Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: ރިއާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލައި، ރިއާސީ ދައުރު ހަތް އަހަަރަށް ދަންމާލުން! 

ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގަތީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައެވެ. ޑރ. މުއިއްޒުގެ ރިއާސަތަށް އެއް އަހަރު ފުރުނުއިރު، މިހާ އަވަހަށް، އިދިކޮޅު އެމް.ޑީ.ޕީން ފައްޔާޒު އިސްމާއީލާއި، އަބްދުﷲ ޝާހިދު ފަދަ ބޭފުޅުން 2028 ގެ ރިއާސީ ރޭހުގައި ވާދަ ކުރައްވާނެ ކަމުގެ ވާހަކަ ފައްޓަވައިފިއެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ، ޖަލު ހުކުމެއް ނެތް ނަމަ، 2028 ވަނަ އަހަރުގެ ރިއާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމުގެ އިޝާރާތެއް ދެއްވައިފައެވެ. ހަމަ އެފަދައިން ވެރިކަން ކުރާ ޕީ.އެން.ސީން ވެސް ވަނީ ދެވަނަ ދައުރަކަށް، ޕްރައިމަރީއަކާ ނުލައި، ޑރ. މުއިއްޒަށް ރިއާސީ ޓިކެޓް ކަށަވަރުވެފައިވާ ކަމަށް ދާދި ފަހުން ބުނެފައެވެ. އިންތިހާބަށް އަދި ހަތަރު އަހަރު ދުވަސް އޮއްވައި، މިހާ އަވަހަށް، 2028 ގެ އިންތިހާބަށް މަސައްކަތް ފެށުމުން، ތަރައްޤީގެ މަސައްކަތަށް ޤައުމު ފޯކަސްވުމުގެ ބަދަލުގައި ތާއަބަދު މުޅި ޤައުމު އޮންނަނީ ސިޔާސީ ނޭނގުމެއްގެ ތެރޭގައެވެ. އެހެންވުމުން މުޅި ޤައުމު އަބަދު ވެސް އޮންނަނީ ސިޔާސީ ވިލާގަނޑެއްގެ ދަށުގައެވެ. ސިޔާސީ މީހުންނަށް ފައިދާ ހުރީ އެގޮތަށް އެކަން އޮތުމުންނެވެ. ނަމަވެސް ރައްޔިތުންނަށް އެގޮތުގައި އޮތީ ގެއްލުމާއި ހަލާކެވެ!

އެގޮތަށް ތާއަބަދު ޤައުމު ސިޔާސީވެފައި އޮތުމުން، ރައީސުލްޖުމްހޫރިޔާ އަކަށް ހުންނަވާ ބޭފުޅާވެސް ޤައުމު ހިންގުމުގެ ބަދަލުގައި ތާއަބަދު އުޅުއްވަން ޖެހެނީ ކެމްޕެއިނުގައެވެ. ދިވެހި ޤައުމަށް ހަމަނޭވާއެއް ލެވެން އަންނަނީ ދިވެހި ރައްޔިތުންނަށް މި ސިޔާސީ ކޮޅިގަނޑުން ނިކުމެ ހަމަޖެހިލައިގެން މަދުވެގެން ދެތިން އަހަރު ދުވަހު ނަމަވެސް ތިބެވޭ ވަރު ވެގެންނެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިއާސީ އިންތިހާބު އެއްކޮށްލަން ފެނޭތޯ ރައްޔިތުންގެ ރެފަރެންޑަމަކަށް ދާން ސަރުކާރުން ވަނީ ނިންމައިފައެވެ. މިއީ ވަރަށް ރަނގަޅު ނިންމުމެކެވެ. ރާއްޖޭގެ އޮންނަ އެންމެ ބޮޑު ދެ އިންތިހާބަކީ ރިއާސީ އިންތިހާބާއި މަޖިލިސް އިންތިހާބެވެ. މި ދެ އިންތިހާބު އެއް ވަގުތެއްގައި، އެއް އިންތިހާބެއްގެ ގޮތުގައި ބޭއްވިއްޖެ ނަމަ، އެތައް މިލިއަން ރުފިޔާ އިގްތިސޯދު ކުރެވުމުގެ އިތުރުން، ސިޔާސީ ޑްރަމާއިން ސަލާމް ވެެގެން ތިބޭނެ ކުޑަނަމަވެސް ފުރުސަތެއް ދިވެހި ރައްޔިތުންނަށް ލިބޭނެ އެވެ.

ރައީސުލްޖުމުހޫރިއްޔާ އަކު ހޮވަން ޤާނޫނު އަސާސީ ލާޒިމް ކުރަނީ ފަސް އަހަރުގެ ދައުރަކަށެވެ. ފަސް އަހަރުގެ ތެރެއިން އެންމެ އަހަރެއް ފާއިތުވާ އިރަށް އަނެއް އިންތިހާބަށް އެންމެން ފޫގަޅައިގެން މުޅި ޤައުމު އިންތިހާބެއްގެ ސިޔާސީ ކޮޅިގަނޑުގެ ދަށުގައި ހަތަރު އަހަރު ބޭއްވުމަކީ ޤައުމަށް އެންމެ ފައިދާ ހުރި ގޮތެއް ނޫނެވެ. މިކަމަށް އޮތް އެއް ހައްލަކީ ރިއާސީ ދައުރުގެ މުއްދަތު ކުޑަކޮށް ދިގުކޮށްލުން ކަމަށް ފެނެއެވެ. ދުނިޔޭގެ ބައެއް ޤައުމުތަކަށް ބަލާއިރު މަޝްހޫރު ސިންގަޕޫރުގެ އިތުރުން، ޖޯޖިއާ، ރަޝިއާ، ފިންލޭންޑް، ފިލިޕީންސް އަދި މެކްސިކޯ ފަދަ ބޮޑެތި ޤައުމު ތަކުގައި ރިއާސީ ދައުރެއްގެ ދިގުމިނަކީ ހަ އަހަރު ދުވަހެވެ. އަދި އަޒަބައިޖާން، ކެމަރޫން، ތަޖިކިސްތާން، ކަޒަކްސްތާން، މިސްރު، އަޔަލޭންޑް އަދި އިޓަލީ ފަދަ ވަރުގަދަ ޤައުމުތަކުގައި ރިއާސީ ދައުރުގެ ދިގު މިނަކީ ހަތް އަހަރު ދުވަހެވެ. މިސްރު ފަދަ ބިޔަ، ވަރުގަދަ ޤައުމެއްގައި ރިއާސީ ދައުރުގެ ދިގުމިން ހަ އަހަރު ދުވަހު އޮވެފައި، އިޓަލީ އާއި އަޔަލޭންޑް ފަދަ ޔޫރަޕްގެ ވަރުގަދަ ޤައުމު ތަކުގައި ރިއާސީ ދައުރުގެ ދިގުމިން ހަތް އަހަރު ދުވަހަށް އޮންނައިރު ރާއްޖެ ފަދަ ކުޑަ ޤައުމެއްގައި ކޮންމެ ފަސް އަހަރަކުން ބިޔަ އިންތިހާބެއް ބާއްވައިގެން، އެތަކެއް މިލިއަނުން ހަރަދުކޮށް، މުޅި ޤައުމު ތާއަބަދު ސިޔާސީ ކޮޅިގަނޑެއްގެ ދަށުގައި ބާއްވަން ޖެހޭ ސަބަބެއް ނެތެވެ. މިދިޔަ ރިޔާސީ އިންތިހާބަށް ވެސް ރައްޔިތުންގެ ޓެކްސް ފައިސާ އިން 100 މިލިއަން ރުފިޔާ ހަރަދު ކުރަންޖެހުނެވެ. އަދި މި އަހަރުގެ މަޖިލިސް އިންތިހާބަށް ވެސް ހަމަ އެ ވަރު ހަރަދުވި އެވެ.

ރައީސުލް ޖުމްހޫރިޔާގެ ރިއާސީ ދައުރެއްގެ ދިގުމިން ހަތް އަހަރަށް ބަދަލުކޮށް، ދިވެހީންނަކީ ތާއަބަދު ސިޔާސީ "ކަބި"ވެގެން އުޅޭ ބައެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެންނަން ޖެހެއެވެ.

ސިންގަޕޫރު ފަދަ ކުޑަ، އެހެނަސް ތަރައްޤީވެފައިވާ ޤައުމުތަކަށް ބަލައިލުމުން ފެންނަ މަންޒަރަކީ ރައްޔިތުން އެއްވެސް ވަރަކަށް ސިޔާސީ ކަންކަމާ ހޭބޯނާރާ ނޫޅޭ ކަމެވެ. ރައްޔިތުން އުޅެނީ މަސައްކަތްކޮށް، އާމްދަނީ އިތުރުކޮށް، ތަނަވަސް، އަރާމު ދިރިއުޅުމެއް ހޯދައި، އަމާން ޤައުމަކަށް ޤައުމު ހަދާށެވެ. ސިޔާސީ މީހުން ޤައުމު ހިންގައި، ތަރައްޤީ ކުރަނީއެވެ. ސިންގަޕޫރަކީ ސިޔާސީ ނުވަތަ އިންތިހާބުތަކުގެ ކޮޅިގަނޑުގައި ޖެހިގެން ރައްޔިތުން ހޭބޯނާރާ ތާއަބަދު އުޅޭ ޤައުމެއް ނޫނެވެ. ސިންގަޕޫރުގެ ތަރައްގެ ސިއްރަކީ އެއީ އެވެ. ދިވެހި ޤައުމުވެސް ޖެހެނީ އިހްލާސްތެރި، ހިންގުންތެރި، ޤާބިލް ވެރިއަކާ ހަވާލުކޮށް އެ ވެރިމީހާއަށް އިތުބާރުކޮށް، ސިޔާސީ ވައިރަސް އިން ރައްޔިތުން ސަލާމަތްވެ، ސިޔާސީ މީހުން އެމީހުންގެ މަސައްކަތް ކުރަން ދޫކޮށްލާފައި ރައްޔިތުން އެމީހުންގެ ދިރިއުޅުން އާރަސްތުކުރަން އުޅޭށެވެ. ރައްޔިތު މީހާގެ މުޅި އުމުރު ސިޔާސީ އެކްޓިވިސްޓެއްގެ ގޮތުގައި ހޭދަކުރުމުން އެމީހާއަށް އޮތް ފައިދާއެއް ނެތެވެ. ހުރިހާ ފައިދާއެއްވަނީ ސަޔާސީ މީހުންނަށެވެ.

ލީކުއާން ޔޫ އާއި ޑރ. މަހާތީރު މުހައްމަދު ފަދަ ލީޑަރުން ސިންގަޕޫރާއި މެލޭޝިއާ ފަދަ ޤައުމުތައް ތަރައްޤީ ކުރެއްވީ ރައްޔިތުންގެ ހިތްތަކުން ސިޔާސީ ވައިރަސް ނައްތާލައްވައި، ޤައުމާއި ދީނުގެ ލޯބި ޖައްސުވައި، ޤައުމަށް ތަރައްޤީ އާއި ރައްޔިތުންނަށް ތަނަވަސްކަމާއި ފުދުތެރިކަން ގެނެސްގެންނެވެ. ފަސް އަހަރުގެ ދައުރެއްގައި އެމް.ޑީ.ޕީން އިނދަޖައްސައި ވަޅުގަނޑަކަށް ވައްޓާލައިފައި އޮތް ދިވެހި އިގްތިސޯދު ހަމަ މަގަށް އަޅުވަން މި ސަރުކާރަށް މަދުވެގެން ދެ އަހަރެއްހާ ދުވަސް ނަގާނެ ކަމަށް ލަފާކުރެވެއެވެ. ރައްޔިތުން ކެތްތެރިވެގެން، އިިދިކޮޅު ސިޔާސީ މަކަރުވެރިންގެ ދޮގުތަކަށް ނުހެއްލި ތިބެއްޖެ ނަމަ ދާދި އަވަހަށް ތަނަވަސްކަމުގެ އިރު އަރާ މަންޒަރު ދިވެހީންނަށް ފެންނާނެ ކަމަށް ލަފާ ކުރެވެއެވެ.

ސިޔާސީ ޕްރޮޕެގެންޑާ އާއި ސިޔާސީ ދޮގުތަކުގެ މަޅީގައި ނުޖެހި، ސިޔާސީ ކޮޅިގަނޑުން ސަލާމަތްވެ، ރިއާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލައިގެން 2028 ގައި ބޭއްވޭ ގޮތަށް ރައްޔިތުން ރުހި، ރައީސުލްޖުމްހޫރިޔާގެ ދައުރު ހަތް އަހަރަށް ދިގުކުރުމަކީ މި ޤައުމަށް ސިޔާސީ، އިގްތިސޯދީ، އަދި އިޖްތިމާއީ ގޮތުން ވެސް އެންމެ ފައިދާ ހުރި ގޮތެވެ. އަޅުގަނޑު ރައީސުލުްޖުމްހޫރިއްޔާ އަށާއި، މަޖިލިސް މެމްބަރުންނަށާއި، އާއްމުކޮށް ދިވެހި އެންމެހާ ރައްޔިތުންނަށް ގޮވާލާނީ މިގޮތަށް ދެ އިނތިހާބު އެއްކޮށްލައި، ރިއާސީ ދައުރު ހަތް އަހަރަށް ދިގުކޮށް، ދާއިމަށް ދެމިގެންވާ ސިޔާސީ ކޮޅިގަނޑުން ދިވެހި ޤައުމާއި ރައްޔިތުންް ސަލާމަތް ކުރުމަށެވެ. ހަމަޖެހުމާއި، ތަަނަވަސް ކަމާއި، ފާގަތިކަމާއި، އަމާންކަން އޮތީ އެގޮތުގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
111

2 Responses

  1. ތިޔަހުރިހާ ދެރަކަމަކުންނާއި ހަލާކުން ސަލާމަތް ވެދާނެގޮތެއްކަމަށް އަޅުގަޑަށް ވިސްނެނީ އެއްވެސްބޭފުޅަކަށްޖެހިޖެހިގެން 2 ދައުރު ނުލިބޭ ގޮތަށް އިންތިޚާބުތައް ފަރުމާ ކުރުމެވެ.އެއީ ރައީސުލްޖުމްހޫރިއްޔާކަމަށް ވިއަސް މަޖިލީހު މެމްބަރުންކަމަށްވިއަސް ކައުންސިލްތަކުގެ މެމްބަރުކަމަށް ވިއަސް އެއްވެސްތަފާތެއް ނެތްގޮތުގައި މިކަންކުރުމާއި ކުރުމެވެ އަބަދުވެސް މެދަށް ދައުރެއްދޫކުރުމަށްފަހު ޖެހގެން އަންނަ ދަުރުގައި ކޮޮންމެބޭފުޅަކަށްވެސް ކުރިމަތިލެއްވޭގޮތަށް އޮތުމުން އެބޭފުޅާ ކުރިން ނިންމާލެއްވި ދައުރަށް ރިޢާޔަތްކޮށް ރައްޔިތުންވެސް އެއްވެސް މަޖުބޫރު ކަމެއްނެތި އެބޭފުޅަކު އިންތިޚާބު ކުރާނެކަމީ ޔަޤީންކަށަވަރުކަމެކެވެ. ޤައުމުހިންގުމުގައި އިތުރަށް ހަމަޖައްސާފައި އޮންނާންވވީ ކަމަކީ ބަރާބަރު ޤައުމީޕްލޭނެކެވެ.ކުރިންކަމެއް ކިތަންމެރަގަޅަށް ކޮށްފައި ހުއްޓަސް ދެންއަންނަމީހަކު އައިސް އެކަން ބާޠިލުނުކުރާގޮތަށް ހަމަޖެހޭގޮތަށް އޮތުން ވަރަށް މުހިންމުވާނެކަމަށް ޤަބޫލުކުރުން ވަރަށްމުހިންމުވާނެކަމަށް ޤަބޫލުކުރެވެއެވެ!

  2. ހުރިހާއިންތިޚާބެއްވެސް އެއްކޮށްލަންވީ! ބޭކާރުޚަރަދުތައްނުކުރާންވީ! އިންތިޚާބުކުރެވޭ އެއްވެސް މަޤާމަކަށް ޖެހިޖެހިގެން 2ދައުރު އެއްވެސް ބޭފުޅަކު އިންތިޚާބުނުވެވޭ ގޮތަހަދަންވީ! އަބަދުވެސް ޖެހިގެން އަންނަ ދައުރު މެދަށް ދޫކޮޮށްލުމަށްފަހު އެއްބޭފުޅަކަށް ކިތަންމެފަހަރަކުވެސް ކުރިމަތި ލެއްވޭގޮތަށް ހަމަޖެއްސިއްޖެނަމަ ހުރިހާފިތުނައަކުން ސަލާމަތްވެގެން ދާނެކަމީ ޔަޤީން ކަށަވަރުކަމެއް!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *