Support Us

ކޮލަމް ތަޖޫގެ ދުލުން

ކަލޭތީ ކާކުކަން މަށަށް އެނގެއެވެ.

ކަލޭތީ ކާކުކަން ފަހަރުގައި ބަޔަކަށް އޮޅިފައި އޮވެދާނެއެވެ. ކަލޭގެ ތައުލީމީ ފެންވަރާއި ކަލޭގެ މާޒީ އާއި ކަލޭ ތިޔަ ހިސާބަށް އާދެވުނު ގޮތް މަށަށް ރަނގަޅަށް އެނގޭނެކަން ކަލެއަށް ޔަގީންވާނެއެވެ. ވީއިރު ކަލޭ މަށަށް ތި ދައްކަނީ ކޮން ތިއްތިއެއް ހެއްޔެވެ؟ ކޮން ބޮޑާކަމެއް ހެއްޔެވެ؟ ކޮން ފޮނިކަމެއް ހެއްޔެވެ؟

އެކުވެރިޔާއެވެ. ކަލޭގެ ބޮޑުކަމުގައި ހިނގާފައި އައިސް ކަތި ހަރަށްލާ މަޑުކޮށްލާއިރު ގައުމުގެ ރައީސަށްވުރެ ކަލޭ ބޮޑެވެ. ހިނގާލާފައި ދާއިރު ދެއަތް ފުޅާކަމުން މަގުގެ ދެ ފަރާތުން ހިނގާފައިދާ މީހުންނަށް ވެސް އުނދަގުލެވެ. ދޮގު ނުހަދާ ބުނެބަލާށެވެ. އަނެއްކާ ކަލޭގެ ކިހިލިފަތްދޮށުގައި ދިއްގޮނޑިއެއް ޖެހީ ހެއްޔެވެ؟ މަ މިހެން މި އަހަނީ ކަލޭ މިހާރު ތިޔަ ހުންނަ ގޮތުން ރެޑްމޭން ޖޫސް ފުޅީގެ ލޯގޯ އާއި ވައްތަރު ކަމުންނެވެ. އަދި އެއަށްވުރެ ވެސް ބޮޑަށް ކަލޭ ވައްތަރީ މަސްވެރިންގެ ދުވަހުގެ ލޯގޯއާއެވެ. މަދުވަނީ އަތުގައި ދެ މަހެވެ. އުޅަނބޮށި ކޮޅަށް ފުއްޕުންލާފައި ބޮލަށް ބަރަބޯ ޖަހާފައި ރަށް ހުރަހަށް ފައި އަޅާފައި ތި ހިނގާ ސަބަބެއް މަށަށް އަޅެ ބުނެދީބަލާށެވެ.

މަ މިހެން ބުނީމާ ކަލޭ ބުނާނެއެވެ. މަމީ ވެރިއެކެވެ. ވެރިއެއްގެ ވިއްޔާ ގޮތެއް ހުންނަން ޖެހޭނެއެވެ. ގޮތެއް ހުރެގެން ކަލެއަށް ދުވަހަކު ވެސް ގަޑިއަށް އޮފީހަށް ދެވޭހެއްޔެވެ؟ އޮފީހުގައި ކަލޭގެ ބެލުމުގެ ދަށުން މަސައްކަތްކުރާ މީހުން ހަދާނުހަދާ ކަލެއަށް އެނގޭ ހެއްޔެވެ؟ އެއްޗެއް އެނގޭނީ ވެސް ތައުލީމީ ގޮތުން މީހާ ކޮންމެވެސް ވަރަކަށް ރޯފިލައިގެންނެވެ.

މަ މިހެން ބުނީމާ ކަރުން ނާރެއް ނަގާފައި ކަލޭ ބުނާނީ ލަންކާގައި ކިޔަވަން ހުރެފައި ރާއްޖެ އައި ތަނުން ކަލޭ ހައްޔަރުކުރި ވާހަކަ އާއި ކުރީ ސަރުކާރުން ކަލޭ ޖަލަށްލީ ވާހަކަ އެވެ. އެމީހުން ކަލޭގެ އަތުގައި އެދުވަހު އެޅުވި އެންމެ ބިޑިއެއްދޯއެވެ؟ މަށަށް ދެރަވީ ފުލުހުން އެދުވަހު ކަލޭގެ އަތުގައި މަތިމައްޗަށް ބާރަ ބިޑި ނޭޅުވީމައެވެ. ކިޔަވާ ކުއްޖެއްގެ ލަގެޖުގައި 200 ގްރާމް ބްރައުން ޝުގަރ ހުންނަންވީ ސަބަބެއް މަށަށް އަޅެ ބުނެދީބަލާށެވެ. ހަމަ ގައިމު ވެސް މަ ދަންނަ ޒުވާނުން އެ ބޯ ހަކުރު ޕެކެޓަކުގައި ލޮލަކާ ބޮލަކާ ހަތަރެސް ފައެއް ނުހުރެ އެވެ. އެ ގުނަވަންތައް ހަކުރު ޕެކެޓުގައި ހުންނަ ނަމަ ކަލޭގެ ތައުލީމީ ހަޔާތް ބަރުބާދުކޮށްލާން ވެގެން އެ ހަކުރު ޕެކެޓު ހިނގާފައި އައިސް ކަލޭގެ ލަގެޖަށް އެރުނީ ކަމުގައި ވެދާނެތޯއްޗެކެވެ. ކަލޭގެ ތައުލީމީ ހަޔާތް ނިންމާލާފައި ޖަލަށް ދާންޖެހުނީ ކަލޭގެ އަމިއްލަ ކުށުން ދޯއެވެ؟

ކަލޭގެ ލަދު ކޮބައިހެއްޔެވެ؟ ކަލޭ ކެމްޕެއިން ތެރޭ ކަންމަތީ ބައްދަލުވުމުގައި ދެއްކި ވާހަކަ މަގޭ މިހިރަ ދެ ކަންފަތުން އަޑު އެހީމެވެ. އެރޭވެސް ކަލޭ ކިހާ އެއްޗަކީ އެ ސަރުކާރުގެ އަނިޔާވެރި ވާހަކަ އާއި ކަލޭ ނުހައްގުން ޖަލަށްލީ ވާ/ހަކަ އެވެ. ކަލޭގެ ވާހަކައިގައި ކަލޭ ތީ ހުދު ފޮތިކޮޅެކެވެ. ކަލޭ ޖަލަށްލީ ވާހަކަ ދައްކަމުން މުޅި ރާއްޖޭގައި ކަލޭ ދުވީ ފަހުރުވެރިކަމާ އެކުގަ އެވެ. މަ މިހެން ބުނީމާ ތަންމިނަށް އަނގަ ހުޅުވާފައި ކަލޭ ބުނާނެއެވެ. ޖަލަށްލުމަކީ މިހާރު ހަޑިކަމެއް ނޫނެވެ. ނެލްސަން މަންޑޭލާ ވެސް 27 އަހަރު ޖަލުގައި އޮތެވެ. ކޮއްކޯ އެވެ. މަންޑޭލާ ޖަލުގައި އޮތީ މަސްތުވާ ތަކެތި ގައުމަށް އެތެރެކޮށްގެނެއް ނޫނެވެ. އޭނާ ޖަލުގައި އޮތީ ނަސްލީ އިމްތިޔާޒާ ދެކޮޅަށް އޭނާ ކުރި ވަރުގަދަ ހަނގުރާމައިގައެވެ. އިންސާނިއްޔަތަށްޓަކައި އޭނާވީ ގުރުބާނީގައެވެ.

އެކުވެރިޔާ އެވެ. ކިޔަވައިގެން ތިބި މީހުން މި ގައުމުގައި ބައިވަރެވެ. ހިންގުމުގެ ދާއިރާގައި ތަޖުރިބާ ހުރި މީހުން ވެސް ބޭނުން ވަރަކަށް ލިބެން މި ގައުމުގައި އެބައޮތެވެ. އެކަމަކު އެއިން މީހަކަށް ވަޒީފާއެއް ނުދީ ކަލޭމެން ކަހަލަ އެކްޓިވިސްޓުންނަށް ވެރިންގެ ލެވެލްގެ ވަޒީފާ އެދެނީ ކަލޭ ތިކިޔާ "އަނިޔާ" އަށް ބަދަލެއް ދިނުމުގެ މަގުސަދުގައި ކަމަށް ވެސް ވެދާނެއެވެ. ނޫނީ މުޒާހަރާ ތަކުގައި އުކި ގަލުގެ ހިސާބު ބަލާފައި އެކަމަށް ދެއްވި ހަދިޔާއަކަށް ވެސް ވެދާނެއެވެ. އެހެން ނޫންނަމަ، ކަނޑާލީމާ ލޭއަންނަން ނޭނގޭ ފެންވަރުގެ މީހުންނަކަށް "ސިޔާސީ" މަގާމެއް ނުދޭނެ ދޯއެވެ؟ ކަން ކޮންމެ ގޮތަކަށް އޮތަސް މި ދައުރުގައި ކަލެއަށް ތިއޮތީ ކާމިޔާބުވެފަ އެވެ. ދެން ވެސް ލިބުނު މަގާމައިގެން މައިތިރިވެބަލާށެވެ. އިދިކޮޅު މީހާ އާއި ކަލެއާއި ހިތާނުވާ މީހާ ވެސް މި ގައުމުގައި އުޅެންވާނެއެވެ. ކަލޭ ކިތަންމެ ރުޅި އަޔަސް ކަލޭގެ ގޭދޮށު މީހުން އާދެ ވަޑައިގަންނަވަން ކިޔައިގެން ކަލެއަކާ ވާހަކައެއް ނުދައްކާނެ އެވެ. ކަލޭ ލަންކާއަށް ކިޔަވަން ފޮނުވާލުމުގެ ކުރިން ގޯޅިކަންމަތީ އެ އޮންނަ ގްރޫޕްތެރޭ އިނދެގެން އަވަށްޓެރިންނަށް ކުރި ޖެއްސުމާއި ގޯނާ އެމީހުންގެ ހިތުގައި އަދިވެސް އޮންނާނެ އެވެ. ކަންމަތީ ފިހާރައިން ފަހުން ލާރިދޭން ނެގި ދަޅާއި ސިނގިރެޓަށް ލާރިނުދޭކަން އެތާ ސޭޓު އަދިވެސް ހަނދާން ހުންނާނެއެވެ.

އެކުވެރިޔާ އެވެ. ކަލޭ ތި އަރަނީ ކިތައް އިންޗި ބޫޓަކަށް ހެއްޔެވެ؟ އަޅެ ދޮގު ނަހަދާ ބުނެބަލާށެވެ. ކަލޭގެ ބޫޓު ސައިޒު ކިހާވަރެއް ހެއްޔެވެ؟ މަ މިހެން މި އަހަނީ ކަލޭގެ ސައިޒު ކަލެއަށް މުޅިން އޮޅިފައިވާހެން މަށަށް ހީވާތީއެވެ. އަޅެ އެއްފަހަރު ވެސް އަމިއްލަ ފޮޓޯ ތި ޓައީ ނާޅާ ހުދުގަމީސް ނުލާ ބަލާލަބަލާށެވެ. އޭރުން ސައިޒު ކަށަވަރު ވެދާނެ އެވެ. އެކުވެރިޔާއެވެ. ސައިޒު ބަލާކަށް ފެންވަރާ ވަޅެއް ހުރި ގިފިއްޔެއް މިހާރަކު ނުލިބޭނެއެވެ. އެކަމަކު އުސްތަށީގެ ފެންގަނޑުން ނުވަތަ ފާޚާނާގެ ލޯގަނޑުން ބަލާލެވިދާނެ އެވެ. އޭރުން ފުއްޕާފަ ތިހުރި މެއިން ވައި ހިނދިދާނެއެވެ. ކިހިލި ފަތްދަށުގައި ޖަހާފައި އިން ދިއްގޮނޑި ފަޅައިގެން ގޮސް ފާރުކޮޅު ހެޔޮވެދާނެއެވެ.

އެކުވެރިޔާ އެވެ. ކަލޭ އަޅާ ކޮންމެ ފިޔަވަޅަކާއެކު ކަލޭގެ ފަހަތުން ސޯޝަލް މީޑިއާ އެބަ ހިނގައެވެ. ހިތް ތިރިކޮށްލާށެވެ. އެހެން މީހުންނަށް ވެސް އިހުތިރާމް ކުރެވޭތޯ ބަލާށެވެ. މަ މިހެން މި ބުނަނީ ކަލޭ ތީ ކާކުކަން މަށަށް ފިސާރި ރަނގަޅަށް އެނގޭތީއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
58

2 Responses

  1. ބަނޑަށް ގޮށް އަ ރައިފި😂 އެކްޓްވިސްޓުން ބޮޑެތި މަގާމު ތަކަށް ލުން އަސްލު ކަޑަ😂😂😂😂
    ތިއީ ވަކިމީހަކަށް ޖެހި އެއްޗެއްތަ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *