އިސްލާމީ މަރުކަޒުގެ މުންނާރު ތިރީގައި ހަދައިފައިވާ މަސްފެންގަނޑު ސްޓެލްކޯއިން މަރާމާތު ކުރުމަށްފަހު މިނިސްޓްރީއާ މިއަދު ހަވާލުކޮށްފިއެވެ.
ސްޓެލްކޯގެ އިޖުތިމާއީ ޒިންމާގެ ދަށުން މިދިޔަ މަހުގެ ތެރޭގައި ކުރަން ފެށި މި މަސައްކަތުގެ ނިމުން ފާހަގަކުރުމަށް މިއަދު ހެނދުނު އިސްލާމީ މަރުކަޒު ގޯތިތެރޭ ބޭއްވި ހަފްލާގައި މަސައްކަތް ނިމުނުކަމުގެ ލިއުން އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާ ހަވާލުކޮށްދެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީއެވެ.
މި ހަފްލާގައި މިނިސްޓަރ ޝަހީމް ވިދާޅުވީ، މެނޭޖިން ޑިރެކްޓަރ ފަހުމީގެ އިސްނެންގުވުމަށް ސްޓެލްކޯގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށްވުރެ މާރީތިކޮށް ސްޓެލްކޯއިން އެތަން ހަދައިދީފައިވާ ކަމަށެވެ. އަދި އެ ސަރަހައްދަކީ ގިނަ އަދަދެއްގެ ކުޑަ ކުދިންނާއި މީހުން ޖަމާވާ ސަރަހައްދެއް ކަމުން އެތަނުގެ ރީތިކަން ދެކި، އެ ހިތްހަމަޖެހުން އެ ފަރާތްތަކުން ލިބިގަންނާނެ ކަމަށެވެ.

މީގެ އިތުރުން 40 އަހަރަށްވުރެ ގިނަ ދުވަސްވީ އެ އިސްލާމީ ބިނާގެ މުންނާރުގެ މަސްފެންގަނޑު ހަލާކުވެފައިވާތާ ވަރަށް ގިނަ ދުވަސްވެފައިވާ ކަމަށާއި، ކުރު މުއްދަތެއްގެ ތެރޭގައި ސްޓެލްކޯއިން އެތަން މަރާމާތުކޮށް، އިސްލާމީ މަރުކަޒަށް 40 އަހަރުވުމާ ގުޅިގެން ބާއްވަން ނިންމަވާފައިވާ ޖަލްސާގެ ކުރިން އެތަން ހުޅުވައިދެއްވި ކަމަށްޓަކައި މިނިސްޓަރު ޝުކުރު އަދާކުރެއްވިއެވެ.
މި ހަފްލާގައި ފަހުމީ ވިދާޅުވީ، ސައްތައިންސައްތަ ދިވެހިން މަސައްކަތް ކުރަމުންދާ ސްޓެލްކޯގެ މުވައްޒަފުން ގައުމީ އަދި ދީނީ ތަރިކަތައް ހަލާކުވެގެންދާތަން ބަލަން ބޭނުންނުވާ ކަމަށާއި، އެތަނުގެ މަރާމާތުގެ މަސައްކަތް ފެށީ އެ ލޭންޑްމާކްގެ ރީތިކަން އަނބުރާ ގެނައުމަށް ކަމަށެވެ. އަދި ދިވެހިންގެ ތަރީހާއި ސަގާފަތާ ގުޅޭ އެތަން ރައްކާތެރިކަމާއެކު ދެމެހެއްޓުމަކީ އުއްމީދު ކަމަށް ފަހުމީ ވިދާޅުވިއެވެ.

އަދި މި މަސައްކަތް ކުރުމުގެ ފުރުސަތު ސަރުކާރާއި މިނިސްޓްރީން ދެއްވި ކަމަށްޓަކައި ފަހުމީ ޝުކުރު އަދާކުރެއްވިއެވެ. އަދި އެހާ ފުރިހަމަކޮށް އެ މަސައްކަތް ނިންމައިދިން ކަމަށްޓަކައި އެ މަސައްކަތުގައި ބައިވެރިވި ސްޓެލްކޯގެ ހުރިހާ މުވައްޒަފުންނަށް ވަރަށް ހާއްސަ ޝުކުރެއް އަދާކުރެއްވިއެވެ.



advertisment

