މި ރަމަޟާން މަހުގެ ކަރަންޓު ބިލުން ކޮންމެ ގޭބިސީއަކަށް މަދުވެގެން %10އާ ހަމައަށް ޑިސްކައުންޓު ލިބޭނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯ އިން މިއަދު ބުނީ މިދިޔަ ރަމަޟާން މަހުވެސް ދިމާވި އެންމެ ބޮޑު އެއް ދައްޗަކީ ދެ މަހެއްގެ ދެ ބިލްގައި ރަމަޟާންމަހުގެ ޑިސްކައުންޓް ހިމަނަން ޖެހުން ކަމަށެވެ. އެހެންކަމުން މިކަން ހައްލުކުރުމަށްޓަކައި މިއަހަރު ރަމަޟާން މަހަށް ތައްޔާރުކުރާނީ އެއް ބިލް ކަމަށް ސްޓެލްކޯއިން ބުންޏެވެ.
މާރިޗު މަހާއެކު ފެށޭ ރަމަޟާންމަހުގެ ކަރަންޓު ބިލް ތައްޔާރުކުރުމަށްޓަކައި ސްޓެލްކޯގެ ޓީމްތައް ރާއްޖޭގެ އެކި ހިސާބުތަކުގައި މާދަމާ ހަރަކާތްތެރިވާން ފަށާގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. މިގޮތުން މާދަމާ ރީޑިން ނެގުމަށްފަހު ދެން ރީޑިން ނަގާނީ ރަމަޟާން މަސް ނިމުމުން، މާރިޗު 30 ގައި ކަމަށް ސްޓެލްކޯއިން ބުނެއެވެ. މިގޮތުން މާލެ ސަރަހައްދުގައި 350 މުވައްޒަފުން މާދަމާ ހަރަކާތްތެރިވާނެ އެވެ.
ޑިސްކައުންޓު ދިނުމުގައި އަމަލުކުރާނީ މިދިޔަ އަހަރެކޭވެސް އެއްގޮތަށް ކަމަށް ބުނަމުން ސްޓެލްކޯއިން ބުނީ ހުރިހައި ގޭބީސީއަކަށްވެސް މަދުވެގެން %10އާ ހަމައަށް ޑިސްކައުންޓު ލިބޭނެ ކަމަށާއި ޑިސްކައުންޓު ދޭނީ ފާއިތުވި އަހަރު ކަރަންޓު ބޭނުންކޮށްފައިވާ އެވްރެޖަށް ބަލައި އިތުރުވާ ބަޔަށް ކަމަށެވެ.
މިދިޔަ ރަމަޟާން މަހު ސަރުކާރުން ވަނީ ފެން ބިލާއި ކަރަންޓް ބިލުތަކަށް 142 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް ދެއްވާފައެވެ.



advertisment

