Support Us

ރިޔާސީ ބަޔާން 2025:

48 ގަޑިއިރުގެ ތެރޭގައި މަސްވެރީންނަށް ފައިސާ ދެވޭނޭ ނިޒާމު ދެމެހެއްޓެނިވި ގޮތެއްގައި ވަނީ ޤާއިމުކުރެވިފައި: ރައީސުލްޖުމްހޫރިއްޔާ

މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދެވޭނޭ ނިޒާމު ދެމެހެއްޓެނިވި ގޮތެއްގައި މިހާރު ވަނީ ޤާއިމްކުރެވިފައި ކަމަށާއި މަސްވެރިންނަށް ނުދީ ހުރި ފައިސާއާއެކު، މަސްވެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާއެއް ދީ، ޚަލާސްކުރެވިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މި ހިނގާ 2025 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

މަސްވެރިކަމުގެ ސިނާޢަތާމެދު އެމަނިކުފާނު ދެކެވަޑައިގަންނަވާ ތަޞައްވުރު ހިއްސާކުރައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހި މަސްވެރިކަމަކީ ދިވެހިންގެ ޝަޚްސާއި، ދެމިތިބުމާއި ގުޅިފައިވާ ޤުދުރަތީ އެންމެ މުހިންމު އެއް ހަދިޔާކަމަށެވެ. އެހެންކަމުން، އެ ސިނާޢަތުގެ ދެމެހެއްޓިނިވިކަމާއި ނަފާ ދިވެހިންނަށް އޭގެ އެންމެ ފުރިހަމަގޮތުގައި ލިބުމަކީ ދައުލަތަކަށް އެޅިފައިވާ އެންމެ ބޮޑު ޒިންމާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން، ރިޔާސީ ވައުދެއް ކަމަށްވާ 48 ގަޑި އިރު ތެރޭގައި މަސްވެރީންނަށް ފައިސާ ދެވޭނެ ނިޒާމު ދެމެހެއްޓެނިވި ގޮތެއްގައި މިހާރު ޤާއިމުކުރެވިފައިވާ ކަމަށާއި މަސްވެރިންނަށް ނުދެވިވާ ފައިސާއާއެކު، މަސްވެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާއެއް ދީ، ޚަލާސްކުރެވިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކޯލްޑް ސްޓޯރޭޖް ޤާއިމުކުރުމާއި، މަސް ޕްރޮސެސިންގ ޕްލާންޓް ޤާއިމުކުރުމުގެ މަސައްކަތާއި، އައިސް ޕްލާންޓް ޤާއިމްކުރުމާއި، 100 ދޯނީގައި އާރް.އެސް.ޑަބްލިއު ސިސްޓަމްތައް ޤާއިމްކުރުމުގެ އިތުރުން، ބޮޑު ކަންނެލީގެ މަސްވެރިކަން އިތުރަށް ތަރައްޤީކުރުމުގެ ގޮތުން ޕްރޮސެސިންގ ފެކްޓްރީއެއްގެ މަސައްކަތް މިހާރުވެސް ކުރިއަށްގެންދަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މަސްވެރިންގެ މަސައްކަތުގެ ޚަރަދު ކުޑަކުރުމަށް، އެސްޓީއޯ މެދުވެރިކޮށް، އެސް.ޓީ.އޯ ރޭޓުގައި ޑީސަލް ވިއްކަން މިއަހަރު ފެށިގެންދާނޭކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މަސްވެރިންނަށް މާލީ އަދި އިދާރީ ފުރުސަތުތައް ފަސޭހަކޮށްދިނުމުގެ ގޮތުން، މަސްވެރިންގެ ޤައުމީ ދަފުތަރެއް އެކުލަވާލާ، އެ ދަފުތަރުގައި މަސްވެރިކަމުގައި ހަރަކާތްތެރިވާ ދޯނިފަހަރުގެ 95 އިންސައްތަ މިހާތަނަށް ރަޖިސްޓްރީވެފައިވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މި ދަފްތަރުގައި ރަޖިސްޓަރީވާ މަސްވެރިންނަށް ބޭންކިންގ ނިޒާމުގެ ތެރެއިން ލުއިލޯނު ހޯދުމުގެ ފުރުޞަތާއި އެސް.ޓީ.އޯ ކްރެޑިޓް ފެސިލިޓީ ފަދަ ކަންކަމަށް އެޕްލައިކުރުމުގެ ފުރުޞަތު މި އަހަރު ނިމުމުގެ ކުރިން ފަހިވެގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މަސްވެރިންނާއި މަސްވެރި އާއިލާތަކުގެ ޤައުމީ ޚިދުމަތަކީ ދައުލަތުން ޝަރަފާއެކު ބަލައިގަންނަ ޚިދުމަތެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެންކަމުން، އެސިނާޢަތުގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމާއި، ސިނާޢަތުގެ ތަރައްޤީ ސަރުކާރުން ކަށަވަރުކުރާނޭ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ރައްޔިތުންނަށް ދެއްވާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *