Support Us

ކޮލަމް ކެޔޮނިރު: މިހެން ވަންޏާ "ބަރަހަނާ" ވާނީ ސިޔާސީ ވެރީންނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ބުދަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެކެވެ. ވިދާޅުވަނީ: "ފިރިހެނަކު ވިއަސް، އަންހެނަކު ވިއަސް، މާތް ﷲ ރުހިވޮޑީ ނުގަންނަވާ ގޮތަކަށް ތިމާގެ ހަށިގަނޑު ހާމަކޮށްގެން ކުރާ މަސައްކަތަކުން ނުވަތަ ބައިވެރިވާ ކުޅިވަރަކުން، ތިމާއަށް ނުވަތަ ތިމާގެ ދީނާއި ޤައުމަށް ލިބޭނެ ހަޤީޤީ ރީތި ނަމެއް، އުފަލެއް، ކާމިޔާބީއެއް ނެތް!" ކަމަށެވެ. ރައީސް މިގޮތަށް ޓްވީޓް ކުރެއްވީ މިއަހަރު ނޮވެމްބަރ 14 އިން 16 އަށް މެކްސިކޯގައި ބާއްވާ ބައިނަލްއަޤްވާމީ ރީތީގެ މުބާރާތް، މިސް ޔުނިވާސްގައި، ފުރަތަމަ ފަހަރަށް ދިވެއްސަކު ބައިވެރިވާކަން މީޑިއާތަކުގައި ހާމަކުރުމާ ގުޅިގެންނެވެ.

މިސް ޔުނިވާސްގައި ރާއްޖެ ތަމްސީލް ކުރަން ހަމަޖެހިފައި ވަނީ އުމުރުން 21 އަހަރުގެ ދިވެހި "މޮޑެލް" އެއް ކަމުގައިވާ މަރިޔަމް ޝައިނާ އެވެ. މި މުބާރާތުގައި ޝައިނާ ބައިވެރިވީ ދިވެހި ސަރުކާރުގެ އެއްވެސް ބައިވެރިވުމެއް ނެތި، ރާއްޖޭގެ އިވެންޓް މެނޭޖްމަންޓު ކުންފުންޏެއް ކަމުގައިވާ "ހީ އެންޑް ޝީ މޯލްޑިވްސް"ގެ ފަރާތުން ފަހިކޮށްދިން ފުރުސަތެއްގައެވެ. މި މުބާރާތުގައި ވާދަ ކުރުމަށް، ހީ އެންޑް ޝީގެ ޓީމަކާ އެކު ޝައިނާ މިވަގުތު މެކްސިކޯގައި ހުރި އިރު، ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ މިކަމާއި ދިވެހި ސަރުކާރާ ގުޅުވައިގެން ފާޑު ކިއަމުންނެވެ. ނަމަވެސް، މި ކަމަކީ ދިވެހި ސަރުކާރާ އެއްވެސް ގުޅުމެއްނެތް ކަމެއް ކަމަށް ބުނެ ޔޫތު މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ މިއީ ދިވެހި ސަރުކާރުން އެެއްވެސް ވަރަކަށް ބަލައިގަންނަ ކަމެއް ނޫން ކަމަށެވެ. އަދި، ދިވެހީންގެ ދީނާއި، އަޤީދާ އާއި، ސަގާފަތާ ނުގުޅޭ މުބާރާތްތަކުގައި ބައިވެރިވުމާ ސަރުކާރުން ދެކޮޅު ކަމުގައި ޔޫތު މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

ވަރަށް ރަނގަޅު ވާހަކައެކެވެ. ނަމަވެސް، އުފެދޭ ސުވާލެއް އެބައޮތެވެ! ޔޫތު މިނިސްޓްރީގެ ބަޔާނުގައި އެވާ "ދިވެހީންގެ ދީނާއި އަޤީދާ އާއި ސަގާފަތާ" ނުގުޅެނީ ހަމައެކަނި އަންހެނުންގެ ރީތީގެ މުބާރާތް ބާވައެވެ. ފިރިހެނުންގެ "ރީތީގެ މުބާރާތް" ނުވަތަ މިސްޓަރ ޕޮލިސް އާއި، މިސްޓަރ އެމް.އެން.ޑީ.އެފް އާއި މިސްޓަރ މޯލްޑިވްސް، އަދި ދުނިޔޭގެ އެކިއެކި ބައިނަލްއަޤްވާމީ ބޮޑީ ބިލްޑިންގެ މުބާރާތްތަކުގައި ދިވެހި ފިރިހެނުން ބައިވެރިވުމަކީ ދިވެހީންގެ ދީނާއި އަޤީދާ އާއި ސަގާފަތާ ފުށުނާރާ ކަމެއްތާއެވެ! ފިރިހެނުންގެ ލަދުވެތި ގުނަވަނުގެ ބައްޓަން އެނގޭހެން ކުދި ޖަނގިޔާކޮޅުތައް ލައިގެން، މުޅި ގައިގައި ތެޔޮ ވަށައިގެން، އޮޅިއޮޅިފައި ސްޓޭޖުތައް މަތީ ދިވެހި ޒުވާން ފިރިހެނުން އެނބުރުމަކީ ދީނާއި އަޤީދާ އާއި ސަގާފަތާ ގުޅޭކަމެއް ކަމަށް ބަލަންވީތޯ އެވެ؟

ޔޫތު މިނިސްޓްރީގެ ނޫސް ބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުގައި އަންހެނުންގެ ރީތީގެ މުބާރާތްތަކަކީ "ދިވެހީން ޤަބޫލުކުރާ އާއްމު އަހްލާޤީ މިންގަނޑުތަކާ ވެސް ހިލާފު" ކަމެކެވެ. އިސްލާމް ދީނުގައި ކަނޑައެޅިފައިވާ ފިރިހެނުންގެ އައުރައިން މާބޮޑަށް ވެސް ބޭރުވެގެން ތިބެ، ގަޔަށް ބާރު، ނައިލޯން، ކުދިކުދި ޖަނގިޔާކޮޅު ލައިގެން އާއްމު ސްޓޭޖް ޝޯތަކުގައި ބަނޑިބަނޑި ލައްވަމުން، އޮޅެމުން ފިރިހެނުން ހިނގުމަކީ ހަމަ ދިވެހީން ޤަބޫލު ކުރާ އާއްމު އަހްލާޤީ މިންގަނޑުތަކާ ގުޅޭ ކަމެއް ބާވައެވެ؟

މިސް ޔުނިވާސްގައި ދިވެހި އަންހެނަކު ބައިވެރިވުމުން ސަރުކާރުން އެކަން ކުށްވެރިކޮށް، ދީނާއި ޤައުމާއި، ސަގާފަތުގެ ނަމުގައި އެކަން ކުށްވެރި ކޮށްފައި، ފިރިހެނުން ރޯ އޮރިޔާމުން ތިބެ ބާއްވާ މިސްޓަރ މޯލްޑިވްސް އާއި، މިސްޓަރ ވޯލްޑް އޯކޭ ވަނީ ކޮން މިންގަނޑަކުން ބާވައެވެ؟ ދޭތިވެސް ހަމަ "ކަޑަ" އެވެ. ދޭތިވެސް ހަމަ ކުށްވެރިކޮށް، ސަރުކާރުން މި ދެކަމާ ވެސް ދިވެހީން ދުރު ކުރަން ޖެހެއެވެ. އެހެން ނޫންނަމަ މިކަން ބެލެވޭނީ ޖިންސުގެ ތަފާތު ކުރުމަކަށެވެ، ނުވަތަ މުނާފިޤު ކަމަކަށެވެ. މިހެން މިކަން ވާނަމަ ހަޤީޤީ ގޮތުގައި "ބަރަހަނާ" ވާނީ ސިޔާސީ ވެރީންނެވެ!

ރައީސް ޑރ. މުއިއްޒު އެކްސްގައި ކުރެއްވި ޓްވީޓުގައި އެ ވިދާޅުވަނީ ހަމަ ވަރަށް ރަނގަޅު ވާހަކައެެކެވެ. ފިރިހެނަކު ވިއަސް، އަންހެނަކު ވިއަސް، މާތް ﷲ ރުހިވޮޑޮނުގަންނަވާ ގޮތަކަށް ތިމާގެ ހަށިގަނޑު ހާމަކޮށްގެން ބައިވެރިވާ ކުޅިވަރަކުން ތިމާގެ ޤައުމަށް ލިބޭނެ ހަޤީޤީ ރީތި ނަމެއް ނެތެވެ. ނަމަވެސް މި "ރަނގަޅު ވާހަކަ" ހަޤީޤީ މާނައިގައި ރަނގަޅު އެއްޗަކަށް ވަނީ މި ވާހަކައާ އަމަލު ދިމާވެގެންނެވެ. ފިރިހެނަކުވިއަސް މިކަން އޮތީ މިގޮތަށް ކަމަށް ރައީސް ވިދާޅުވި އިރު ފިރިހެނުންގެ މިފަދަ "ބަރަހަނާ" މުބާރާތްތަކާ މެދު ކަންބޮޑުވެގެން ސަރުކާރުން ވެސް އަދި ދީނީ ޝެއިހުންވެސް އެހާ ބޮޑަށް އުޅޭތަނެއް ނުފެނެއެވެ. މިސް ޔުނިވާސް ރީތީގެ މުބާރާތުގައި ދިވެހި އަންހެނަކު ބައިވެރިވާތީ، އެކަން ކުށްވެރި ކުރައްވައި ޝެއިހް އަހްމަދު ސަމީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަންހެނުން ނިވާވެރިކަމުން ބޭރުކޮށް އެކަނބަލުންގެ އިއްފަތާއި އަބުރު ބައިނަލްއަޤްވާމީ ބާޒާރުތަކުގައި ވިއްކުމަކީ އެކަނބަލުން ބާރުވެރި ކުރުމެއް ނޫން ކަމަށާއި، އެއީ ޖާހިލުކަމަށް އަނބުރާ ދިއުމުގެ އަމަލެއް ކަމަށެވެ. މިވެސް ހަމަ ރަނގަޅު ވާހަކަ އެކެވެ. ނަމަވެސް ޝެއިހު ސަމީރާއި އެފަދަ އެހެން ދިވެހި ޝެއިހުންނާއި، ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ އެތަކެއް ދިވެހީން މިސް ޔުނިވާސް މައްސަލާގައި ކަންބޮޑުވެގެން އުޅޭއިރު މިސްޓަރ މޯލްޑިވްސް ފަދަ، ފިރިހެނުންގެ "އޮރިޔާން" މުބާރާތްތަކާ ހެދި އެކަކުވެސް ކަންބޮޑު ނުވަނީ ބާވައެވެ؟

ކުރީ ސަރުކާރުތަކާ އަޅާބަލާއިރު ދިވެހީންގެ ދީނާއި، ޤައުމިއްޔަތާއި، ސަގާފަތުގެ ދިފާއުގައި މިހާރުގެ ސަރުކާރުން ވަރަށް ގިނަގުނަ ފިޔަވަޅުތައް އަޅައި، ޤާނޫނުތައް ބަދަލުކޮށް، ހެޔޮ ބަދަލުތައް ގެނައުމަށް މަސައްކަތް ކުރާތަން އެބަ ފެނެއެވެ. މިއީ ދީނާއި ޤައުމު ދެކެ ލޯބިވާ ދިވެހީން ހެޔޮހިތުން ބަލައިގަންނާނެ ކަމެއްކަން ޔަޤީނެވެ. ނަމަވެސް ވަހާކަ ދައްކަން ޖެހެނީ ވެސް، އަދި ސޯޝަލް މީޑިއާގައި ޕޯސްޓްތައް ލިޔަން ޖެހެނީ ވެސް، އަދި ރަސްމީ ނޫސް ބަޔާންތައް ނެރެން ޖެހެނީ ވެސް ދެފުށް ދެގޮތްކަމެއް ނެތް، ހުރިހާ ފަރާތަކަށް ވެސް އިންސާފުވެރި ގޮތަށެވެ. އެހެން ނުވެއްޖެ ނަމަ ހަޤީޤީ ގޮތުގައި "ބަރަހަނާ" ވާނީ ސިޔާސީ ވެރީންނެވެ!

އަންހެނުންގެ "ބަރަހަނާ" މުބާރާތް، ދީނާއި ޤައުމުގެ ހައްޤުގައި ކުށްވެރި ކުރި ފަދައިން ފިރިހެނުންގެ "ބަރަހަނާ" މުބާރާތް ވެސް ކުށްވެރިކޮށް، ބޭން ކުރުމަކީ އެންމެ އިންސާފުވެރި، އެންމެ ރަނގަޅު ގޮތެވެ. ދިވެހީންގެ ދީނާއި، އަޤީދާ އާއި، ސަގާފަތާއި، ދިވެހީން ޤަބޫލުކުރާ އާއްމު އަހްލާޤީ މިންގަނަޑާއި ފުށުއަރަނީ ހަމައެކަނި މިސް ޔުނިވާސް އާއި މިސް މޯލްޑިވްސް އެއް ނޫނެވެ. މިސްޓަރ މޯލްޑިވްސް ވެސް އޮތީ ހަމަ އެގޮޅިއަށް ފެތިފައެވެ. އެކަން ވެސް ކުށްވެރި ކުރައްވަން ޔޫތު މިނިސްޓަރަށާއި ރައީސް ޑރ. މުއިއްޒަށް ކެރިވަޑައިގަންނަވާނެ ކަމަށް އަޅުގަނޑު ޤަބޫލު ކުރަމެވެ. ވޭޕް ބޭންކޮށް ސިނގިރޭޓް ކޮންޓްރޯލް ކުރައްވަން ކެރިވަޑައިގަތް "ގަޓު" ރައީސަކަށް މިކަން ކޮށްލުން ވާނީ ހަމަ މެޓަލެއް ކާލުން ފަދަ ފަސޭހަ ކަމަކަށެވެ؟ ދޮގެއްތޯ އެވެ؟