ރޯދަމަހާ ދިމާކޮށް މާލެ ސަރަހައްދުގައި އިތުރުވާ ކަރަންޓްގެ ޑިމާންޑަށް ޚިދުމަތްދިނުމަށް ތައްޔާރީތައް ވަމުން އަންނަ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯގެ ޖެނެރަލް މެނޭޖަރ އިބްރާހިމް ނާޝިދު ޓީވީއެމް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މިއަހަރުގެ ރަމަޟާން މަސް ދިމާވަނީ ހޫނު މޫސުމާ އަދި ސްކޫލްތައް ވެސް ބަންދު ދުވަސްވަރަކަށް ވުުމުން ގޭގޭގައި ކަރަންޓް ބޭނުންކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ. އެހެންކަމުން ކަރަންޓް ބޭނުންވާ މިންވަރަށް ކަރަންޓް އުފެއްދުމަށް އިންޖީނުތަކުގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.
"މާލެއަށް އަންދާޒާކުރާ ޑިމާންޑަށް ކޭޓަރ ކުރުމަށް މިދިޔަ އަހަރުގެ މެދުތެރޭގައި އަޅުގަނޑުމެން ޖަނަރޭޓަރާއި ޓްރާންސްފޯމަރާއި ބޭނުންވާ ސްވިޗް ގިއަރުތައް އޯޑަރުކޮށްގެން އަޅުގަނޑުމެންނަށް ބޭނުންވާ ޖަނަރޭޓަރުތަކުން ބައެއް ޖަނަރޭޓަރުތައް ރާއްޖެ އައިސްފި. ޖަނަރޭޓަރު ބެހެއްޓުމަށް ބިމުގެ ކަންތައްތައް ހަމަޖެހުމުން އަޅުގަނޑުމެން މިހާރު އެ މަސައްކަތް ފަށައިގެން ކުރިއަށް މިދަނީ. ގާތްގަނޑަކަށް 24 ގަޑިއިރުގެ އޮޕަރޭޝަނެއް އަޅުގަނޑުމެން ހުޅުމާލޭގައި އެބަ ހިންގަން އެ ޖަނަރޭޓަރުތައް ބެހެއްޓުމުގެ މަސައްކަތް ކުރުމަށް،" ނާޝިދު ވިދާޅުވިއެވެ.
ނާޝިދު ވިދާޅުވީ، ރަމަޟާންމަހު ކަރަންޓް ބޭނުންކުރާ މިންވަރު %15 އާއި %20 އާ ދެމެދު ކޮންމެ އަހަރަކު ވެސް އިތުރުވާ ކަމަށެވެ. މިދިޔަ އަހަރުގެ ރަމަޟާންމަހުގެ ޕީކް ޑިމާންޑަކީ ގާތްގަނޑަކަށް 113 މެގަވޯޓް ކަމަށާއި މި އަހަރު 15 ވަރަކަށް މެގަވޯޓް އިތުރުވާނެ ކަމަށް އަންދާޒާކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން އަންދާޒާކުރަނީ މިއަހަރުގެ އަޅުގަނޑުމެންގެ ޕީކް ޑިމާންޑް 130 މެގަވޯޓާ ކައިރި ކުރާނެ ކަމަށް. އާންމު އުސޫލަކުން ޑިމާންޑް މި އިންނަނީ ރޭގަނޑު 10 ނުވަތަ 10:30 ހާއިރު ދަށްވާން ފަށާނެ. ބާރަ ޖަހަންވާއިރަށް ހުންނާނީ ދަށްވެފައި. އެކަމަކު ރޯދަމަހު މިވާގޮތަކީ މެންދުރު ފަހުން ފެށިގެން އެ އިންނަ ޑިމާންޑް ކޮންސަސްޓެންޓްލީ ރޭގަނޑު 12 ނުވަތަ 1 ޖަހަންދެން އެބަހުރޭ. ވަރަށް ބޮޑު ކޮންސަޕްޝަނެއް މިއަންނަނީ. ވަރަށް ބޮޑު އޮޕަރޭޝަނެއް އެބަ ހިންގަންޖެހޭ ރޯދަމަހަށް ކޭޓަރ ކުރުމަށްޓަކައި،" ނާޝިދު ވިދާޅުވިއެވެ.



advertisment

