Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: މަހުޖަނުންގެ ޕްރެޝަރަށް ރައްޔިތުންގެ ފަޅި ދޫނުކުރައްވައްޗެވެ!

މިއީ ދިވެހި ރައްޔިތުންނަށް އިންސާފެއް ނޫނެވެ. މަހުޖަނުން ހިންގާ ފަތުރުވެރިކަމުގެ ސިނާއަތުން ދިވެހި ރާއްޖެ އަށް 4،200 މިލިއަން ޑޮލަރު މިދިޔަ އަހަރު ލިބުނެވެ. އޭގެ ތެރެއިން ރާއްޖޭގެ ބޭންކުތަކުން މާރުކުރީ އެންމެ 68 މިލިއަން ޑޮލަރެވެ. އޭގެ މާނައަކީ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބުނު ކޮންމެ 100 ޑޮލަރަކުން ރާއްޖޭގެ ބޭންކްތަކަށް ވަނީ އެންމެ ދެ ޑޮލަރު ކަމެވެ. ބާކީ ހުރިހާ ޑޮލަރެއް މަހުޖަނުން އަޅާލަނީ ރާއްޖޭން ބޭރުގެ އެކައުންޓު ތަކަށެވެ. ނުވަތަ ރާއްޖޭގެ ކަޅު ބާޒާރަށެވެ. ޑޮލަރުގެ ކަޅު (ވަގު) ބާޒާރުގައި ރާއްޖޭގައި ޑޮލަރުގެ އަގު ބޮޑުވަނީ މި ސަބަބާ ހެދިއެވެ.

ބްލެކް މާކެޓު ރޭޓުން އެންމެ ރުފިޔާއެއް މައްޗަށް ދިޔައަސް މަހުޖަނުން މާރުކުރާ ކޮންމެ މިލިއަން ޑޮލަރަކަށް އެއް މިލިއަން ރުފިޔާ އިތުރުވެއެވެ.  ފަތުރުވެރިކަމުގެ ސިނާއަތަށް ލިބޭ ޑޮލަރުން ވަކި މިންވަރެއް ރާއްޖޭގެ ބޭންކްތަކުން، ރަސްމީ ރޭޓުގައި، މާރުކުރަން ލާޒިމްކޮށް އެމް.އެމް.އޭ އިން މިދިޔަ މަހު ހެދި ޤަވާއިދަށް އަމަލު ކުރެވެން ނެތް ކަމަށް ބުނެ ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ބިޔަ ވިޔަފާރިވެރިންގެ ތެރޭގައި ހިމެނޭ ޗަމްޕާ ބްރަދާސްގެ ވެރިޔާ މުހައްމަދު މޫސާ (އުއްޗު) އާއި ޔުނިވާސަލްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު އެމް.އެމް.އޭ އަށް އެންގީ މި ސަބަބާ ހުރެއެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް 52 އަހަރު ފުރުނު އިރު ޗަމްޕާ އާއި އެމް.ޔޫ މަނިކަކީ ބައިގަރު ނުވަންދެން މި ދާއިރާ ފެލާލައްވައިގެން، ދިވެހީންގެ ދަލާއި ލޭގެ ޤުރުބާނީން މަހުޖަނުންނަށް ވެވަޑައިގެން ތިއްބެވި ދެ ބޭފުޅުންނެވެ. މިއަދު، އެމްޑީޕީގެ ސަރުކާރުން މިޤައުމުގެ އިގްތިސޯދު ފުނޑާލައި، ޤައުމު މާލީ އަނދަވަޅަކަށް ވައްޓާލާފައި ގޮސް ފިލައި ތިބެ ދޮގު ހަދާއިރު، ރައްޔިތުންގެ ފައިދާ އަށް ސަރުކާރުން ހެދި ޤަވާއިދަކަށް އަމަލު ކޮށްފިނަމަ ތިމަން މަނިކުފާނުމެން ފަޤީރުވެދާނެ ކަމަށް ވިދާޅުވެ، ސަރުކާރާއި ރައްޔިތުންނަށް ގޮން ޖައްސަވައި، ޤަވާއިދަށް އަމަލު ނުކުރައްވާނަމޭ ވިދާޅުވުމަކީ ސަރުކާރު ބްލެކް މެއިލް ކުރައްވަން މަސައްކަތް ކުރެއްވުމެވެ.

ދިވެހި ދައުލަތުން ޖީއެސްޓީ ނަގަން ފެށުމުން އާދައިގެ އެތަކެއް ރައްޔިތުންނަށް، ހާއްސަކޮށް ފުރަތަމަކޮޅު، ވަރަށް ދަތިވިއެވެ. ދެން އެއްކަލަ އާއްމު ރައްޔިތުމީހާ ވެސް މީރާ އަށް ސިޓީ ފޮނުވައި، ޖީއެސްޓީ ދެއްކޭކަށް ނެތޭ ބުނަންވީ ނޫންތޯ އެވެ؟ ސަރުކާރުތަކުންނާއި ދައުލަތުން، ދިވެހި ރައްޔިތުންގެ މަންފާ އަށް ހަދާ މިފަދަ ޤަވާއިދުތަކަށް ބޮޑެތި ވިޔަފާރިވެރިން ޗެލެންޖުކޮށް، މާލީ ބަގާވާތެއް އުފެދޭ ގޮތަށް، އިދިކޮޅު ޕާޓީތަކަށް ހިއްވަރުދީގެން ކުރާ މަސައްކަތަށް ސަރުކާރު ދީލާލައިފިނަމަ އެ އާއްމު ކުރެވެނީ ވަރަށް ނުރައްކާތެރި ކަމެކެވެ. އޭގެ ސަބަބުން ދައުލަތާއި ސަރުކާރުގެ ބާރު ދަށްވެ، ޤަވާއިދާއި ޤާނޫނަށް ބޯނުލެބުމަށް ރައްޔިތުންނަށް މިސާލު ދެއްކުނީ އެވެ. އެހެންކަމުން އުއްޗު އާއި އެމްޔޫ މަނިކު، އެމްޑީޕީ އާއި ޑިމޮކްރެޓްސް އަޑީގައި އޮވެގެން މި ފެށި މާލީ ބަގާވާތަށް ރައީސް ޑރ. މުއިއްޒާއި އެމަނިކުފާނުގެ ސަރުކާރުން ކެރިގެން ކުރިމަތިލައްވައި ރައްޔިތުންނާއި ޤައުމުގެ މަސްލަހަތު އިސްކުރައްވަން ޖެހެއެވެ. ބައި ގަރުނު ވަންދެން ދިވެހީންގެ ދަލާއި ލެއިންވީ ޤުރުބާނީން މުއްސަނދިވި ބަޔަކު، މިއަދު، ރައްޔިތުން ބިކަވުމުން އަމިއްލަ މަސްލަހަތު އިސްކުރުމުން އެމީހުންގެ އަސްލު ސިފަ ވަރަށް ބޮޑަށް ސާފުވެއްޖެ އެވެ.

އެމްޑީޕީން ގަސްތުގައި ފުނޑާލާފައި ދިޔަ އިގްތިސޯދެއް ކޮނޑުއަޅައިގެން އައިސް، މި ސަރުކާރު ތިންމަސް ދުވަސް ތެރޭ ބަނގުރޫޓުވާނެ ކަމަށް އެމްޑީޕީން އުއްމީދުކުރި ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު މިދިޔަ ބުދަ ދުވަހު ވިދާޅުވިއެވެ. ނަމަވެސް އެމްޑީޕީން އުއްމީދުކުރި ގޮތާ ހިލާފަށް ރާއްޖެ ބަނގުރޫޓު ނުކޮށް، ރައްޔިތުން ބިކަނުކޮށް، އިސްރާފު ކުޑަކޮށްގެން މި ސަރުކާރުން، ޤާނޫނާއި ޤަވާއިދު ބަދަލުކޮށްގެން ވިއަސް، މިކުރާ މަސައްކަތަށް އިދިކޮޅު ސިޔާސީ މީހުންނާއި ބޮޑެތި ވިޔަފާރިވެރިން މިހާރު އެދަނީ ހުރަސްއަޅަމުންނެވެ. އެމްޑީޕީ އާއި ދަޑިމޮކްރެޓްސް އިން ފާޅުގައި އެވަނީ ރައްޔިތުންގެ ފަޅި ދޫކޮށް މަހުޖަނުންގެ ފަޅިއަށް އަރައިފައެވެ. ރައީސް މުއިއްޒު މިދިޔަ ބުރާސްފަތި ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހަމަ ތެދުފުޅެކެވެ. އާދައިގެ ރައްޔިތުންނަށް ފައިދާވާން ނޭދޭ ސިޔާސީ ވެރީން ކުރިއަށް އޮތް ތަނުގައި އިތުރަށް ފެންނަމުން ދާނެއެވެ. ކުރީގެ ރައީސް ނަޝީދާއި ރައީސް ސޯލިހާއި، އެމްޑީޕީގެ ލީޑަރު އަބްދުﷲ ޝާހިދު ފަދަ ވެރީން އެވަޑައިގަންނަވަނީ އެ ބޭފުޅުންނަކީ ރައްޔިތުންގެ ފައިދާއަށް ވުރެ އެ ބޭފުޅުންގެ ސިޔާސީ ފައިދާއަށް ވިސްނަވާ ބޭފުޅުންކަން ސާބިތުކޮށް ދެއްވަމުންނެވެ.

އެމްޑީޕީ އާއި ދަޑިމޮކްރެޓްސްގެ ލީޑަރުން، އަދި ރާއްޖޭގެ ބައެއް މަހުޖަނުން، މި ދިވެހި ޤައުމު ބޭނުން ކުރަނީ ނާސިއަކު އެދުންފުއްދުމަށް އޮށޯންނަ މިލަ ގޮދަޑިގަނޑެއްގެ މިސާލުގައެވެ. ބޭނުން ފުދުމުން، ނުވަތަ އެދުން ފުދުމުން ގޮދަޑިގަނޑު ނަގާ އެއްލާލައެވެ. މި ބޭފުޅުން ދިއްކޮށްލައްވާ ކުޑަ ހައިރާތަކަށް ޝުކުރުވެރިވެ، ފުދިގެން ރައްޔިތުން ތިބެންވީ އެވެ. ބައި މިލިއަން ހަމަނުވާ މި ކުޑަކުޑަ އާބާދީގެ ދިވެހި ރާއްޖެ އަކީ ނިސްބަތުން ވަރަށް މުއްސަނދި ޤައުމެކެވެ. މި ޤައުމުގެ ބައެއް ރިސޯޓުތަކުގައި ރެއަކަށް އެއް މިލިއަން ރުފިޔާ އަށް ވިއްކާ ކޮޓަރި ވެސް އެބަހުއްޓެވެ. މި މުއްސަނދިކަމުގެ ހަޤީޤީ ފައިދާ އާއި ތަނަވަސްކަން އާއްމު ރައްޔިތު މީހާއަކަށް ނުލިބެއެވެ. އާއްމު މީހާ ޖެހެނީ ބޭސް ސިޓީ އަށް ސަލާން ޖަހައި، ވަޒީފާ އަށް ސަލާން ޖަހައި، ޑޮލަރެއް ނުލިބިގެން ކަޅު ބާޒާރުން 20 ރުފިޔާ އަށް ޑޮލަރު ގަންނާށެވެ. ސިޔާސީ ބައެއް ވެރިންނާއި މަހުޖަނުން އުދުހެނީ އެވެ.

ރައީސް ޑރ. މުއިއްޒަށް އަޅުގަނޑު ގޮވާލާނީ މޫނަކަށް ކަނދުރާ އަކަށް ފުއްކިބައަކަށް ބެއްލެވުމެއް ނެތި، އަދި ރައްޔިތުންނަށް ފައިދާއެއް ވުމަށް ނޭދޭ ސިޔާސީ މީހުންގެ ޕްރެޝަރަކަށް ބެއްލެވުމެއް ނެތި، އަމިއްލަ އެދުމުން ފޯވެފައިވާ ބައެއް މަހުޖަނުންގެ ޕްރެޝަރަށް ދީލާނުލައްވައި، މި ޤަވާއިދު ތަންފީޒު ކުރެއްވުމެވެ. މަހުޖަނުންނަށް މިގޮތަށް ޤާނޫނާއި ޤަވާއިދަށް ޗެލެންޖު ކުރެވޭނަމަ އާއްމު ރައްޔިތުން ވެސް ޓެކްސް ނުދައްކައި، ޤާނޫނާއި ޤަވާއިދަށް ޗެެލެންޖު ކުރަންވީ އެވެ. ރައްޔިތުންނަށް ހެވެއް ނޭދޭ މީހުން މިހާރު އެބަފެނެއެވެ. ރައްޔިތުންނަށް ފައިދާ ހުރި ގޮތަށް، ޤަވާއިދުތަކަށް އަމަލު ނުކުރެވޭނަމަ ދިވެހި ފަސްގަނޑުން ތިނަނަގަވާ ފައިދާ ނެންގެވުން ހުއްޓާލައްވާފައި ތިޔަބޭފުޅުން ލޯބިވާ ޝްރީލަންކާ ނުވަތަ އިންޑިއާ އަށް ހިޖުރަ ކުރަވާށެެވެ. ދިވެހި ރައްޔިތުންގެ ފަޅީގައި ވެސް މަހުޖަނުން އެބަ ތިއްބެވިއެވެ. ބަނޑޮސްގެ ވެރިޔާ މުހައްމަދު ވަހީދުއްދީނާއި ވިލާގެ ވެރިޔާ ޤާސިމް އިބްރާހިމް ފަދަ ޤައުމު ދެކެ ލޯބިވާ މަހުޖަނުންނަށް ސާބަހެވެ. ރައްޔިތުންގެ ފަޅީގައި ތިއްބެވީ ކޮން ބޭފުޅުންނެއްކަން އެބަ ސާފުވެއެވެ.

މިހާރުވެސް މީރާ އަށް ނުލިބި ހުރި 22 ބިލިއަން ރުފިޔާގެ ތެރެއިން 17 ބިލިއަން ރުފިޔާ އަކީ ރިސޯޓުތަކުގެ ކުއްޔެވެ. ފަތުރުވެރިކަމުގެ ދާއިރާއިން ދިވެހި އިންވެސްޓަރުންނާއި ބިދޭސީ އިންވެސްޓަރުން މަތިމައްޗަށް މަހުޖަނުންނަށް ވާއިރު އެދާއިރާގެ ބީޗެއްގައި އަތް ބީއްސާނުލެވޭ ހާލު، އާއްމު ރައްޔިތު މީހާ އަށް ފައިދާވާނެ ގޮތަށް ޑޮލަރެއް މާރުކޮށްލަން ވެސް އުއްޗު އާއި އެމްޔޫ މަނިކު ފަދަ މަހުޖަނުން ދެކޮޅު ހެއްދެވުމަކީ ހިތާމަ ހުރި ކަމަކެވެ. މިއީ ރައްޔިތު މީހާ ރުޅިއަންނަން ޖެހޭ ވަރުގެ ކަމެކެވެ. މިފަދަ ނޭއްގާނީ ސިޔާސީ ޕްރެޝަރުތަކަށް ދިވެހި ސަރުކާރުން ބޯނުލަނބައި ރައްޔިތުންނަށް ފައިދާ ހުރި ގޮތުގައި ކުރިއަށް ދިއުމަށް ގޮވާލަމެވެ.

އިއްޒަތްތެރި ރައީސެވެ! ރައްޔިތުންނަށް ހެވެއް ނޭދޭ ސިޔާސީ ވެރީންނާއި، އަމިއްލަ އެދުމުން ފޯވެފައިވާ މަހުޖަނުންގެ ޕްރެޝަރުގެ ސަބަބުން ރައްޔިތުންގެ ފަޅި ދޫނުކުރައްވައްޗެވެ. ކުރިއަށް ވަޑައިގަންނަވާށެވެ!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
7122

2 Responses

  1. މިލިޔަނުން ޑޮލަރ ލިބޭއިރު، މީގެން ކުޑަ ޕަސެންޓެއް މި ގައުމުގެ ހައްގުގައި، މި ނިކަމެތި ރައިއްޔަތުންގެ ހައްގުގައި، އޭގެ ހަމައަގުން ބެންކްތަކަށް ވިއްކަން ބުނީމަވެސް މިހުރީ މޭކަރާވަރު. އެވެސް ބޭނުންވަނީ ބްލެކްމާރކެޓްގައި ބޮޑު އަގުގައި ވިއްކަން. ލަދު ނުގަންނަކަން. ދުނިޔެއާގެން މަރުދަން ޖެހެނީ…

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *