ވީއިރު އެ ވޮށް ނިއްވާލައްވާފައި ތިޔަ ވޮށް ދިއްލެވީ ކީއްވެގެންތޯއެވެ؟ ވިދާޅުވިއެވެ. އެއީ ދައުލަތުގެ ވޮށެކެވެ. އެހެންކަމުން ދައުލަތުގެ ވާހަކަ ދެއްކި ހިނދު އެވޮށް ބޭނުންކުރީއެވެ. މިހާރު ތިމަންމެން މި ދައްކަނީ އަމިއްލަ ވާހަކައެކެވެ. އެހެންވެ ތިމަންނަގެ އަމިއްލަ ملك ވޮށް ދިއްލީއެވެ. އަދި ދައުލަތުގެ ވޮށް ނިއްވީއެވެ. ދަންނައެވެ. މިއީ ނަހަމަ މުދަލުން عفةތެރިވުމުގެ ލާމަސީލު ނަމޫނާއެކެވެ.
2- ކެއުމާއި ބުއިމަށް حرام ތަކެތި ބޭނުން ކުރުމުން عفة ތެރިވުން.
ސިޔާސީ ލީޑަރުން ކާމިޔާބު ހާސިލުކޮށްގަތުމަށް ޓަކައި ހަރާންގޮތުގައި މުދާ ހޯދުމާއި ބޭނުންކުރުމުން އިއްފަތްތެރިވާން ޖެހެއެވެ. ޙަރާމްތަކެތި ބޭނުންކުރާ މީހަކަށް ކާމިޔާބެއްނުވެއެވެ.
މުސްލިމަކު ނަމަ އެ މީހެއްގެ ހަށިގަނޑަށް ހަރާން އެއްޗެއް ނުފޮނުވާނެއެވެ. އެހެނީ حرام އެއްޗެއް ކައިގެން ހުންނަ މީހާގެ ނަމާދާއި ދުއާތައް اللهُ سُبْحَانَهُ وَتَعَالى ގަބޫލެއްނުކުރައްވާނެއެވެ.
وَعَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «أَيُّهَا النَّاسُ إِنَّ اللَّهَ طَيِّبٌ لَا يَقْبَلُ إِلاَّ طَيِّباً، وَإِنَّ اللَّهَ أَمَرَ الْمُؤْمِنِينَ بِمَا أَمَر بِهِ الْمُرْسلِينَ، فَقَالَ تَعَالَى: يَا أَيُّهَا الرُّسُلُ كُلُوا مِنَ الطَّيِّبَاتِ وَاعْمَلُوا صَالِحًا، وَقَالَ تَعَالَى: يَا أَيُّهَا الَّذِينَ آمَنُوا كُلُوا مِنْ طَيِّبَاتِ مَا رَزَقْنَاكُمْ، ثُمَّ ذَكَرَ الرَّجُلَ يُطِيلُ السَّفَر أَشْعَثَ أَغْبَرَ يَمُدُّ يَدَيْهِ إلَى السَّمَاءِ: يَاربِّ يَارَبِّ، وَمَطْعَمُهُ حَرَامٌ، وَمَشْرَبُه حَرَامٌ، وَمَلْبَسُهُ حَرَامٌ، وَغُذِيَ بِالْحَرَامِ، فَأَنَّى يُسْتَجَابُ لِذَلِكَ؟»، މާނައީ: މާތް الله ރުއްސުންލެއްވި أبُو هُريْرَة ގެ ކިބައިން ރިވާވެގެންވެއެވެ. ވިދާޅުވިއެވެ. ކީރިތި ރަސޫލާ ﷺ ހަދީސުކުރެއްވިއެވެ. އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން اللهُ سُبْحَانَهُ وَتَعَالى ހުސްތާހިރުވަންތައެވެ. އެއިލާހު ތާހިރުތަކެތި ނޫނީ ގަބޫލެއް ނުކުރައްވައެވެ. އަދި ހަމަކަށަވަރުން اللهُ سُبْحَانَهُ وَتَعَالى މުއުމިނުންނަށް އަމުރުކުރައްވަނީ ރަސޫލު ބޭކަލުންނަށް އަމުރުކުރެއްވި ފަދައިންނެވެ. ފަހެ ރަސޫލުބޭކަލުންނަށް އަމުރުކުރައްވަމުން ވަހީ ކުރެއްވިއެވެ. އޭ ރަސޫލުންނޭވެ! ހަލާލު ރަނގަޅު ތަކެތި ފަރީކުޅުއްވާށެވެ. އަދި ޞާލިހުއަމަލުތައް ކުރައްވާށެވެ. އަދި اللهُ سُبْحَانَهُ وَتَعَالى (މުއުމިނުންނަށް) ވަހީ ކުރެއްވިއެވެ. އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންނަށް ދެއްވި ހަލާލުތަކެތިން ކާށެވެ. ދެން އެ ކަލޭގެފާނު މީހެއްގެ ވާހަކަ ކިޔާ ދެއްވިއެވެ. އެ މީހާ ދިގު ރާސްތާއެއްގައި ދަތުރުކޮށްފައި (اللهއަށް ދަންނަވަން) އާދެއެވެ. (ދަތުރުގެ ދުރުކަމުން) ބޮލުގެ އިސްތަށިތައް ވިއްސިވިހާލިވެފައިވެއެވެ. އަދި ހިރަފުހުން ތައްތެޅިފައި ހުރެއެވެ. ދެން ދެއަތް އުޑަށް އުފުލައިގެން ހުރެ ދުޢާކުރެއެވެ. އޭ ހައްދަވައި ގެންގުޅުއްވާ އިލާހު! އޭ ހައްދަވައި ގެންގުޅުއްވާ އިލާހު! އެ ހިނދު އޭނާ ކައިގެން ހުންނާނީ حرام ތަކެއްޗެވެ. އަދި ބޮއިގެން ހުންނާނީ حرام ތަކެއްޗެވެ. އަދި ލައިގެން ހުންނާނީ حرام ތަކެއްޗެވެ. އަދި އޭނާގެ ހަށިގަނޑުގައި ހިނގަހިނގާ ހުންނާނީ حرام ތަކެތިން އުފެދިފައި ހުންނަ ލެއެވެ. ވީމާ އޭނާގެ دعاء އިޖާބަ ވާނީ ކިހިނަކުން ހެއްޔެވެ؟
3- ހަޑި ހުތުރު ބަސްތަކުން ދޫ عفة ތެރިކުރުން
ސިޔާސީ ލީޑަރުންގެ ދުލަކީ އެ މީހުންގެ ކާމިޔާބީގެ ހަތިޔާރެވެ. އެހެންކަމުން ދޫ ރައްކާތެރިކަުރުމަކީ ކާމިޔާބު ލިބެވޭނެކަމެކެވެ. މުސްލިމަކު ނަމަ ހުންނާނީ އެ މީހެއްގެ ދޫރައްކާތެރި ކޮށްގެންނެވެ. އެގޮތުން ރަނގަޅު ވާހަކަ އެއްނޫނީ އެނާ ނުދައްކާނެއެވެ. މާތް الله ވަޙީކުރެއްވިއެވެ. وَقُولُوا لِلنَّاسِ حُسْنًا.މާނައީ :-އަދި ތިޔަބައިމީހުން މީސްތަކުންނަށް ހެޔޮބަސްބުނާށެވެ.
عفة ތެރިކަމުގެ މާތްކަން
އެއީ އެ މީހާއަށް މާތް الله ގެ حضرةން ބޮޑުވެގެންވާ ސަވާބާއި ދަރުމަ ލިބެވޭކަމެކެވެ. ކީރިތި ރަސޫލާ ﷺ ހަދީސުކުރެއްވިއެވެ. عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «سَبْعَةٌ يُظِلُّهُمُ اللَّهُ فِي ظِلِّهِ يَوْمَ لَا ظِلَّ إِلَّا ظِلُّهُ: الْإِمَامُ الْعَادِلُ، وَشَابٌّ نَشَأَ بِعِبَادَةِ اللَّهِ، وَرَجُلٌ قَلْبُهُ مُعَلَّقٌ فِي الْمَسَاجِدِ، وَرَجُلَانِ تَحَابَّا فِي اللَّهِ اجْتَمَعَا عَلَيْهِ وَتَفَرَّقَا عَلَيْهِ، وَرَجُلٌ دَعَتْهُ امْرَأَةٌ ذَاتُ مَنْصِبٍ وَجَمَالٍ، فَقَالَ: إِنِّي أَخَافُ اللَّهَ، وَرَجُلٌ تَصَدَّقَ بِصَدَقَةٍ فَأَخْفَاهَا حَتَّى لَا تَعْلَمَ يَمِينُهُ مَا تُنْفِقُ شِمَإله، وَرَجُلٌ ذَكَرَ اللَّهَ خَالِيًا فَفَاضَتْ عَيْنَاهُ»، އެބަހީ މާތް الله ރުއްސުންލެއްވި ابوهريرةގެ ކިބައިން ރިވާވެގެންވެއެވެ. ވިދާޅުވިއެވެ. ކީރިތި ރަސޫލާ ﷺ ހަދީސުކުރެއްވެވިއެވެ. اللهُ سُبْحَانَهُ وَتَعَالى ގިޔާމަތް ދުވަހު ހަތް ބަޔެއްގެ މައްޗަށް އެ އިލާހުގެ ހިޔާވަހިކަން ދެއްވާނެތެވެ. އެ ދުވަހަކީ އެ އިލާހުގެ ހިޔާވަހިކަން ފިޔަވައި އެހެން އެއްވެސް ފާރާތެއްގެ ހިޔާވަހިކަމެއް ނުވާނެ ދުވަހެކެވެ. އެއީ عدلވެރިޔާއެވެ. އަދި الله އަށް އަޅުކަންމަތީ ދެމި ހުރެގެން ބޮޑުވާ ޒުވާނާއެވެ. އަދި އެ މީހެއްގެ ހިތް މިސްކިތާއި ގުޅިފައިވާ މީހާއެވެ. އަދި الله އަށްޓަކައި އެކުވެރިވެ އަދި އެ އިލާހަށްޓަކައި ވަކިވާ ދެ މީހުންނެވެ. އަދި ނަސަބުގެ ގޮތުން މޮޅު ވެފައިވާ ރީތި އަންހެނަކު ފާފައެއް ކުރުމަށް ގޮވާލާހިނދެއްގައި ތިމަންނަ الله އަށް ބިރުވެތި ވަމޭ ބުނެ އެކަމުން ދުރުވެގަންނަ މީހާއެވެ. އަދި ތިމާގެ ކަނައަތުން ކުރާ صدقة ވައަތަށް ނޭގޭހާ ސިއްރުން ދޭމީހާއެވެ. އަދި އެކަނި ހުރެގެން الله ހަނދުމަ ކުރާ ހިނދު ލޮލުން ކަރުނަ އޮހޮރިގެންއަންނަ މީހާއެވެ.
ޚުލާޞާއަކީ: ސިޔާސީލީޑަރެއްގެ ކިބައިގައި ހުންނަންޖެހޭ އެއް ސިފައަކީ ޢިއްފަތްތެރިކަމުގެ ސިފައެވެ. އެއީ حرام ކަންތަކުން ދުރުހެލިވެގެން ހުރުމާއި އަދި މީސްތަކުންގެ ފުށުން ފުދިގެން ހުރުމެވެ. އެގޮތުން ގުނަވަންތަކުގެ عفة ތެރިކަމާއި އެހެންމީހުންގެ މުދަލަށް ނަހަމަ ގޮތުގައި އަރައިގަތުމަށް عفة ތެރިވުމާއި ކެއުމާއި ބުއިމަށް حرام ތަކެތި ބޭނުން ކުރުމުން عفة ތެރިވުމާއި ހަޑި ހުތުރު ބަސްތަކުން ދޫ عفة ތެރިކުރުމަކީ މުހިންމު ކަންތަކެވެ.

