ޖަޕާނު ސަރުކާރާއި އިނގިރޭސިވިލާތުގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅި އައު ސަފީރުން، އެ ބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް މިއަދު އަރުއްވައިފިއެވެ. ވަކިވަކިން ބޭއްވެވި މި ދެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް ސަފީރުން ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި، ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވައިފައެވެ.
ޖަޕާނުގެ އައު ސަފީރު އިޝިގާމީ ރުމީކޯ، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުއްވުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްޙަބާ ވިދާޅުވެފައެވެ.
އެއަށްފަހު އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި، ޑިޒާސްޓަރ މެނޭޖްމަންޓް އަދި އިޔާދަކުރުވަނިވި ހަކަތައިގެ ފުރުޞަތުތައް އިތުރަށް ފަހިކުރުން ހިމެނެއެވެ.
މިބައްދަލުވުމުގައި ދެބޭފުޅުންވެސް ވަނީ ދެޤައުމުގެ މެދުގައި އޮތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، މިގުޅުން އިތުރަށް ބަދަހިކުރުމުގެ މައްޗަށް ވާހަކަފުޅު ދައްކަވާފައެވެ. އަދި، ޖަޕާނު ސަރުކާރުން ރާއްޖޭގެ ތަރައްޤީއަށް ވެދެމުންދާ އެހީތެރިކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުކުރުއަދާކުރައްވާފައެވެ.
ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރީ 1967 ނޮވެމްބަރު 14 ގައެވެ.

އިނގިރޭސިވިލާތުގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ނިކޮލަސް ޑޭވިޑް ލޯ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުއްވުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްޙަބާ ދަންނަވާފައެވެ.
މި ރަސްމިއްޔާތަށްފަހު ދެބޭފުޅުން ބޭއްވެވި ބައްދަލުކުރެއްވުމުގައި އިނގިރޭސިވިލާތުގެ އައު ސަފީރު ވަނީ، ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮތް ދޭދޭ ގުޅުން އިތުރަށް ވަރުގަދަކޮށް، ދެ ޤައުމު ގުޅިގެން އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް، ޚާއްޞަ ގޮތެއްގައި މަތީ ތަޢުލީމާއި ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ދެބޭފުޅުންގެ ވާހަކަފުޅުގައި، މޫސުމީ ބަދަލުތަކަށް ހޭނުމާއި، އެކަމުގެ ސަބަބުން ދިމާވާ ޙާލަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ.
ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރީ 1965 ޖުލައި 26 ގައެވެ.



advertisment