މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އާއި ފަތުރުވެރިކަމާ ބެހޭ މިނިސްޓްރީ ގުޅިގެން އިންތިޒާމުކޮށްގެން ބާއްވާ ފަތުރުވެރިކަމާ ބެހޭ މަހާސިންތާ 2024 މިއަދު ފައްޓައިފި އެވެ.
މި މަހާސިންތާގައި ފަތުރުވެރިކަމާ ބެހޭ މިނިސްޓަރު އިބްރާހިމް ފައިސަލްގެ އިތުރުން އެމްއެމްޕީއާރްސީގެ މެނޭޖިންގް ޑިރެކްޓަރު ޝިއުރީ އިބްރާހިމް އާއި އެމްއެމްޕީއާރްސީގެ ޗެއަރޕާސަން އަބްދުﷲ ގިޔާސް ބައިވެރިވެވަޑައިގަންނަވަ އެވެ.
ކްރޮސްރޯޑްސްގައި މި ސިމްޕޯޒިއަމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި މި ސިމްޕޯޒިއަމްގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް އެއް ތަނަކަށް އެއްވެ ހިޔާލުފާޅުކޮށް، މަޝްވަރާކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބުން ޓޫރިޒަމް ދާއިރާގައި ހުރި ދަތިތައް ދެނެގަނެވި އެ ދާއިރާ ކުރިއަރުވަން ކުރާ މަސައްކަތަށް އެހީތެރިކަން ލިބިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.
"މި ސިމްޕޯޒިއަމްގައި ފަތުރުވެރިކަމުގެ ދާއިރާ ސިންދަފާތުކުރުމާއި ދާއިރާ ކުރިއެރުވޭނެ ގޮތްތަކާއި އެކިއެކި ބާވަތްތަކުގެ ފަތުރުވެރިކަން ރާއްޖެއަށް ތައާރަފްކުރުމާ ބެހޭ ގޮތުން މަޝްވަރާކުރެވޭނެ،" ފައިސަލް ވިދާޅުވި އެވެ.
މި މަހާސިންތާގައި ފަތުރުވެރިކަމާ ބެހޭ އެކި ދާއިރާތަކުން 150 އަށް ވުރެ ގިނަ މީހުން ބައިވެރިވެ އެވެ. މީގެ ތެރޭގައި ރިސޯޓްތަކާއި ގެސްޓްހައުސް، ލިވަރބޯޑް އަދި ލޯކަލް ޓުއަރިޒަމްގައި ހަރަކާތްތެރިވާ ފަރާތްތަކާއި ޓްރެވަލް އެޖެންޓުން އަދި ފަތުރުވެރިކަމާ ބެހޭ ޖަމިއްޔާތަކާއި، ޓްރެވަލް މީޑިއާތައް ހިމެނެ އެވެ.
އެއް ދުވަހަށް ކުރިއަށް ގެންދާ މި މަހާސިންތާގައި ފަތުރުވެރިކަމަށް އައު ސެގްމަންޓްތައް ތައާރަފު ކުރުމަށް މަޝްވަރާ ކުރުމަށް ވަނީ އެޖެންޑާ ކޮށްފައެވެ. އަދި މީގެ އިތުރުން ޕެނަލް ޑިސްކަޝަން އަކާއި ގްރޫޕް ޑިސްކަޝަންތައްވެސް ކުރިޔަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ.
އެމްއެމްޕީއާރްސީ އިން ބުނީ މި މަހާސިންތާގެ މަގުސަދަކީ ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށްޓަކައި ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން ދާއިރާގެ ފަރާތްތަކާއި މަޝްވަރާކޮށް، އައު ހިޔާލުތަކާއި ވިސްނުންތައް ދެނެގަތުން ކަމަށެވެ.



advertisment