...

Support Us

ކޮލަމް ނޫވިލު

ސިޔާސީ ފިކުރުގެ އަވައިގައި ޖެހި ދިވެހިން ލޯމެރެނީ

"ޕާޓީ ޖަލްސާއަށް ދާން ހެދުމެއް ފަހަން ޒީމެންގެއަށް މި ދަނީ،" އަޒޫއާ ދިމާވެގެން ޝެހޭ ބުންޏެވެ.

"ހާދަ ވަރެކޭ ދޯ ތިހުންނަނީ ސިޔާސީ ވެގެންގޮސް!!" އަޒޫ ބުންޏެވެ.

"އާނ. މިހާރު ކަނޑާލިއަސް ގައިން އަންނާނީވެސް ރީނދޫ ލޭ. މިކަމާ ރިއްޕެ ވެސް ވަރަށް ރުޅިއާދޭ. އެކަމަކު ޕާޓީގެ ކަންކަމުގައި މަށަށް ނޫޅެވެންޏާ މަ ވަރިކުރަންވެސް އޮންނާނީ އަންގާފަ،" ޝެހޭ ބުންޏެވެ.

ދިރިއުޅުމުގެ ކަންތައްތަކަށް ވުރެ ސިޔާސީ ހަރަކާތްތަކަށް އިސްކަންދޭ މީހުން ވަރަށް ގިނައެވެ.

އެހެން ދެ އެކުވެރީންނެވެ. މަންދި އާއި އައިސްތު އެވެ. މަންދި ފޯނުން ގުޅާފައި އައިސްތު ގާތު ބުންޏެވެ.

"ކޮބާ ޕާޓީގެ ޖަލްސާއަކަށް ނުދަންތަ؟"

އައިސްތުގެ ޖަވާބު ވަރަށް ތަފާތެވެ. "އާނ. އެހެން ގޮވާހާ ޖަލްސާތަކަށް ގޮސް ވަރަށް ނޫޅެވޭ. ޖަލްސާތަކަށް ނުދެވުނަސް މުހިންމީ މަގޭ ވޯޓެއްނު. އެއަކަށް ބަދަލެއް ނާންނާނެ. ކުޑަ ދަރިވެސް އުޅެނީ ރޯގާ ޖެހިގެން. މަ ބޭރަށް ގޮސްފިއްޔާ ފިރިސޮރު ތާކަށް ގުޑާލިއަވެސް ނުދޭނެ."

މި މުއާމަލާތުގައި ވެސް ޕާޓީ ކުލުނު އެބަހުއްޓެވެ. ނަމަވެސް މިންގަނޑަކާއި ހަމަތަކެއް ވެސް އެބަހުއްޓެވެ. އެންމެ ފުރަތަމަ ޕާޓީއެއް ނޫނެވެ. ޒިންމާއާ އެކު ޕާޓީ ފިކުރެވެ.

ހަމަ ދެ އެކުވެރިންނެވެ. މޯޑޭ އާއި ހަމީދެވެ. ދިމާވަނީ މަގުމަތިން ސައިކަލުގައެވެ.

މޯޑޭ ބުންޏެވެ. "ކޮބާ މިރޭގެ ބައްދަލުވުމަށް ނުދާނަންތަ؟ ލީޑަރުވެސް ވަޑައިގަންނަވައޭ އެބަކިޔާ."

ހަމީދު ޖަވާބު ދިނެވެ. "މިރޭ ދެވޭކަށް ނެތް. މިރޭ އޮތީ ފުޓުބޯޅަ ބެލުން. ޗެމްޕިއަންސް ލީގު ފައިނަލް މެޗު."

ސިޔާސީ ޝައުގު ހުރި މިންވަރު ދައްކައިދޭ މުއާމަލާތެކެވެ. އަދި ސިޔާސީ ވަނީ މުނިފޫހިފިލުވުމަކަށް ވެސް ނޫނެވެ.

ދެން އޮތީ މުޅިން ތަފާތު ވިސްނުމެކެވެ.

ދެ އެކުވެރީން ކޮފީއެއް ބޮނީއެވެ. ވާހަކަ ދެކެވެނީ ސިޔާސީ މަސްރަހާ މެދު ކަންބޮޑުވެ، ހިތްހަމަނުޖެހިގެންނެވެ. މި ޤައުމު ނޫނީ އެންމެން ސިޔާސީ ވެގެން އުޅޭ ތަނެއް ދުނިޔެއަކު ނޯންނާނެ ކަމުގައެވެ. ގެއަށް ދިޔައަސް، އޮފީހަށް ދިޔައަސް އަދި ނަމާދުން ފައިބާ ގޮތަށް މިސްކިތު ދޮރުމަތިން ވިއަސް އެނޫން އަޑެއް ނުއިވޭ ވާހަކައެވެ.

މިއީ އެއްވެސް ކަމެއްގައި ހައްދު ފަހަނަޅައި ދިއުމުން ވެދާނެ ގޮތެއްގެ ނަތީޖާއާ މެދު ފިކުރު ހިންގަނީތާއެވެ.

އެހެން ހާދިސާއެކެވެ.

ގާތް ރައްޓެއްސެއްގެ ގޭގައި ހުއްޓައި ހިނގި ކަމެކެވެ. ދަރިއަކު ބައްޔެވެ. ދަރީގެ ބައްޕަ އެއާރޕޯޓުގެ ޑިއުޓީއަށް ދާން ތައްޔާރުވަނީއެވެ. އޭނާގެ އަންހެނުން ބޭރުން އައިސް ވަދެފައި ފިރިމީހާއަށް ނިސްބަތްކޮށް ވަރަށް ނުރުހިފައި ބުންޏެވެ. މަ މިރޭ މުޒާހަރާޔަށް ދާނެ ވާހަކަ ކުރިން ބުނެފައި އޮއްވާވެސް ތިޔަ ވެއްޓޭ ސަރުކާރުގެ ވަޒީފާއަށް ދަނީހެއްޔެވެ؟ ގޮސްގެން ނުވާނެއެވެ. އެއާއެކު ދަރިފުޅު ބަލިވެ އުޅޭތީވެ ގޭގައި މަޑުކުރަން ފިރިމީހާގެ މައްޗަށް ލާޒިމްކުރިއެވެ.

މިއީ ސިޔާސީ ފިކުރުގެ ނުފޫޒާއި ބާރޭ ހިތަށް އަރާފައި ހައިރާންވިއެވެ.

އެހެން ހާދިސާއެކެވެ. ސިޔާސީ ޖަލްސާގައި މީހުން މަދުކަމުން ދެމަފިރިއަކާއި ދަރިއަކުވެސް ބައިވެރިކޮށްދިނުމަށް އެދި ބަޔަކު އައިތަނެކެވެ. ދެމަފިރިންގެ ޖަވާބު ސާދާވެފައި މިންގަނޑެއް ފެނުނެވެ.

"ދަރިފުޅު ދާނެއޭ ބުނާކަށް ނޭނގެއެވެ. އަހަރުމެން މި ނުކުންނަނީ ބަލި މީހަކަށް ގޮވާލައިފައި ފިހާރަޔަކަށް އެއްޗެއް ގަންނަން ދާށެވެ. ނިންމާފައި ގެއަށް ނައިސް ޖަލްސާކުރާ ތަނަށްވެސް ވަދެލާނަމެވެ."

މުއާމަލާތްތައް ހުރީ ވަރަށް ހަމަޖެހޭ މިންވަރެއްގައެވެ. އެކަމަކުވެސް ސިޔާސީ ފިކުރު އެބަހުއްޓެވެ.

މި ރާއްޖޭގައި ސިޔާސީ ފޯރީގައި މައިންބަފައިންނާ ވަކިވެ ކައިވެނި ރޫޅާލައިފައި ވެސް އެބަހުއްޓެވެ. ރައްޓެހި ރަހުމަތްތެރިކަން ކެނޑި ހަތުރުންނަށް ވެފައިވެސް އެބަހުއްޓެވެ.

ދިވެހި ރާއްޖޭގައި ސިޔާސީ ފިކުރު ހުރީ މައިގަނޑު ތިން ގޮތަކަށް ބެހިފައިކަން ގިނަ މީސްމީހުންނާއި ވާހަކަ ދައްކާލުމުން ދޭހަވެއެވެ. އުތުރާއި ދެކުނު އަދި މެދުރާއްޖެތެރެއަށް ނިސްބަތްވާ ގިނަ އަދަދެއްގެ ދަންނަ މީހުންނާއި ނުދަންނަ މީހުންގެ ވިސްނުން މިކަމުގައި ހޯދާލީމެވެ. އެއްވެސް ތަފާތެއް ނެތެވެ. ނަތީޖާ ދާދި އެއްގޮތެވެ.

ސިޔާސީ ފިކުރު ހުރީ މުޅި ޤައުމާ މެދު ވިސްނާ ބަލާފައި ސިޔާސީ ވިސްނުން ގެންގުޅޭ ބަޔަކާއި، ހަމައެކަނި ލީޑަރު ދައްކާ މަގުން ހިނގާ ސިޔާސީ ވިސްނުން ގެންގުޅޭ ބަޔަކާއި، އަދި ސިޔާސީ ކަންކަމަކީ އެންމެ އިސްކަމެއް ކަމުގައި ނުދެކި އާންމު ދިރިއުޅުމުގެ ތެރޭގައި ސިޔާސީ ވެސް ހިމެނިގެން ވިސްނާ ބައެއްގެ މައްޗަށެވެ. މިޒަމާނުގެ ބަހުންނަމަ ކަސައުޓީ ބަލަން ތިބެފައި ގޮސް ވޯޓު ލާ ބައެކޭ ބުނެއުޅޭ ބީދައިންނެވެ. އަދި މީގެ އިތުރުން ކޮންމެ ގޮތެއްވެސް ވަރިހަމަވެ، ވޯޓުލާން ވެސް ނުދާ ވަރަށް މަދު ބައަކުވެސް އުޅެއެވެ. މިފަދަ ވިސްނުމުގެ މީސްކޮޅު މަދުކަމުން މި ލިއުމުގައި އެވާހަކަ ކުރުކޮށްލީއެވެ.

ދުނިޔޭގެ އެހެން ތަންތާނގައިވެސް ސިޔާސީ ފިކުރުތައް އޮންނަނީ ހަމަ މި ގޮތަށް ކަމުގައިވުން އެކަށީގެންވެއެވެ. އެހެނީ އިންސާނީ ވިސްނުން އޮންނަނީ ހެވާއި ނުބަޔާއި އަދި މެދުމިނެއްގައި ތިބުން ކަމުގައި ދެކިއުޅޭ ބީދައިންނެވެ.

ހެޔޮ ކަމެއް ވިއަސް އެކަމަކުން ހައްދުފަހަނަޅައި ދާނަމަ ވާނީ ގޯސް ކަމަކަށެވެ. އެކަމަކު ގޯސް ކަމެއްނަމަ ކިތަންމެ ކުޑަމިނެއްވިއަސް އެވާނީ ގޯސް ކަމަކަށެވެ. ދެންއޮތީ މެދުމިނެވެ. ގޯހަކަށްނުވެ ހެޔޮ މަގަށް ދާންވެސް ފަސޭހަމަގެވެ. އަދި މެދުމިނުގައި ގިނައީ ހެޔޮގޮތޭވެސް ބުނެއުޅެއެވެ. ފަހަރެއްގައިވެސް ހެވާއި ނުބައި ކިޔައިދޭ އެދުރަކަށް ވަނީއެއްނޫނެވެ. އާންމު އުސޫލުން ދެކިއުޅޭ ގޮތް ކަމުގައި ވާތީވެ ލިއެލީއެވެ.

މި ފިކުރުތަކާއި އޭގެ ކުޑަ މިންވަރަކަށް ވަކިވަކިން ބަލާއިލީމާ ފެންނަނީ ވަރަށް އަޖައިބުކުރުވާ ޒާތުގެ އިންސާނީ ވިސްނުނަތަކެކެވެ.

އެބަޔަކު ގަބޫލުކުރާ ސިޔާސީ މީހެއްގެ ފަރާތުން ނުރަނގަޅު ކަމެއް ފެނި އެވާހަކަ އެފިކުރާއި އިދިކޮޅު މީހެއްގެ ދުލުން ބުނެވިއްޖެނަމަ ޖަވާބުދީ އުޅޭގޮތްވެސް ވަރަށް ހައިރާންކޮށްލައެވެ. ޖަވާބު ދޭނީ ވެސް ސުވާލަށް ސުވާލަކުން ކަހަލަ ގޮތަކަށެވެ. ނުވަތަ އެވެނި މީހާވެސް މިވެނި ކަހަލަ ގޯސް ކަންތައް ހަމަ ކުރެއޭ ބުނެ އެމީހެއްގެ ފަޅި ދިފާއުކޮށްލަނީއެވެ. ސިޔާސީ ފިކުރާ ޖެހުމުން ދެލޯވެސް މަރާލަނީއެވެ. ކަންފަތް ބަންދުވެސް ކޮށްލަނީއެވެ. ނުވަތަ އެފަދަ ވާހަކައެއް ބުނި މީހާއާ ދިމާކޮށްގަނެ ހާރުވާލަނީއެވެ. ދެފަރާތުންވެސް އެފަދަ މޭރުމަކުން ދޫނުދީފި ނަމަ ގަޔަށް އަތްލައިގެންވެސް ކުރި ހޯދަން އުޅެ ހުއްޓުވަނީއެވެ. ޕާޓީ އާއި ލީޑަރުގެ ހައްޤުގައި އަމިއްލަ ނަފްސުގެ ދިފާއުގައިވެސް އެއްޗެއް ނުބުނެވޭ ހިސާބަށް ގޮސްފައި އެބަހުއްޓެވެ. ޒުވާބުގެ ހޫނުގަދަވެ މާރާމާރީ ހިންގައި ތަކެއްޗަށް ގެއްލުންދީފައިވެސް އެބަހުއްޓެވެ.

އަޅުގަނޑުމެންނާ ވަރަށް ގާތް ގުޅުން ތަކެއް އުފެދެމުންދާ އަވައްޓެރި ބަންގުލަދޭޝްގައި ޝޭހު ހަސީނާ އާއި ޚާލިދާ ޒިޔާ، ދެބޭފުޅުން، އެއް ބޭފުޅަށްކަށްފަހު އަނެއް ބޭފުޅަކު ވެރިކަން ކޮށްލަކޮށްލަ ތިއްބަވާތާ ވަރަށް ގިނަ ދުވަސްތަކެއް ވެއްޖެއެވެ. އެއް ބޭފުޅަކު ތަހުތުގައި އިންނެވިއްޔާ އަނެއް ބޭފުޅަކު އޮންނަވާނީ ޖަލުގައެވެ. މި ނަމޫނާ އާއި ބަންގުލަދޭޝްގެ ތަރައްގީ ހިނގަނީ އެންމެ ރަނގަޅަށް ކަމުގައެއް އަޅުގަނޑު ނުދެކެމެވެ. އަދި ގިނަ ސިޔާސީ މުރާސިލުންވެސް މިމޭރުމުން ވާހަކަ ދައްކާ އުޅޭ އަޑު އިވެއެވެ.

ސިޔާސީ ފިކުރުތަކުގެ ތަފްސީލީ ނަތީޖާއެއް ރާއްޖޭގައި މި ފަހުން ނެގުނު ރިޔާސީ އިންތިހާބުގެ ވޯޓުން ވަރަށް ރަނގަޅަށް ފެންނާން އެބަހުއްޓެވެ. އެކިއެކި ސިޔާސީ ފިކުރުތަކުގައި އާބާދީގެ 40 ޕަސަންޓް ވަރު މީހުން އުޅެއެވެ. އަދި 60 ޕަސަންޓާ ގާތްކުރާ މީހުންނަކީ ވަކި ފިކުރަކަށް ގޮސް ހުސްނުވެ ތިބި މީހުން ކަމުގައިވެސް ދައްކައެވެ. އެހެންކަމުން ވެރިއަކު ހޮވަނީ މި ދަންނަވާ 60 ޕަސަންޓް މީހުންގެ ތެރެއިން ލާ ވޯޓުންނެވެ. މިކަން ޔަގީންކޮށްދެނީ ވޯޓުގެ ދެވަނަ ބުރުންނެވެ. އެހެނީ ކިތަންމެ ގިނަ ބުރަކަށް ވޯޓު ލިއަސް، ފިކުރުގެ އަވައިގައި ޖެހިފައިވާ އެއްވެސް މީހެއްގެ ވޯޓަކީ ބަދަލުކުރާނެ ވޯޓެއް ނޫނެވެ. ވީމާ ނަތީޖާ ނެރެން ވޯޓުލަނީ ވަކި ސިޔާސީ ފިކުރެއްގެ އަވައިގައި ޖެހިފައިނުވާ މީހުންގެ ވޯޓުންކަން ޔަގީންކުރެވެއެވެ.

ނަމަވެސް މި ދަންނަވާ ސިޔާސީ ފިކުރޭ ކިޔާ އުޅޭ މީހުންގެ ވިސްނުން މަދުން ނަމަވެސް ބަދަލުވަމުންދާ ފަދަ ކަންކަން މިހާރަކަށް އައިސް ސިޔާސީ މައިދާނުން ފެނި އުޅެއެވެ. މިކަމަކީ ސިޔާސީ ތަސައްރަފް ފުދުމޭ ވެސް ކިޔައެވެ. ހަމަ ގައިމުވެސް ދެލޯ މަރާފައި ލީޑަރުގެ ފަހަތުން ހިނގުމަށްވުރެން ފައިދާ ބޮޑީ އަމިއްލަ ވިސްނުން އިސްކޮށް މާޒީ އަށާއި މުސްތަޤްބަލަށް ނަޒަރު ހިންގައި ކުރިޔަށްދިއުން ކަމުގައި ފެނެއެވެ. ކުޑަކުދިން ކިޔާ ވާހަކައިގައި އުޅޭ މީދާ ގެންގުޅޭ ދުންމާރި ފުއްމާ މީހާގެ މިސާލު ރަނގަޅެއް ނޫންތާއެވެ. ދުންމާރީގެ އަޑަށް އެކަނި ބަލައިފައި ދެލޯ މަރައިގެން ދިއުމުން ކަނޑަށްވެސް އެރުވަނީއެވެ.

ވަކިވަކި ޕާޓީ ފިކުރު މާ ރަނގަޅު ނޫން ކަމަށް މަދުން ނަމަވެސް ބުނެއުޅޭ އަޑުވެސް ހިސާބަކަށް އިވެއެވެ. ޕާޓީ ތަކަށް މީހުން އިތުރު ކުރުމަށް މި ހިންގޭ ހަރަކާތްތަކަކީ އެހާ ރަނގަޅު ކަންކަން ކަމުގައެއް ނުފެނެއެވެ. އެހެނީ ފިތުނަ ފަސާދަ އާންމުވުމާއި ހެވާއި ނުބައި އޮޅުވާލަނީއެވެ. ޤައުމުގެ މުޖުރިމުންވެސް ޕާޓީއެއްގެ ތެރެއަށް ވަދެ ހުދުފޮއްޗަށް ބަދަލުވެއެވެ. އިޙްލާސްތެރި ހިދުމަތްތެރީންގެ އަގު ވައްޓާލައި ވެއްޔާ މޮޑެވި ހަޤީގަތް އޮޅި އެފަދަ މީހުން ކުރީ ސަފުގައި ތިބެ ހިދުމަތްކުރުމަށް ޖެހިލުންވެސް ވަނީއެވެ.

ވީމާ ޕާޓީ ފިކުރުގެ ގަދަފަދަ އޮއިވަރާއި ފޯރީގައި މި ޤައުމަށާއި ދޭދޭ ފަރުދުންގެ ގުޅުންތަކަށް ކުރާ އަސަރު އިލްމީ ފެންވަރުގައި ބަލާ ދިރާސާއެއް ކުރުން މުހިންމު ކަމަކަށް ނުވާނެ ބާއެވެ؟ އަދި މިފަދަ ދިރާސައަކުން ޤައުމުގެ މުސްތަޤްބަލް އުޖާލާ ނުކުރެވޭނެ ބާވައެވެ؟

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.