ސްޓެލްކޯގެ ހުރިހާ މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރުކުރައްވާނެ ކަމަށް މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ފަހުމީ މިހެން ވިދާޅުވީ ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނު މީހަކު ހުއްޓުވަން އުޅުނު ސްޓެލްކޯ މުވައްޒަފަށް އެ މީހާ ރޭ ހަމަލާ ދިނުމާ ގުޅިގެންނެވެ.
މުވައްޒަފާ ދެކޮޅަށް ހިންގި މާރާމާރީ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށް ފަހުމީ އެކްސްގައި ލިޔުއްވިއެވެ.
"ބޮޑު ރެންޗަކުން މުވައްޒަފުގެ ބޮލުގައި ޖެހުމުން އޭނާ ދާއިމީ ނުކުޅެދުންތެރިކަމަކުން ނުވަތަ މަރުން ވެސް ސަލާމަތްވީ ކިރިޔާ،" ފަހުމީ ވިދާޅުވިއެވެ.
"ސްޓެލްކޯގެ ހުރިހާ މުވައްޒަފުންނަށް އަޅުގަނޑު ޔަގީންކަން އަރުވަން މި މުވައްޒަފުގެ ކެރުންތެރިކަން ފާހަގަކޮށް، އަޅުގަނޑުމެންގެ ޓީމަށް ކުރިމަތިވެދާނެ ކޮންމެ ނުރައްކާތެރިކަމެއް ސީރިއަސްކޮށް ނަގާނެކަން،" ފަހުމީ އިތުރަށް ވިދާޅުވިއެވެ.
އޭނާ މި ހަބަރު ފުރަތަމަ އެކްސްގައި ހިއްސާ ކުރައްވަމުން އެޓެޗްކުރައްވައިފައިވާ ފޮޓޯއިން ފެންނަނީ މުވައްޒަފުގެ ވައަތު ލޯ މައްޗާއި ތިރީ ތުންފަތް ފަޅައިގެން ގޮސް ލޭ އަންނަ މަންޒަރެވެ.
އެ ޓްވީޓްގައި ފަހުމީ ވިދާޅުވީ ޓްރާންސްފޯމަރުން ވައްކަން ކުރަން އުޅުނު މީހާ ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.
ޓްރާންސްފޯމަރަށް ގެއްލުން ދިނުމާ ގުޅިގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އެމްޕީއެލް ޓަވަރުތަކުން ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައި ކަމަށް ވެސް ފަހުމީ ވިދާޅުވިއެވެ.
"ވީ އެންމެ އަވަހަކަށް ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ޓަވަރުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ދަނީ ކުރެވެމުން،" ފަހުމީ ވިދާޅުވިއެވެ.

ހުޅުމާލޭގެ ފޭސް ދޭއްގެ ބާރުގަދަ ދެ ޓްރާންސްފޯމަރެއް ހޮނިހިރު ދުވަހު ހެނދުނު ވަނީ ހަލާކުކޮށްލައިފައެވެ.
"(ހައި ވޮލްޓެޖް) އެޗް.ވީ ސްވިޗްތައް ނިއްވައިލައިފައިވާ ގޮތުން ހާމަވަނީ މި ދެ ޓްރާންސްފޯމަރު ހަލާކުކޮށްލީ ޓްރާންސްފޯމަރުތައް މަސައްކަތްކުރާ ޓެކްނިކަލް ނިޒާމު އެނގޭ ބަޔަކު ކަމަށް. މި ފަދަ އަމަލުތަކުގެ ސަބަބުން ކަރަންޓްގައި ޖެހި، ޒަހަމްވެ، އަދި މަރުވުން ވެސް އެކަށީގެންވޭ. އަދި މި ފަދަ ކަންތައް ކުރާ މީހުންގެ އިތުރުން މުޖުތަމައުގެ އެހެނިހެން އަފުރާދުންނަށް ވެސް ގެއްލުން ލިބިދާނެ،" ފަހުމީ ވިދާޅުވެފައިވެއެވެ.
"ޓްރާންސްފޯމަރުތަކެއް ހަލާކު ކުރަނިކޮށް މި ދިޔަ އަހަރު ބަޔަކު މަރުވެގެން ދިޔުމަކީ މި ކަހަލަ އަމަލުތަކުގެ ވޭނީ ހަނދާންތައް އާކޮށްދޭ ކަމެއް،" ފަހުމީ އިތުރަށް ވިދާޅުވިއެވެ.
ދެ ޓްރާންސްފޯމަރު ހަލާކު ކޮށްލުމުން ހާމަވަނީ އާއްމުން ހޭލުންތެރިކުރުމުގެ މުހިންމުކަން ކަމަށާއި ފުރާނަ ސަލާމަތްކުރުމަށް ފިޔަވަޅު އެޅުމުގެ އިތުރުން މުހިންމު އިންފްރާސްޓްރަކްޗަރު ރައްކާތެރިކުރުން މުހިންމު ކަމަށް ފަހުމީ ވިދާޅުވިއެވެ.
ފަހުމީ ވިދާޅުވެފައިވަނީ ހޮނިހިރު ދުވަހުގެ ހާދިސާ ތަހުގީގު ކުރަމުން އަންނަ ކަމަށާއި މި ފަދަ ކަންތައްތައް ކުރިމަގުގައި ނުހިނގާނެ ގޮތަށް ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ.