ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް މި ރަމަޟާންމަހު ފެނަކައިގެ ކަސްޓަމަރުންނަށް ވެސް ފެނާއި ކަރަންޓުން ޑިސްކައުންޓް ލިބޭނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފިއެވެ.
ފެންކައިން ބުނީ މި ރަމަޟާންމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ ނިޔަލަށް ކަސްޓަމަރުން ބޭނުންކުރާ ފެނާއި ކަރަންޓުގެ ޚިދުމަތަށް ހަތަރު ގޮތަކަށް ޑިސްކައުންޓް ދިނުމަށް ނިންމައިފައިވާ ކަމަށެވެ.
ޑިސްކައުންޓް ދޭ ގޮތްތައް:
1. 2024 ވަނަ އަހަރު އެންމެ ހޫނު ގަދަ ކަމަށް ފާހަގަ ކުރެވުނު ފެބްރުއަރީ، މާރޗް އަދި އޭޕްރިލް ތިން މަސް އުނި ކުރުމަށްފަހު، ބާކީ ނުވަ މަހުގެ ފެން އަދި ކަރަންޓު ބިލުގެ އެވަރެޖަށް ވާ މިންވަރަށްވުރެ، މި ރަމަޟާންމަހުގެ ކަރަންޓު ބިލާއި ފެންބިލުން އިތުރު ވާ މިންވަރު ޑިސްކައުންޓްގެ ގޮތުގައި ހަމަޖެއްސުން.
2. ފާއިތުވި އަހަރުގެ އެވަރެޖާއި މި ރަމަޟާން މަހުގެ ބިލުގެ ފަރަޤު، ބިލުގެ 10 އިންސައްތަ އަށްވުރެ ކުޑަ ނަމަ، މުޅި ބިލުން ޖުމްލަ 10 އިންސައްތަ ޑިސްކައުންޓްގެ ގޮތުގައި ހަމަޖެއްސުން.
3. މި ރަމަޟާން މަހުގެ ބިލްގެ ޢަދަދު ފާއިތުވި އަހަރުގެ އެވަރެޖަށްވުރެ ކުޑަނަމަ، މުޅި ބިލުން ޖުމްލަ 10 އިންސައްތަ ޑިސްކައުންޓްގެ ގޮތުގައި ހަމަޖެއްސުން.
4. ފެނާއި ކަރަންޓުގެ ޚިދުމަތް އަލަށް ހޯއްދަވާ ފަރާތްތަކަށް ރަމަޟާން މަހުގެ ބިލުން 10 އިންސައްތަ ޑިސްކައުންޓްގެ ގޮތުގައި ހަމަޖެއްސުން.
"އެހެންކަމުން، މި ރަމަޟާން މަސް ނިމިގެން ލިބޭ ފެން ބިލާއި ކަރަންޓު ބިލްތަކަށް އަރާނެ މިންވަރު ދުރާލައި އަންދާޒާކުރެއްވުމަށް ކަސްޓަމަރުންނަށް ފަސޭހަވެ، ފެން ބިލާއި ކަރަންޓު ބިލް ބޮޑުވެގެން ނުދާނެކަމުގެ ޔަޤީންކަން ލިބިގެން ދާނެއެވެ. މިއީ ރައްޔިތުންނަށް ސީދާގޮތުން ލުއިފަސޭހަ ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ދަށުން ކުރެވިގެންދާ ކަމެއްކަން ފާހަގަކުރަމެވެ." ފެނަކައިން ބުންޏެވެ.



advertisment

