ނޮވެންބަރު 3، 1988 ގެ ޢުދުވާނީ ހަމަލާއިން ދިވެހިރާއްޖެ ސަލާމަތްކޮށްދިނީ އިންޑިއާ ސިފައިން ކަމަށް ބުނެ ފާޑުފާޑުގެ ލިޔުންތަކާއި، ރިޕޯޓުތަކާއި، ޑޮކިއުމެންޓްރީތައް ހަދައިފައި ހުއްޓާ ފެނެއެވެ. އެ މޭރުމުން ހަދާފައި ހުންނަ މީޑިއާ އުފެއްދުންތައް ގިނަކަމުން ޙަޤީޤަތަކީ އެއީހެން ބައެއް މީހުންނަށް ހީވާތަން އެބަ އާދެއެވެ. އެކަމަކު އެއީ ޙަޤީޤަތެއް ނޫނެވެ.
ނޮވެންބަރު ތިނެއްގެ ޢުދުވާނީ ހަމަލާއާ ގުޅިގެން ދިވެހި ސަރުކާރުގެ އެދިވަޑައިގަތުމަށް އިންޑިއާ ސަރުކާރުން އަސްކަރީ އެހީ ދެއްވިއެވެ. އެފަދަ ކަމަކަށް ބަލާއިރު ތައްޔާރުވެގެން އިންޑިއާގެ ސިފައިން ރާއްޖެއައީ ވަރަށް އަވަހަށެވެ. އެހެން ނަމަވެސް 1988 ނޮވެންބަރު ތިންވަނަ ދުވަހުގެ ރޭ އިންޑިއާ ސިފައިން ރާއްޖެ އައިއިރު ދުޝްމިނުން ތިބީ އެ ހަމަލާއިން ބަލިވެގެން ރާއްޖެ ދޫކޮށް ފިލައިގެން ދިއުމަށް އެ މީހުން ހައިޖެކްކުރި ބޯޓަށް އަރައެވެ. ދިވެހީންނަށް އޭރު އޮތީ، މާތްﷲގެ ވާގިފުޅާއެކު ނަޞްރު ލިބިފައެވެ.
ދުޝްމިނުން ރާވައިފައިވާ ގޮތަށް ހަމަލާ ކާމިޔާބު ނުވެ، ދިވެހީންނަށް ނަޞްރު ލިބުނީ ދުޝްމިނުންދިން ފުރަތަމަ ހަމަލާއާ އެކު ދިވެހި ސިފައިން ދިން ހުޝިޔާރު ރައްދު ހަމަލާގެ ސަބަބުންނެވެ. ޚާއްޞަކޮށް ސިފައިންގެ މައި ގޭޓުގެ ޑިއުޓީގައި ހުރި ޝަހީދު ކޯޕްރަލް ޙުސައިން އާދަމް ދައްކައިދިން ހިތްވަރާއި ފުރާނައިން ފިދާވެގެން ދިން ޖެހިލުންކުޑަ ރައްދު ހަމަލާގެ ސަބަބުންނެވެ. ހަމަލާގެ ވަރަށް ކުރީކޮޅު ތަމަޅަ ޓެރަރިސްޓުންގެ ކޮމާންޑަރަކަށް ހުރި ވަސަންތީއާއި ޓެރަރިސްޓުންގެ އިތުރު އިސް ދެ މީހަކު މަރާލުމުގެ ސަބަބުންނެވެ. ދިވެހި ސިފައިން، އީމާންތެރިކަމާއި ޖެހިލުންކުޑަ ކަމާއި ބިރުކުޑަކަމާއެކު ކުރި ވަރުގަދަ ޖިހާދުގެ ސަބަބުންނެވެ. ދުޝްމިނުން ސިފައިންގެއަށް ހަމަލާ ދެމުން ދަނިކޮށް ސިފައިންގެއިން ހިތްވަރުގަދަ ސިފައިންގެ ބަޔަކު މަރަށް ބިރެއް، ޖެހިލުމެއްނެތި ދުޝްމިނުން ޖަހަމުންދިޔަ ވަޒަންތަކުގެ ކުރިމައްޗަށް ނިކުމެ ދެއްކި އާދަޔާ ޚިލާފު ހިތްވަރުގެ ސަބަބުންނެވެ. ސިފައިންގެއިން ބޭރަށް ނިކުތް ހިތްވަރުގަދަ ސިފައިންގެ ތެރެއިން ޝަހީދު ސާޖެންޓް އާދަމް ނަޞީރާއި، ޝަހީދު ކޯޕްރަލް މުޙައްމަދު އިބްރާހީމާއި، ޝަހީދު ކޯޕްރަލް މުޙައްމަދު ޙަސަން ޝަހީދުވިއެވެ. ދިވެހި ހުރިހާ ރައްޔިތުން ވެސް ދިވެހި ސަރުކާރާއި ދިވެހި ސިފައިންނާއެކު ސާބިތުވެ ތިބެ ދެއްކި އެއްބައިވަންތަކަމާއި ދިވެހި ޤައުމަށް ނަޞްރު ދެއްވުން އެދި ހިތާއި ރޫޙުން ކުރި މަތިވެރި ދުޢާތަކަކީ ވެސް މި ނަޞްރު ލިބުމުގެ ސަބަބުތަކުގެ ތެރެއިން މުހިންމު ސަބަބެކެވެ.

ނޮވެންބަރު ތިންވަނަ ދުވަހުގެ މެންދުރުން ފެށިގެން ދުޝްމިނުން މަސައްކަތް ކުރަމުން ދިޔައީ ރާއްޖެ ދޫކޮށް ފިލައިގެން ދެވޭނެ ގޮތެއް ހޯދާށެވެ. ފިލައިގެން ދިއުމަށް ޓަކައި މާލޭ ބޭރު ބަނދަރުގައި އޮތް އެމްވީ ޕްރޮގްރެސްލައިޓް ކިޔާ އާގު ބޯޓެއް އޭގައިތިބި 14 ފަޅުވެރިންނާއެކު ހައިޖެކްކުރިއެވެ. އެއީ 7 ދިވެހީންނާއި 7 ބިދޭސީންނެވެ. އަދި މާލެއިން 14 ދިވެހީން ރަހީނުކޮށްގެން އެ ބޯޓަށް ގެންދިޔައެވެ. ފިހާރަތަކާއި ލޯކަލް މާރުކޭޓު ލޫޓުވައިގެން ކާބޯތަކެތި ހޯދައި ފަހަރަކު ބަޔަކު ބޯޓަށް އަރަމުންދިޔައެވެ. އެ ރޭ 7 ޖެހިފަހުން ބަޑީގެ އަޑު ކެނޑެމުން އައިސް 8:30 ގެ ފަހުން ބަޑީގެ ހަމަލާތައް އޮތީ އެއްކޮށް ހުއްޓިފައެވެ.
އިންޑިއާ ސިފައިން އައި ފުރަތަމަ އަސްކަރީ މަތިންދާ ބޯޓު ހުޅުލޭ ވައިގެ ބަނދަރުގައި ޖެއްސީ އެ ރޭ 9:30 ހާއިރުއެވެ. އެއަށް ފަހު މަސައްކަތްކުރީ އެއަރޕޯޓުގެ ރައްކާތެރިކަން ކަށަވަރުކުރާށެވެ. އެއަށްފަހު ދެވަނަ ބޯޓު ޖެއްސިއެވެ. އިންޑިއާ ސިފައިން ރިސީވްކުރުމަށް ހުޅުލެއަށް ގޮސްތިބި ދިވެހި ސިފައިން، އެ ރޭ 10:20 ހާއިރު އިންޑިއާ ސިފައިންނާ ބައްދަލުކުރިއެވެ. އަދި އިންޑިއާ ސިފައިން މާލެއަށް އައުމުގެ އިންތިޒާމުތައް އޮތްގޮތް ކިޔައިދިނެވެ. އިންޑިއާ ސިފައިންގެ މައިގަނޑު މަގުސަދަކީ ރައީސް މައުމޫނު ހުންނެވި ތަނެއް އޮޅުންފިލުވައި އެ މަނިކުފާނަށް ރައްކާތެރިކުރުމެވެ. އެކަމަކު ދިވެހި ސިފައިން ނިންމީ އިންޑިއާ ސިފައިން މާލެ އައުމުން ނޫނީ އެ މަނިކުފާނު ހުންނެވިތަނެއް ހާމަނުކުރުމަށެވެ. އިންޑިއާ ސިފައިންނަށް މާލެ އާދެވޭނެ އިންތިޒާމު ދިވެހި ސިފައިން ހަމަޖައްސައިދިނެވެ. ދުޝްމިނުން ޕްރޮގްރެސްލައިޓުގެ ކެޕްޓަން ފުރަން އެންގީ އެ ރޭ 11:00 ޖެހިއިރުއެވެ. ބޯޓު ގާދޫކޮލުން ނިކުމެގެން ދަނިކޮށް ހުޅުލޭގައި ތިބި އިންޑިއާ ސިފައިން އެ ބޯޓަށް ހަމަލާއެއް ދިނެވެ. ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެއެވެ.

އިންޑިއާ ސިފައިންނަށް މާލެ އާދެވުނީ 1988 ނޮވެންބަރު 3 ވަނަ ދުވަހުގެ ރޭ މެންދަމުން އަލިވެ 2:00 ޖެހިއިރުއެވެ. އެއީ ތަރީޚީ ގޮތުން ނޮވެންބަރު 4 ވަނަ ދުވަހެވެ. ދިވެހި ސިފައިންގެ އެހީތެރިކަމާއެކު އިންޑިއާ ސިފައިން ފުރަތަމަ ދިޔައީ ރައީސް މައުމޫން ޢަބްދުލްޤައްޔޫމާއި އާއިލާގެ ބޭފުޅުން ތިއްބެވި މ. ގުލިސްތާނުގެއަށެވެ. ރައީސާއި އާއިލާގެ ބޭފުޅުންނާއެކު އިންޑިއާ ސިފައިންނާއި ރައީސް މައުމޫނުގެ ސެކިޔުރިޓީގައި އުޅުއްވި ދިވެހި ސިފައިން ސިފައިންގެ މައި މަރުކަޒަށް ވަޑައިގަތީ އެ ރޭ 04:15 ހާއިރުއެވެ. މާތްﷲ ދިވެހީންނަށް ނަޞްރު ދެއްވިކަން ރައީސް މައުމޫން އިޢުލާން ކުރެއްވީ 1988 ނޮވެންބަރު 4 ވަނަ ދުވަހުގެ ހެނދުނު 07:45 ގައި ދިވެހިރާއްޖޭގެ އަޑު މެދުވެރިކުރައްވައެވެ.
ނޮވެންބަރު ތިނެއްގެ ޢުދުވާނީ ހަމަލާއާ ގުޅިގެން އިންޑިއާ ސިފައިން "އޮޕަރޭޝަން ކެކްޓަސް" ގެ ނަމުގައި ހިންގި ޚާއްޞަ އޮޕަރޭޝަނަކީ ވަރަށް ކާމިޔާބު އޮޕަރޭޝަނެކެވެ. ނޮވެންބަރު ތިނެއްގެ ޢުދުވާނީ ހަމަލާގެ ދުޝްމިނުން ފިލައިގެން ދާން ކުރި މަސައްކަތް ހުއްޓުވައި ދުޝްމިނުން އަތުލައިގަތީ އެ އޮޕަރޭޝަންގައެވެ. އަދި ޕްރޮގްރެސްލައިޓުގެ ފަޅުވެރިންނާއި ބޯޓުން ގެންދިޔަ ރަހީނުންގެ ތެރެއިން ގިނަ ބަޔަކު އެ އޮޕަރޭޝަންގައި ސަލާމަތް ކޮށްދިނެވެ. އެ ހަމަލާއަށްފަހު އާންމު ހާލަތަކަށް ގެނެސްދީ ދިފާޢީ ގޮތުން ރާއްޖެ ބެލެހެއްޓުމުގައި އިންޑިއާ ސިފައިން ހަރަކާތްތެރިވިއެވެ. އެ އޮޕަރޭޝަނަށްފަހު ބަރާބަރު އެއް އަހަރުވަންދެން ރާއްޖޭގައި އިންޑިއާ ސިފައިން ތިއްބެވެ. އެ ލަޝްކަރު ރާއްޖެއިން ފައިބައިގެން ދިޔައީ ވަރަށް ރީއްޗަށެވެ. ދިވެހީންގެ ލޯތްބާއި ޢިހުތިރާމު ހޯދައިގެންނެވެ. ނޮވެންބަރު ތިނެއްގެ ޢުދުވާނީ ހަމަލާއިން ދިވެހީންނަށް ނަޞްރު ހޯދައިދިނީ އިންޑިއާ ސިފައިން ކަމުގައި ނުވިޔަސް، އެ ހަމަލާއާ ގުޅިގެން އިންޑިއާ ސަރުކާރާއި އިންޑިއާ ސިފައިން ކޮށްދެއްވި ކަންތައްތަކަކީ ދިވެހީން ހަނދާން ނައްތާލާނެކަމެއް ނޫނެވެ.
- ޢަބްދުﷲ ސަޢީދުގެ ލިޔުއްވުމެއް



advertisment