ރޭގެ ވަގުތެއްގައި ހުޅުމާލޭގެ ޓްރާންސްފޯމަރަކުން ވައްކަންކުރަން އުޅުނު ބަޔަކު ހުއްޓުވުމަށް މަސައްކަތްކަތްކުރި ދެ މުވައްޒަފުންގެ އަގުވަޒަން ކުރުމަށް ސްޓެލްކޯއިން މިއަދު ހާއްސަ ހަފުލާއެއް ބާއްވައިފިއެވެ.
ސްޓެލްކޯގެ މުވައްޒަފުން ބައިވެރިވި މި ރަސްމިއްޔާތުގައި ވަނީ ވައްކަން ކުރަން އުޅުނު މީހުން މާރާމާރީ ހިންގާ ޒަހަމްކޮށްލި ސްޓެލްކޯގެ މުވައްޒަފު އަހްމަދު ވިޝާންއަށް "މެޑަލް އޮފް ބްރޭވަރީ" ނުވަތަ "ހިތްވަރުގަދަ ކަމުގެ މެޑެލި" ސްޓެލްކޯގެ މެނެޖިން ޑިރެކްޓަރު ހުސައިން ފަހުމީ ދެއްވައިފައެވެ. މީގެ އިތުރުން ވިޝާނަށް ވަނީ ހަނދާނީ ލިޔުމެއް ވެސް އަރުވައިފައެވެ.
ވައްކަން ކުރަން އުޅުނު މީހުން ހުއްޓުވަން ވިޝާންއާއެކު ހަރަކާތްތެރިވި އަނެއް މުވައްޒަފު ކަމަށްވާ ސަރުވާން މުހައްމަދަށް ވެސް ވަނީ ހަނދާނީ ލިޔުމެއް ފަހުމީ ދެއްވައިފައެވެ.
"އެ މުވައްޒަފުންގެ އަގުވަޒަންކޮށްފައި މިވަނީ ހިރާހާއި ނުރައްކަލުގެ ވަގުތުގައި ދައްކުވައިދިން ހިތްވަރާއި ކެރުންތެރިކަން ފާހަގަކުރުމުގެ ގޮތުން،" ސްޓެލްކޯގެ ފޭސްބުކް ޕޯސްޓެއްގައި ލިޔެފައިވެއެވެ.

"މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސްޓެލްކޯއިން އަބަދުވެސް މަސައްކަތް ކުރާނެ. އަދި މިފަދަ ހާދިސާތަކަށް ޚާއްސަ ސަމާލުކަމެއް ދީގެން ވަރަށް ޙައްސާސް މައްސަލަތަކެއްގެ ގޮތުގައި ބަލައި، ފިޔަވަޅުއަޅަމުން ދާނެކަމުގެ ޔަޤީންކަން އަރުވަން،" އެ ޕޯސްޓްގައި ސްޓެލްކޯއިން ބުންޏެވެ.
ހުޅުމާލެ ފޭސް ދޭއްގެ ރީތިގަސް މަގު ބްރިޖް ކައިރީގައިވާ ޓްރާންސްފޯމަރުން ވައްކަން ކުރަން އުޅުނު މީހުން ވިޝާންގެ ބޮލަށް ބޮޑު ރެންޗަކުން ދިން ހަމަލާއަކީ އޭނާއަށް ދާއިމީ ނުކުޅެދުންތެރިކަން ނުވަތަ މަރުވުމުގެ ފުރުސަތު އޮތް ހަމަލާއެއް ކަމަށް ފަހުމީ ރޭގައި އެކްސްގައި ލިޔުއްވިއެވެ. އެ ޓްވީޓްގައި އެޓެޗްކުރެއްވި ފޮޓޯގައި ވިޝާންގެ ވައަތު ލޯ މައްޗާއި ތިރީ ތުންފަތް ފަޅައިގެން ގޮސް ލޭ އައިސްފައިވާ މަންޒަރު ފެންނަން ހުއްޓެވެ.
ފަހުމީ ވިދާޅުވެފައިވަނީ ހަމަލާ ދިން މީހާ ފުލުހުންނާ ހަވާލުކުރި ކަމަށެވެ. ފުލުހުން ވަނީ ހަމަލާ ދިން މީހާގެ ވަނަވަރު ހާމަކޮށްފައެވެ. އޭނާއަކީ ށ. ބިލެތްފަހި ޗަނބޭލީގޭ އުމުރުން 37 އަހަރުގެ އިބްރާހީމް ޒާލިފުއެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހު ވެސް ވަނީ ހުޅުމާލެ ފޭސް ދޭއްގެ ދެ ޓްރާންސްފޯމަރު ހަލާކުކޮށްލައިފައެވެ. މި ކަމާ ގުޅިގެން ފަހުމީ ވިދާޅުވެފައިވަނީ މި ކަހަލަ ކަމެއްގައި މި ދިޔަ އަހަރު މީހުން މަރުވެފައި ކަމަށާއި މި ކަހަލަ ކަންތައްތައް ކުރުމުން ވަގުންނަށް ލިބޭ ގެއްލުމުގެ އިތުރުން އާއްމު ފަރުދުންނަށް ވެސް ނުރައްކާވާނެ ކަމަށެވެ.
ދެ ޓްރާންސްފޯމަރު ހަލާކު ކޮށްލުމުން ހާމަވަނީ އާއްމުން ހޭލުންތެރިކުރުމުގެ މުހިންމުކަން ކަމަށާއި ފުރާނަ ސަލާމަތްކުރުމަށް ފިޔަވަޅު އެޅުމުގެ އިތުރުން މުހިންމު އިންފްރާސްޓްރަކްޗަރު ރައްކާތެރިކުރުން މުހިންމު ކަމަށް ފަހުމީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވެފައިވަނީ ހޮނިހިރު ދުވަހުގެ ހާދިސާ ތަހުގީގު ކުރަމުން އަންނަ ކަމަށާއި މި ފަދަ ކަންތައްތައް ކުރިމަގުގައި ނުހިނގާނެ ގޮތަށް ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ.