Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: ގާޑިޔަލަކުން ފަނާވި ޖީލެއް!

މިއަދަކީ ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހެވެ. ފަނަރަ ދުވަސް ފަހުން، ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހަކީ މި ޤައުމުގެ އިޖްތިމާއީ ހަޔާތުގައި، ސަރުކާރަކުން ނިންމި އެންމެ ހިއްވަރު ގަދަ އެއް ނިންމުން ތަންފީޒުވާން ފެށޭ ދުވަހެވެ. ރާއްޖެއަށް ވޭޕް އެތެރެކުރުމާއި، އުފެއްދުމާއި، ބޭނުންކުރުން މަނާވެގެންދާ ދުވަހެވެ. ފަނަރަ ޑިސެމްބަރަކީ ހަމައެކަނި ވޭޕް މަނާވާ ދުވަހެއް ނޫނެވެ. އެއީ ސަރުކާރެއްގެ ކިބައިގައި ހިއްވަރާއި ކެރުންތެރިކަން ހުރެއްޖެ ނަމަ ޤައުމީ ބޮޑެތި ހުރިހާ ކަމެއް އަވަސްކަމާ އެކު ކޮށް ނިންމައި، ނަތީޖާ ދެއްކިދާނެކަމުގެ ހެކި ފެނިގެންދާނެ ދުވަސްވެސް މެއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވޭޕް މަނާކުރުމުގެ މަޝްވަރާކޮށް، ޤާނޫނެއް ފާސްކޮށް، މިވަރުގެ ބޮޑު ކަމެއް ނިންމާލީ މި ހިޔާލް އައި ދުވަހުން ފެށިގެން އެންމެ ދެމަހެއްހާ ދުވަހުގެ ތެރޭގައެވެ. މުއިއްޒު ސްޕީޑުގައެވެ!

ވޭޕް މަނާކުރުމާ އެކު ދުންފަތުގެ ޤާނޫނުވެސް ވަނީ އިތުރަށް ހަރުކަށިކޮށް، ދުންފަތުގެ ބާވަތްތައް ގަނެވޭ އުމުރު، 18 އަހަރުން 21 އަހަރަށް މަތިކޮށް، ދުންފަތުގެ ޑިއުޓީ ބޮޑުތަނުން އިތުރުކޮށްފައެވެ. މިއަހަރުގެ މެދަކާ ހިސާބުގައި 100ރ. އަށް ލިބެން ހުރި ސިނގިރެޓު ފޮއްޓެއް މިހާރު ލިބެނީ 270ރ. އަށެވެ. ގާތްގަނޑަކަށް ތިން ގުނަ އަގުބޮޑުވީ އެވެ. ވަރަށް ރަނގަޅު ބަދަލެކެވެ. ދެން އެންމެ އަވަހަށް ކުރަންޖެހޭ އެއް ކަމަކީ ވަކިވަކިން ސިނގިރޭޓު ވިއްކާ ގާޑިޔާތަކާއި ކަޑަތަކުން އެކަން ނުކުރެވޭ ގޮތަށް ޤާނޫނު ތަންފީޒުކުރުން ވަރުގަދަ ކުރުމެވެ. މިހާރުވެސް ވަކިން ސިނގިރޭޓު ވިއްކުމަކީ ޤާނޫނުން މަނާ ކަމެކެވެ. ނަމަވެސް ގިނަ ގާޑިޔާ ތަކާއި ގިނަ ކަޑަތަކުން، ޤާނޫނަށް ގޮންޖަހައި، ވަކިން ސިނގިރޭޓު ވިއްކައެވެ. ވަކިން ނުވިއްކައި، ހަމައެކަނި ފޮށި ވިއްކާނަމަ، ހާއްސަކޮށް ކުޑަ ކުދީންނަށް ސިނގިރޭޓު ގަންނަން ދަތިވާނެއެވެ. ދުންފަތުގެ އިސްތިމާލް ނުކުރާ ޖީލެއް އުފެއްދޭނީ ކުޑަކުދިން މިކަމާ ދުރުކުރެވިގެންނެވެ.

ސިނގިރޭޓު އަގުބޮޑުވެގެން، އެކަމާ ނުރުހިގެން، އެމްޑީޕީގެ އެކްޓިވިސްޓަކު ދާދި ފަހުން ހުތުރުބަހުން މުއާމަލާތްކޮށް، މާރާމާރީގެ އިންޒާރު، އެކްސް މެދުވެރިކޮށް ދިނެވެ. މި ނާތަހުޒީބު، ބިރުވެރި އަމަލާ ގުޅިގެން އޭނާ ފުލުސް އޮފީހަށް ހާޒިރުކުރަން ޗިޓް ފޮނުވުމުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލާއި އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދާއި، ކުރީގެ ދިފާއީ ވަޒީރު މާރިޔާ ދީދީ ފަދަ ބޭފުޅުން އެ ނާތަހުޒީބު އިންޒާރު ދިން މީހާ ދިފާއުކޮށް ވާހަކަ ދެއްކި އެވެ. ކޮންމެ މީހަކަށް ނަމަވެސް، މާރާމާރީގެ އިންޒާރު ދިނުމަކީ ވެސް އެމްޑީޕީގެ ނަޒަރުގައި ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމެވެ.

ހޯމް މިނިސްޓަރު އަލީ އިހްސާން މިކަމަށް ދެއްވީ ވަރަށް ރަނގަޅު ރައްދެކެވެ. މިނިސްޓަރު ވިދާޅުވީ، މިސާލަކަށް އެމްޑީޕީގެ އިސް ބޭފުޅެއްގެ ފުރާނައަށް ގެއްލުންދޭން ބުނެ މީހަކު އިންޒާރެއް ދީފިނަމަ އެއީވެސް ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ކަމަށް ބަލައިގެން ފުލުހުން ތިބެންވީތޯއެވެ؟

އެމްޑީޕީ އަކީ ވަރަށް މުނާފިގު ބައިގަނޑެކެވެ. ތަގުން، މާފިއާ މީހުން، ވަގުން، އަދި މަސްތުވާތަކެތީގެ ޑީލަރުން ދިފާއުކޮށް، ދީނީ މީހުންނަކީ ހައްދުފަހަނަ އެޅި މީހުން ކަމަށް ބަލައިގެން އުޅޭ ޕާޓީއެކެވެ. އެމީހުންނަށް ދެންވެސް ވެރިކަން ލިބިއްޖެ ނަމަ ވޭޕް ވެސް ހުއްދަ ކުރާނެއެވެ. ދުންފަތް ވެސް އާއްމު ކުރާނެއެވެ. ޑްރަގް ޑީލަރުންވެސް މިނިވަންކޮށް، އެކަން ވެސް އާއްމު ކުރާނެއެވެ. އެމްޑީޕީ އަށް ލާދީނީ ޕާޓީއޭ ކިޔަނީ ހަމަ އެހެން ކިއުން ހައްޤުވާތީ އެވެ.

ޤާނޫނު އަސާސީގެ ހައްޤުގައިއޭ ކިޔައިގެން މި 10 ވަނަ ދުވަހު ޤައުމު ހަލަބޮލިކޮށް މަގުމަތިން ސަރުކާރު ވައްޓާލަން ޝާހިދާއި، ރައީސް އިބޫ ސޯލިހާއި އާއި ފައްޔާޒާއި، ނަޝީދު އަޑިއަޑިން ގުޅިގެން ހިންގަން މިއުޅޭ ޖަރީމާ އަށް ފުރުސަތު ނުދިނުމުގެ ގޮތުން ދިވެހި ރައްޔިތުން ހޭލައި ތިބެން ޖެހެއެވެ. މި ޤައުމުގެ ވެރިކަން އެމްޑީޕީ އަށް ދެން ލިބުމަކީ މި ޤައުމު ފަނާވެ ދިއުމެވެ. އެމްޑީޕީގެ ވެރިކަމުގައި ރައީސް އިބޫ ސޯލިހާއި މަރިޔާ އާއި ޝާހިދާއި ފައްޔާޒު ހިންގައިފައިވާ ޖަރީމާތައް ތަހުޤީގުކޮށް ހައްޤު އަދަބު ދީގެން މެނުވީ މި ޤައުމުގެ ފުން ފާރުގަނޑަށް ޝިފާއެއް ނުލިބޭނެއެވެ.

އެމްޑީޕީން މި ޤައުމު ގަސްތުގައި އިގްތިސޯދީ ވަޅުގަނޑަކަށް ވައްޓާލީ އިންޑިއާ ބުނެގެންނެވެ. އެ ވަޅުގަނޑުން ނަގަން އަންނާން ހަމަޖެހިފައި އޮތީ ވެސް އިންޑިއާ އެވެ. ވަޅުގަނޑުން ނަގައިދޭނީ ދިވެހި ޤައުމު އިންޑިއާ އަށް އެއްކޮށް އަޅުވެތި ކުރުވާ މަތީންނެވެ. މިގޮތަށް ރާާވައިފައި އޮތް ކަމަކުން ދިވެހި ޤައުމު ސަލާމަތްވީ 2023 ވަނަ އަހަރުގެ ރިއާސީ އިންތިހާބުން ހީނުކުރާ ގޮތަކަށް އެމްޑީޕީ ބަލިވުމުންނެވެ. މިޤައުމު ފަނާ ކުރުމުގެ އިތުރު ފުރުސަތެއް އެމްޑީޕީ އަށް ދީގެން ނުވާނެއެވެ. ރައްޔިތުން ހޭލައި ތިބޭށެވެ.

އިޖްތިމާއި އެކިއެކި ބަލިތަކުން ސަލާމަތްވުމަށް ދުނިޔޭގެ ޤައުމުތަކުން އަޅަމުންދާ ބައެއް ފިޔަވަޅު ތަކަށް ބަލާއިރު ފާހަގަވި އެއްކަމަކީ، ދާދިފަހުން ފާސް ކުރި ޤާނޫނަކުން އެޔޮއް ބޮޑު އޮސްޓްރޭލިއާގައި، އުމުރުން 16 އަހަރުން ދަށުގެ ކުދިން އިންޓަނެޓު ސޯޝަލް މީޑިއާ ބޭނުން ކުރުން މަނާކުރިކަމެވެ. އަދި އިނގިރޭސި ވިލާތަކީ 2027 ވަނަ އަހަރު އަންނަން ވާ އިރަށް ދުންފަތުގެ އިސްތިއުމާލް ނުކުރާ ޤައުމަކަށް ހެދުމަށް ޤާނޫނެއް ވަނީ ފާސް ކޮށްފައެވެ. އޮސްޓްރޭލިއާ އާއި އިނގިރޭސި ވިލާތަށް މިވަރުގެ ކަންކަން ކުރެވޭ ނަމަ ރާއްޖެ ފަދަ ކުޑަ މުޖުތަމައުއެއްގައި މިކަހަލަ ބަދަލުތައް ގެންނަން އަދި މާ ފަސޭހަވާނެއެވެ. އަދި އަމުދުން، ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށް ވާއިރު، އުމުރުން 12 ނުވަތަ 13 އަހަރު ނުފުރޭ ކުޑަ ކުދީންނަށް ސްމާޓް ފޯނު ދީގެން ގިނަ މައިންބަފައިން މި އަޅައިދޭ ނުބައި ބިންގަލުގެ ސަބަބުން އުފެދެެނީ ވަހުޝީ، ނުބައި ޖީލެކެވެ. ފާހިޝް މަންޒަރުތައް މިހާރު ފެންނަނީ ހަމަ އެކަނި ގޫގަލް ސާޗަކުން ނޫނެވެ. ޓްވިޓަރ، ޓެލެގްރާމް، އަދި އިންސްޓަގްރާމް ވެސް މިހާރު ވަނީ ފާހިޝް މަންޒަރާއި އެފަދަ އެކައުންޓްތަކުން ފުރި، އިބިލީހުގެ ދަންތުރަތަކަކަށް ވެފައެވެ. ކުޑަ ކުދީންނަށް ސްމާޓް ފޯނު ދިނުމާއި، ކުޑަ ކުދީން ސޯޝަލް މީޑިއާ ބޭނުން ކުރަންވެސް ޖެހެނީ ކޮންޓްރޯލް ކުރާށެވެ.

އިޖްތިމާއީ މިފަދަ ބަލިތަކުން މި ޤައުމު ސަލާމަތް ކުރާކަށް އެމްޑީޕީ ބޭނުމެއް ނުވާނެއެވެ. އިޖްތިމާއީ ބަލިތަކުން މި ޤައުމު ސަލާމަތް ކުރަން މިހާރުގެ ސަރުކާރުން މަސައްކަތް ކުރާއިރު ހަނދާން ބަަހައްޓަން ޖެހޭ އެއް ކަމަކީ، ދިވެހި ޤައުމުގެ ޖީލެއް ހަލާކުކުރި އެކައްޗަކީ މާލެ އާއި ބައެއް ރަށްރަށުގެ އެކި ދިމަދިމާގައި ހުރި "ގާޑިޔާތައް" ކަމެވެ. މިއީ އިމްޕޯޓް މުދާ ވިއްކުމުގެ ހުއްދަ އޮންނަ ތަންތަނެއް ވެސް ނޫނެވެ. ނަމަވެސް މި ތަންތަނުން ސިނގިރޭޓު ވެސް ވިއްކައެވެ. ޤާނޫނާ ހިލާފަށް ވަކިވަކިންނެވެ. ރަށްރަށުގައި ޕާޓޭއިން ވަގަށް ކަނޑާ ތަރުކާރީ އާއި މޭވާ ވެސް ނުއަގުގައި ގަނެ، ވައްކަމަށް ހިއްވަރުދޭ އެއްބަޔަކީ ވެސް މި ގާޑިޔާތަކެވެ. ބައެއް ގާޑިޔާތަކަކީ ޕާޓޭންނާއި، މަސްތުވާތަކެތީގެ ޑީލަރުން ހިންގާ ތަންތަނެވެ. ގާޑިޔާތައް ވަރަށް ހަރުކަށިކޮށް ރެގިއުލޭޓްކޮށް، ގާޑިޔާ ތަކަކީ ހަމައެކަނި ކުރުނބަލާއި، ދޯރާ އާއި، ބޮނޑި ފަދަ ލުއިކާނާ އާއި ދިވެހި އުފެއްދުންތައް ވިއްކާ ތަންތަނަށް ހަދަން ޖެހެއެވެ. ޖީލެއް ހަލާކު ކުރުމުގެ ޒިއްމާ ނަގަން ޖެހޭ އެއްބަޔަކީ ހަމަ މި ގާޑިޔާތަކެވެ. މާލޭ މަގުމަތީގައި މި ގާޑިޔާތައް މިހާރު ނެތެއް ކަމަކު ކުދިކުދި ކަޑަތަކުގެ ގޮތުގައި މި ގާޑިޔާތައް ގެންދަނީ ހިންގަމުންނެވެ. ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި މިފަދަ ކަޑަތައް އަދި މާގިނައެވެ. ދުންފަތުގެ ބާވަތްތައް ވިއްކުމުގެ ލައިސަންސް މި ގާޑިޔާ/ ކަޑަތަކަށް ދެވިގެން ނުވާނެއެވެ. އަދި ވަކިވަކިން ސިނގިރޭޓު ވިއްކުން އެއްކޮށް ހުއްޓުވަން ޖެހެއެވެ. ފުލުހުން ގޮސް ވަރަށް ކައިރިން މި ކަންކަން ބަލަންޖެހެއެވެ.

ވޭޕް މަނާވުމުން، ވޭޕްގެ ވަގު ވިޔަފާރިން މިލިއަނަރުންނަށް ވުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ދެވިގެން ނުވާނެއެވެ. ޤާނޫނުތައް ހެދޭ ގޮތަށް އެ ޤާނޫނުތައް ތަންފީޒު ވެސް ކުރެވެން ޖެހޭނެއެވެ. ރައީސް ޑރ. މުއިއްޒާއި ހޯމް މިނިސްޓަރު އިހްސާނާއި ޕޮލިސް ކޮމިޝަނަރ ޝުޖާއު މިކަމުގައި ނަމޫނާ ދައްކަވަން ޖެހެއެވެ. ދުންފަތާ ދުރު މުޖުތަމައުއެއް އުފެއްދުމުގެ މަސައްކަތުގެ ބައެއްގެ ގޮތުން، ޕޮލިހާއި އެމް.އެން.ޑީ.އެފްގެ ބޭފުޅުންނަކީ ރަސްމީ އަދި ނުރަސްމީ ގަޑީގައި ވެސް ދުންފަތުގެ އިސްތިއުމާލް ކުރުން މަނާ ބަޔަކަށް ހެދުމަކީ ހޯމް މިނިސްޓަރާއި ޕޮލިސް ކޮމިޝަނަރ އަދި ސިފައިންގެ ޗީފްއޮފް ސްޓާފަށް ދެއްކިދާނެ ނަމޫނާއެކެވެ. ހަމަ އެފަދައިން ސިވިލް ސާވެންޓުން ރަސްމީ ގަޑީގައި ދުންފަތުގެ އިސްތިއުމާލް ކުރުން ވެސް މަނާކުރަން ޖެހެއެވެ. މަގުމަތި ފަދަ އާއްމު ތަންތަނުގައި ސިނގިރޭޓު ބުއިން އެއްކޮށް މަނާކުރަން ޖެހެއެވެ. އަދި، މަސްތުވާތަކެތީގެ ނެޓުވާކްތަކާއި، ގޭންގުތައް އެއްކޮށް ނައްތާލަން ޖެހެއެވެ.

ދިވެހި ޤައުމަކީ މަސްތުވާތަކެތީން ސަލާމަތްވެފައިވާ، ދުންފަތާ ދުރު، ކުށް މަދު، ދީންވެރި މުޖުތަމައުއަކަށް ހަދަން ޖެހެއެވެ. ސަރުކާރުގެ އަމާޒު މިކަމުގައި ހުރީ ރަނގަޅަށެވެ. އަދި ކުޑަކުޑަކޮށް ފިޔަވަޅު އަވަސްކޮށް، ސީދާކޮށްލަން ޖެހެއެވެ. ކަނދުރާ އަކަށް، މޫނަކަށް، ފުއްކިބައަކަށް ބަލާނެ ކަމެއް ނެތެވެ. ރައްޔިތުންގެ ހައްޤުގައި، މުޖުތަމައުގެ ހައްޤުގައި، މުޅި ޤައުމުގެ ހައްޤުގައި އަދި އިތުރަށް ހިއްވަރު ކޮށްލާށެވެ. މިކަން ފޭލި ކޮށްލުމުގެ ފުރުސަތު އެމްޑީޕީ އަށް އެއްވެސް ހާލަތެއްގައި ދީގެން ނުވާނެއެވެ. ގާޑިޔަލަކުން ފަނާވި ޖީލަކުން، ހެޔޮ ލަފާ ޖީލެއް އުފަން ކުރުވަން ޖެހެއެވެ.