Support Us

އިހަވަންދޫ ފިޝަރީޒް ކޮމްޕްލެކްސްގެ ސަބަބުން 150 ވަޒީފާ އުފެދޭނެ: ރައީސުލްޖުމްހޫރިއްޔާ

ހއ. އިހަވަންދޫގައި އިމާރާތްކުރާ ފިޝަރީޒް ކޮމްޕްލެކްސް ތަރައްޤީކޮށް ނިމި އެތަން ހިނގައިގަތުމުން އެ ރަށުގައި 150 ވަޒީފާ އުފެދި، މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ތަރައްޤީވެގެންދާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އިހަވަންދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އެ ރަށުގައި މިއަދު ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ބައްދަލުކޮށްލެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އިހަވަންދޫއަކީ މަސްވެރިކަމުގެ ރަށެއްކަމަށާއި، ބިންގާ އެޅިގެންދިޔަ ފިޝަރީޒް ކޮމްޕްލެކްސްގެ މަޝްރޫޢަކީ ސިނާޢަތުގެ ކުރިމަގަށް މުހިންމު މަސައްކަތެއްކަން ފާހަގަކުރައްވާފައެވެ. އަދި، މިއަހަރުގެ މޭމަހު އަމަލީ މަސައްކަތް ފެށި، 18 މަސްދުވަހުގެ ތެރޭގައި މުޅި މަޝްރޫޢު ނިންމޭނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.

މިމަޝްރޫޢުގެ ދަށުން، 1000 ޓަނުގެ ކޯލްޑްސްޓޯރޭޖް ކެޕޭސިޓީ، އަދި 50 ޓަނުގެ ބްރައިން ފްރީޒިން ކެޕޭސިޓީ ގާއިމްކުރެވިގެންދާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި، މަސްކިރުން ފަސޭހަކުރުމަށްޓަކައި ތިން ޕޮއިންޓަކުން މަސްކިރޭގޮތަށް ޖެޓީއަކާއި ބަނދަރެއްވެސް މި ކޮމްޕްލެކްސްގައި ޤާއިމްކުރެވިގެންދާނޭ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ޖުމްލަ، 474 މިލިއަން ރުފިޔާ ޚަރަދުވާ މި މަޝްރޫޢަކީ ދިވެހިންގެ ފުދުންތެރިކަމަށާއި ތަރައްޤީއަށް ކުރިއަށް ގެންދެވޭ މުހިންމު މަޝްރޫޢެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެމަނިކުފާނުގެ ރިޔާސީ އަމާޒަކީ، ރައްޔިތުންގެ ބޭނުންތަކަށް ޙައްލު ހޯއްދަވައިދެއްވުން ކަމަށާއި ދައުލަތުގެ ހުރިހާ މަސައްކަތްތަކެއް ބައްޓަންވެފައިވަނީ އެ އުސޫލުގެ ދަށުންކަމުގައި ފާހަގަކުރައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ އިހަވަންދޫގެ ގެދޮރުގެ ދަތިކަމުގެ މައްސަލައަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، މިހާރު އިއުލާންކޮށްފައިވާ ގެދޮރުވެރިކަމުގެ މަޝްރޫޢުގެ ދަށުން، އިހަވަންދޫގައި 200 ހައުސިންގ ޔުނިޓް އެޅުމަށް ބަޔަކާ ހަވާލުކުރެވިގެންދާނޭ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި މި ރަސްމިއްޔާތުގައި އިހަވަންދޫގައި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހަދައިދިނުމުގެ ޚިދުމަތާއި، ޕާސްޕޯޓުގެ ޚިދުމަތް ތައާރަފްކޮށްފައިވެއެވެ. މީގެއިތުރުން، މޯލްޑިވްސް އިސްލާމިކް ބޭންކުން އިހަވަންދޫގައި އޭ.ޓީ.އެމް ބެހެއްޓުމުގެ މަސައްކަތް ރަސްމީ ގޮތުން ރަށު ކައުންސިލާ ވަނީ ހަވާލުކުރައްވާފައެވެ. މީގެ އިތުރުން، އިހަވަންދޫގައި ޒަމާނީ ފެންވަރަށް ޤާއިމްކުރާ ހޮސްޕިޓަލާއި، ދަނޑުގެ މަސައްކަތާއި، އިހަވަންދޫ ހުރަވީ ދަނޑު ތަރައްޤީކުރުމުގެ އެއްބަސްވުމުގައިވެސް ވަނީ ސޮއިކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ކުރިން ވަނީ އިހަވަންދޫގައި އަލަށް އިމާރާތްކުރެވޭ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވުމުގެ ރަސްމިއްޔާތާއި އައު ކައުންސިލް އިދާރާގެ ބިންގާ އަޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *