Support Us

ދުނިޔޭގެ އެންމެ ދުވަސްވީ ކައިވެންޏަށް 79 އަހަރު

އެކުއެޑޯގެ ކީޓޯ ސިޓީގައި ދިރިއުޅޭ ޖޫލިއޯ ސީޒަރ މޯރާއާއި އޭނާގެ އަންހެނުން ވޮލްޑްރަމީނޯ މެކްލާވިއާ ކުއިންޓެރޯސްގެ ކައިވެންޏަށް 79 އަހަރުވެފައިވާއިރު ދެމީހުންގެ އުމުރު ވެސް އުޅެނީ 100 އިން މަތީގައެވެ.

ޖޫލިއޯގެ އުމުރުން 110 އަހަރު ވެފައިވާއިރު އޭނާގެ އަންހެނުންނަށް އަންނަ އޮކްޓޯބަރު މަހު 105 އަހަރު ފުރޭނެއެވެ. ދުނިޔޭގެ އެންމެ ދުވަސްވީ ދެމަފިރިންގެ ލަގަބު 'ގިނީސް ވަރލްޑް ރެކޯޑްސް' އިން އެ ދެމަފިރިންނަށް ދީފައިވަނީ ދެ މީހުންގެ އުމުރު އެއްކޮށްލައިގެން އައި އަދަދަށް ބަލާފައެވެ. އެގޮތުން ދެމަފިރިންގެ އުމުރު އެއްކޮށްލުމުން ވަނީ 214 އަހަރާއި 358 ދުވަހެވެ.

ޓީޗަރުންގެ ގޮތުގައި ވަޒީފާ އަދާކޮށްފައިވާ މި ދެމަފިރިން ބައްދަލުވީ ސްކޫލް ބަންދެއްގައި ކަމަށާއި، އެއަށްފަހު ހަތް އަހަރު ވަންދެން ރަހުމަތްތެރިންގެ ގޮތުގައި ތިބުމަށްފަހު ކައިވެނި ކުރީ 1941 ވަނަ އަހަރު ކަމަށް ގިނީސް ވަރލްޑް ރެކޯޑްސަށް ދިން ބަޔާނުގައި އެ ދެމަފިރިން ބުންޏެވެ. އަދި އެ މީހުންގެ އާއިލާއިން އެންމެ ފުރަތަމަ ދެމަފިރިންގެ ގުޅުމާމެދު ނުރުހުން ފާޅުކުރި ނަމަވެސް ކުރިއަށް އޮތް އަހަރުތަކުގައި އާއިލާގެ ރުހުމާއި ލޯބި ދެމަފިރިންނަށް ލިބިގެންދިޔަ ކަމަށް ވެސް ޖޫލިއޯ އާއި ވޮލްޑްރަމީނޯ ބުންޏެވެ.

ޖޫލިއޯގެ ދެމަފިރިންނަށް ފަސް ކުދިން ލިބިފައިވާއިރު، އެ ދެމަފިރިންގެ 11 ކާފަ އަދި މާމަ ދަރިންނާއި، 21 މުނިކާފަ އަދި މުނިމާމަ ދަރިންނާއި ނުވަ ހޫރުކާފަ އަދި މާމަ ދަރިން ދުނިޔޭގައި ތިބި ކަމަށް ދެމަފިރިން މައުލޫމާތުދިނެވެ. ދެމަފިރިންގެ އަންހެން ދަރިއެއް ކަމަށްވާ ސިސީލިއާ ބުނިގޮތުގައި އޭނާގެ މައިންބަފައިންނަކީ އަބަދުވެސް އެކުގައި ވަގުތު ހޭދަކުރުމަށް ލޯބިކުރާ ބައެކެވެ. އެގޮތުން އެކުގައި ފިލްމު ބަލާ، ބަގީޗާ ހައްދާ، އާއިލީ ކެއުންތައް ބާއްވާ ހަދާ ކަމަށާއި، ނަމަވެސް ކޮވިޑް-19 ގެ ސަބަބުން މިދުވަސްވަރު ގެއިން ބޭރަށް ނުނިކުންނަ ކަމަށް ސިސީލިއާ ބުންޏެވެ.

ޖޫލިއޯ އާއި ވޮލްޑްރަމީނޯ ގަބޫލުކުރާ ގޮތުގައި އުފާވެރި ދިރިއުޅުމެއް ހާސިލްވާނީ އާއިލާއާއެކު ރަނގަޅު ގުޅުމެއް ދަމަހައްޓާ، ހަޔާތުގެ ނިންމުންތަކުގައި ދެމަފިރިން އެކަކު އަނެކެއްގެ ހިޔާލުތަކަށް އިހްތިރާމްކޮށް، އެކަކު އަނެކަކަށް ލޯތްބާއި އަޅާލުން ދީގެންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *