ބައިނަލްއަޤްވާމީ ކްރެޓިޑް ރޭޓިން އޭޖެންސީ މޫޑީސްއިން ދިވެހިރާއްޖެއަށް ދީފައިވާ ކްރެޑިޓް ރޭޓިން، ދަށްނުކޮށް Caa2 ގައި ދަމަހައްޓައިފިއެވެ.
މިއަދު މޫޑީސްއިން ނެރުނު ބަޔާނުގައި ކްރެޑިޓް ރޭޓިން ދެމެހެއްޓުމުގައި ބަލައިފައިވާ މައިގަނޑު ކަންކަމުގެ ތެރޭގައި ރާއްޖޭގެ މާލީ ހާލަތު ކުރިއަށްވުރެ ހަރުދަނާކުރުމަށް އަޅައިފައިވާ މުހިންމު ފިޔަވަޅުތަކަަށް އަލިއަޅުވާލާލައިފައިވެއެވެ. އެގޮތުން، މަރުކަޒީ ބޭންކް އެމްއެމްއޭއިން އަލަށް ތައާރަފުކުރި ބޭރު ފައިސާއާބެހޭ ގަވާއިދުތަކާއި އަދި ސަރުކާރުން ޓެކްސްއަށް ގެނައި އިސްލާހުތަކުން ބޭރު ފައިސާގެ ރިޒާވް އިތުރުވުމުގެ ފުރުސަތު ބޮޑު ކަމަށް މޫޑީސްއިން އާންމުކޮށް ޝާއިޢުކުރި ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ފާއިތުވި މަސްތަކުގައި، ރާއްޖެއަށް ބޭރު ފައިސާގެ ފައިނޭންސިން ހޯދުމުގައި ކާމިޔާބީތަކެއް ހާސިލުވެފައިވާ ކަމަށްވެސް މޫޑީސްގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން، 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު، ދިވެހިރާއްޖެއާއި އިންޑިއާއާއެކު 400 މިލިއަން އެމެރިކާ ޑޮލަރާއި 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވޮޕް އެއްބަސްވުމެއް ޤާއިމުކޮށްފައިވުމަކީ ދިވެހިރާއްޖޭގެ މާލީ ހާލަތު ރަނގަޅުކުރުމަށް ކޮށްފައިވާ މުހިންމު ކަމެއްކަމުގައި މޫޑީސްއިން ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން، ސަރުކާރުން ޓެކްސް ރޭޓުތަކަށް ގެނެސްފައިވާ ބަދަލުތައް ތަންފީޒުވެގެން ދިއުމާއެކު، ބޭރު ފައިސާގެ ރިޒާވް އިތުރުވެގެން ދާނެކަމަށްވެސް އަންދާޒާކޮށްފައިވެއެވެ.
އެހެން ނަމަވެސް، ކުރިއަށް އޮތް 12-18 މަސްދުވަހުގެ ތެރޭގައި ބޭރުގެ ދަރަނި އަދާކުރުމަށް ބޮޑު ހޭދައެއް ކުރަންޖެހޭނެ ކަމަށް ބެލެވޭއިރު، ބޭރު ފައިސާ ލިބުމަށް ހުރި ދަތިތައް އަދިވެސް ދެމިގެންދާނެ ކަމަށް މޫޑީސްއިން ބަޔާންކޮށްފައިވެއެވެ. މޫޑީސްއިން އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިހާރު އެކަށައަޅާފައިވާ ކްރެޑިޓް ރޭޓިން ކުރިއަށްއޮތް ދުވަސްތަކުގައި އެ މިންގަނޑުގައި ދެމެހެއްޓުން ނުވަތަ މަތިވުން ބިނާވާނީ ދިވެހިރާއްޖޭގެ ސަރުކާރަށް ބޭރު ފައިސާއިން ފައިނޭންސިން ހޯދޭ މިންވަރަށާއި، 2025 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައި ސަރުކާރުން ކަނޑައަޅާފައިވާ ފިސްކަލް ރިފޯމްތައް ކާމިޔާބުކަމާއެކު ތަންފީޒުކުރުމުގެ މައްޗަށެވެ.



advertisment

