މި އަހަރުގެ ރަމަޟާންމަހު ޢުމްރާއަށް ދާ ކޮންމެ ޢުމްރާވެރިއެއްގެ ބޭންކް އޮފް މޯލްޑިވްސް ޑެބިޓް ކާޑަށް، މިހާރު އޮންނަ ޑޮލަރުގެ ލިމިޓުގެ އިތުރުން، 1500 ޑޮލަރުގެ ލިމިޓެއް ހަމަޖެއްސުމަށް ބޭންކް އޮފް މޯލްޑިވްސް އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަންގަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް އެންގެވިކަން ހާމަކުރެއްވީ މިއަދު އެމަނިކުފާނު އެކްސްގައު ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި އެމަނިކުފާނު މިގޮތަށް އެދިވަޑައިގެންނެވީ މި އަހަރު ރަމަޟާންމަހު ޢުމްރާއަށް ދާ ފަރާތްތަކަށް ބޭންކްގެ ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމުގައި ލުއި ފަސޭހަ ޙައްލެއް ހަމަޖައްސަވައިދެއްވުމުގެ ގޮތުންކަމުގައި ފާހަގަކުރައްވާފައިވެއެވެ.
1446 ވަނަ އަހަރުގެ ރަމަޟާންމަހު ޢުމްރާއަށް ވަޑައިގަންނަވާ ފަރާތްތަކަށް ބޭންކްގެ ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމުގައި ލުއި ފަސޭހަ ޙައްލެއް ހަމަޖައްސައިދިނުމުގެގޮތުން، ކޮންމެ ޢުމްރާވެރިއެއްގެ ބޭންކް އޮފް މޯލްޑިވްސް ޑެބިޓް ކާޑަށް، މިހާރު އޮންނަ ޑޮލަރުގެ ލިމިޓުގެ އިތުރުން 1500 ޑޮލަރުގެ…
— Dr Mohamed Muizzu (@MMuizzu) February 10, 2025
މި މަހުގެ ހަ ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިއްވެވި ރިޔާސީ ބަޔާނުގައި އެމަނިކުފާނު ވަނީ ދިވެހި ރުފިޔާގެ އަގު ހިފަހައްޓައި، ބޭރު ފައިސާގެ ބާޒާރަށް ދިމާވެފައިވާ މައްސަލަތަކަށް ދާއިމީ ހައްލެއް ގެނައުމަކީ ދިވެހި ދައުލަތާއި ދިވެހި ކޮންމެ ރައްޔިތެއްގެ ޙައްޤުގައި ކޮންމެހެން ކުރައްވަން ޖެހިވަޑައިގަންނަވާ ކަމެއް ކަމުގައި ފާހަގަކުރައްވާފައެވެ. މިގޮތުން ބޭރު ފައިސާއާބެހޭ ޤާނޫނެއް އެކުލަވާލައި ތަންފީޒުކުރައްވަން ފެއްޓެވުމަކީ މިކަމުގައި އެޅުއްވުނު އެންމެ މުހިންމު ފިޔަވަޅު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މީގެ ނަތީޖާއެއްގެ ގޮތުން ފާއިތުވި 2024 ވަނަ އަހަރު ނިމުނުއިރު ދައުލަތުގެ ރަސްމީ ރިޒަރވް އިތުރުވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުންވެސް 2025 ވަނަ އަހަރުގެ ސެޕްޓެންބަރ މަހުން ފަށައިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޕެރަލަލް މާކެޓަށް ނުގޮސް ރަސްމީ ރޭޓްގައި ޑޮލަރު ލިބޭނެ އިންތިޒާމެއް ގާއިމުކުރެވިގެންދާނެ ކަމުގެ އުފާވެރި ޚަބަރުވެސް އެމަނިކުފާނުގެ ރިޔާސީ ބަޔާނުގައި ވަނީ ދެއްވާފައެވެ.



advertisment